(ފޮޓޯ/ގެޓީ އިމޭޖެސް)

ރަޝިޔާއިން ހަކަތައަށް ދެމުން އަންނަ ހަމަލާތަކަކީ ގަތުލު އާންމަކަށް ވުން ގާތްކަމަށް ޔޫކްރެއިނުން ބުނެފި

ހަނގުރާމަ ކުރުމުގެ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ރަޝިޔާއިން އަންނަނީ އާންމު ރައްޔިތުންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދެމުން
28 ނޮވެމްބަރު 2022

ރަޝިޔާއިން ޔޫކްރެއިނުގެ ހަކަތައާ ބެހޭ ވިއުގައަށް ދެމުން އަންނަ ހަމަލާތަކަކީ ގަތުލު އާންމެއް ހިންގުން ކަމަށް ޔޫކްރެއިނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

ވަކި ވަސީލަތްތަކަކަށް ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކަކީ "މުޅި ޔޫކްރެއިނަށް" އަމާޒު ކުރެވެމުން އަންނަ ހަމަލާތަކެއް ކަމަށާއި  މިއީ އަމާން ދިނުމަށް ކީވް އަށް ޕްރެޝަރު ކުރުމަށް ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކެއް ކަމަށް ބީބީސީ ނޫހާ ވާހަކަ ދެއްކެވި ޔޫކްރެއިނުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވި އެވެ. 

ގަތުލު އާންމެއް ހިންގުމަކީ ވަކި ގްރޫޕެއް ނުވަތަ ނަސްލެއްގެ މީހުން އެކީ ނައްތާލުމެވެ. މިފަދަ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެ އެވެ. 

ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޔޫކްރެއިނުގެ އެތައް މިލިއަން ރައްޔިތުންނެއް ތިބީ ކަރަންޓުން މަހުރޫމުވެފަ އެވެ. އަދި އެ މީހުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ޔޫކްރެއިނުގެ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި މިމަހު ކުރީކޮޅު ޔޫކްރެއިނުގެ ބާރުގެ ދަށަށް ގެނެވުނު ކާސޯން އަށް ފުރިހަމައަށް ކަރަންޓު ދީފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. 

އަދި ވެރިރަށް ކީވް ހިމެނޭ ގޮތަށް 14 ސަރަހައްދެއްގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ކަރަންޓް ލިބުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

އދ. އިން ގަތުލު އާންމެއް ކަމަށް ކަނޑައަޅާފައި ވަނީ "ވަކި ނަސްލެއްގެ މީހުން ނުވަތަ ވަކި ދީނެއްގެ މީހުން އެކީ ނުވަތަ ބައިބަޔަށް ނައްތާލުމަށް މަސައްކަތް ކުރުން" އެވެ. 

މީގެ ތެރޭގައި ވަކި ގްރޫޕެއްގެ މީހުން މެރުމަށް ނުވަތަ އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ދިނުމަށް ހިންގޭ އަމަލުތަކާއި އެ މީހުންގެ ދަރިން ގަދަކަމުން އެހެން ސަރަހައްދަކަށް ގެންދިޔުން ހިމެނެ އެވެ. 

ޔޫކްރެއިނުގެ ކަރަންޓު ވިއުގަތަކަށް ހަމަލާތައް ދިނުމުގެ އިތުރުން، ޔޫކްރެއިނުގެ 11،000 ކުޑަކުދިން ރަޝިޔާއިން ގަދަކަމުން ގެންގޮސްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް އަންދްރީ ކޮސްޓިން ވިދާޅުވި އެވެ. 

އަދި މި ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ އަސްކަރިއްޔާއިން ހިންގާފައިވާ 49،000 އަށް ވުރެ ގިނަ ހަނގުރާމައިގެ ކުށްތައް ވެސް ތަހްގީގު ކުރަމުން އަންނަކަމަށް ކޮސްޓިން ފާހަގަ ކުރެއްވި އެވެ. 

ރަޝިޔާގެ ބާރުގެ ދަށަށް ދިޔަ ޔޫކްރެއިނުގެ ކޮންމެ ސަރަހައްދެއްގައި ރަޝިޔާ ސިފައިން "ގެންގުޅެފައި ވަނީ ހަމަ އެއް އުސޫލުތަކެއް،" ކަމަށް އޭނާ ވިދާޅުވި އެވެ. 

 ހަނގުރާމައިގެ ކުށްތަކަކީ ޖެނީވާ ކޮންވެންޝަން ފަދަ ބައިނަލްއަގްވާމީ ގާނޫނުތަކުގައި އެއްބަސްވެފައިވާ ހަނގުރާމައިގެ "ގަވާއިދުތަކާ" ހިލާފު އަމަލު ތަކެކެވެ. މި ގާނޫނުތަކުގައި އެއްބަސްވެފައިވާ ގޮތުން ހަނގުރާމަ ކުރަމުންދާ އަސްކަރީ ބާރުތަކުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އާންމުން ރައްކާތެރިކުރަން މަޖުބޫރުވެ އެވެ. ނަމަވެސް ރަޝިޔާއިން އަންނަނީ ތަކުރާރުކޮށް މި ގާނޫނާ ހިިލާފު ވަމުން ނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް