ދީމާ އޭނާ ހޯދި މެޑަލްތައް ކަރުގައި އަޅުވާލައިގެން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓޭބަލް ޓެނިސް

ދެން ފަހަރަކު ރާއްޖެ އަށް ރަން މެޑަލް ހޯދައިދޭނަން: ދީމާ

އޭނާ ވަނީ މި އަހަރުގެ ސައުތު އޭޝިއާ މުބާރާތުން ރިހި މެޑަލް ހޯދައިފައި

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރި ހުރިހާ އިވެންޓަކުން މެޑަލް ކާމިޔާބުކުރެވުމުން އުފާވާ ކަމަށާއި އުއްމީދުކުރަނީ ދެން ފަހަރަކު ރާއްޖެ އަށް ރަން މެޑަލް ހޯދައިދޭން ކަމަށް ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ބުނެފި އެވެ.

އިއްޔެ މާލޭގައި ނިމުނު މުބާރާތުން ދީމާގެ އިތުރުން ރާއްޖެ އަށް ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އަންހެން ކެޑޭޓް ސިންގަލްސް އިން ދީމާ ހޯދި ރިހި މެޑެއްޔެވެ.

ރާއްޖެ އަށް ދެން ލިބުނީ ފަސް ލޯ މެޑަލް އެވެ. އެއީ ދީމާ ހޯދައިދިން އަންހެން ޖޫނިއާ ސިންގަލްސް ލޯ މެޑެއްޔާއި، ދީމާ ހިމެނިގެން އަންހެން ކެޑޭޓް ޑަބަލްސް އާއި އަންހެން ޖޫނިއާ ޑަބަލްސް އާއި އަންހެން ކެޑޭޓް ޓީމު އަދި އަންހެން ޖޫނިއާ ޓީމު އިވެންޓުން ލިބުނު ލޯ މެޑަލް އެވެ.

މުބާރާތުގެ ގަވާއިދުގެ ދަށުން ސެމީ ފައިނަލުން ބަލިވާ ދެ ޓީމުގެ މެދުގައި ލޯ މެޑަލް ނުވަތަ ތިން ވަނަ ހޮވާ މެޗެއް ކުޅުމުގެ ބަދަލުގައި ބަލިވާ ދެ ޓީމަށް ވެސް ލޯ މެޑަލް ދެ އެވެ.

ސެމީ ފައިނަލުން މޮޅުވެ ދީމާ އުފާފާޅުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދީމާ ވަނީ 2018 ވަނަ އަހަރު ހޯޕްސް ކެޓަގަރީން ދެކުނު އޭޝިއާ އިން ރިހި މެޑެއްޔެއް ހޯދައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އޭނާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

އެހެންވެ މި ފަހަރު އޭނާ ނުކުތީ ދެކުނު އޭޝިއާގެ ޖޫނިއާ ބައިން ރަން މެޑަލް ހޯދައި އަނެއް ހަރުފަތަށް އެރުމުގެ އުއްމީދުގަ އެވެ. އެކަން ހާސިލްކުރުމުގެ އެންމެ މުހިއްމު ފިޔަވަޅު އެޅީ ކެޓޭޓް ބައިގެ ސެމީ ފައިނަލުން އިންޑިއާގެ ސަންދިކާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ދީމާ ތިން ވަނަ ސެޓުން މޮޅުވާން ގޮސް ބޮޑު ލީޑެއްގައި އޮއްވާ ސަންދިކާ ފަހަތުން އަރައި ކުރި ހޯދި އެވެ. އެކަމަކު ދީމާ ހިތްވަރުކޮށް އެ ސެޓު ކާމިޔާބުކުރި އެވެ. އެއާ އެކު އޭނާ ރޯން ފެށި އެވެ. ދީމާގެ އެ އުފަލުގައި ބައިވެރިވާން، ސަޕޯޓަރުންގެ ތެރޭގައި ހުރި އޭނާގެ ބައްޕަ އަބްދުއްސައްތާރު އަލީ ވަގުތުން ދުވެފައި ދިޔަ އެވެ.

ދީމާ ބުނީ ފައިނަލަށް ދާން އެވަރަށް ބޭނުންވެފައި ހުއްޓާ ސަންދިކާ ފަހަތުން އެރުމުން އޭނާ ހާސްވެ ޝޮކެއް ލިބުނު ކަމަށެވެ. އަދި މެޗު ގެއްލިދާނެހެން ހީވި ކަމަށް ބުންޏެވެ.

"އެހެން ހުއްޓާ މޮޅުވީމާ ވަރަށް ބޮޑު ރިލީފެއް ލިބުނީ،" ދީމާ ބުންޏެވެ. "ފައިނަލް ކުޅެން ވަރަށް އެކްސައިޓްވެފައި ހުރީ."

ސެމީ ފައިނަލުން މޮޅުވުމުން ދީމާ އުފަލުން ރޮނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފައިނަލުގައި ދީމާ ވަނީ އިންޑިއާގެ ޖެނިފާ ވަރްގެސް އަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. ބަލިވީ ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ދީމާ ބުނީ ރަން މެޑަލް ނުލިބުމުން އުއްމީދުކުރި ހިސާބަށް ނުދެވުނު ކަމަށެވެ.

"އެކަމަކު ދީމާ އުފާވެފައި މިހުރީ (ވާދަކުރި) ހުރިހާ އިވެންޓަކުން މެޑަލް ލިބުމުން،" ދީމާ ބުންޏެވެ.

"ދެން ފަހަރަކު ހޯޕްފުލީ ރަން މެޑަލް އެއް ހޯދާނަން. އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން."

އަމިއްލަ ގައުމުގައި އޮތުމުން ދީމާ އާއި ރާއްޖޭގެ އެހެން ކުޅުންތެރިން މެޗުތައް ކުޅެމުން ދިޔައީ ވަރަށް ބޮޑު ސަޕޯޓަކާ އެކު އެވެ. އޭނާ ބުނީ ސަޕޯޓަރުން އައުމުން ވަރަށް އުފާވި ކަމަށާއި އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

"އެކަން ވަރަށް ބޮޑަށް އެޕްރިޝިއޭޓްކުރަން،" ދީމާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް