ވޯލްޑް ކަޕް ތަށި ހިފައިގެން އާޖެންޓީނާގެ ޓީމު އއްޔެ އާންމުންގެ ތެރެއިން ބަހުގައި ދަތުރުކުރަނީ: މީހުން ގިނަވެ ފަހުން ޖެހުނީ ބަސް ދަތުރު ހުއްޓާލަން

އާޖެންޓީނާގެ ޓީމަށް ޖެހުނީ ހެލިކޮޕްޓަރުގައި ބުރު ޖަހަން

މިއީ އާޖެންޓީނާގެ ތާރީހުގައި ވެސް ފެނުނު އެންމެ އުފާވެރި، އެންމެ ގިނަ ބަޔަކު އެއްވި އެއްވުން
21 ޑިސެމްބަރު 2022

އާޖެންޓީނާއަށް 36 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށް، އެ ތަށި ހިފައިގެން ވެރިރަށް ބިއުނަސް އޭރީޒްއަށް ޓީމު ކުރި ދަތުރު އެހެން ގޮތަކަށް ބަދަލުކުރަން ޖެހިއްޖެ އެވެ. ވެރިރަށުގެ މައި މައިދާން ސަރަހައްދަށާއި އެތަނާ ގުޅިފައިވާ މައި މަގުތައް ފުރާލާފައި އޮތީ އެތައް މިލިއަން ސަޕޯޓަރުންގެ ސަފުތަކުންނެވެ.

އާންމުކޮށް މިފަދަ ކާމިޔާބު ހޯދާ ޓީމުތައް މީހުންގެ ތެރެއިން ދަނީ ހުޅުވާލާފައި އޮންނަ ހާއްސަ ބަހެއްގަ އެވެ. ކެޕްޓަން ލިއޮނެލް މެސީ އާއި ބަތަލުން ފަދަ އެހެން ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބިއުނަސް އޭރީޒްގައި ދަތުރު ފެށީ އެގޮތަށެވެ. ނަމަވެސް އެހާ ގިނަ މީހުންގެ ތެރޭގައި ނުދެވިގެން ޖެހުނީ ހުއްޓާލާށެވެ.

ތައްޓާ އެކު އާޖެންޓީނާގެ ޓީމުން ފެށީ އަށް ގަޑިއިރުގެ ދަތުރެކެވެ. އެކަމަކު ވަކި ހިސާބަކުން މީހުންގެ ހަލަބޮލިކަމާ ހެދި ވިސްނުން ބަދަލުކުރަން ޖެހުނީ އެވެ.

 ބިއުނަސް އޭރީޒްއަށް ހަތަރު މިލިއަން މީހުން އެއްވި ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ލަފާކުރޭ

"ގޮވުމެއް ފަދަ އެ އުފާވެރިކަމުގައި އެހެން ދަތުރުކުރުމަކީ ނާދިރު ކަމެކެވެ،" އާޖެންޓީނާގެ ރައީސްގެ ތަރުޖަމާން ގެބްރިއޭލާ ސެރޫޓީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރިޖެއް ދަށުން ދަނިކޮށް ބަސް ތެރެއަށް އަރަން ސަޕޯޓަރުން މަސައްކަތްކުރި އެވެ. އެގޮތަށް އެރުމުގެ ތެރޭގައި އެކަކު ވެއްޓުނު ތަން ވެސް ފެނުނެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުފަލުގައި އިއްޔެ އަކީ އާޖެންޓީނާގައި ޗުއްޓީ ދުވަހެކެވެ.

އާޖެންޓީނާގެ މީޑިއާތަކުން ބުނާ ގޮތުގައި ބިއުނަސް އޭރީޒްގެ މަގުތަކަށް ހަތަރު މިލިއަނެއްހާ މީހުން ޖަމާވި އެވެ.

"މިއީ ގައުމުގެ ތާރީހުގައި ވެސް އެންމެ އުފާވެރި، އެންމެ ބޮޑު ޕާޓީތައް ބާއްވާ ދުވަހެވެ،" ސެރޫޓީ ލިއުއްވި އެވެ.

ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ފުޓްބޯޅަ ޓީމު ދެން ބުރު ޖެހީ ހެލިކޮޕްޓަރުގަ އެވެ. އެއްވެފައި ތިބި މީހުންގެ ބޯ މަތިން ދަތުރުކޮށް، އެ ބޮޑު އުފަލުގައި ބައިވެރިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް