ހދ. ހަނިމާދޫ: މިރަށުން ގޯތި ދޫކުރި އިރު ވެސް މާލޭ މީހުންނަށް އެއްވެސް ހުރަހެއް ނެތި ގޯތި ލިބުނު (ފޮޓޯ/އަހުމަދު އިނާޝް)

މާލެ-ރާއްޖެތެރެ ތަފާތުކުރުން: ތާރީހުގެ ތެރެއިން ފެންނަ ހަގީގަތް

ވަރަށް ކުރިންސުރެ ރަށްރަށުގެ މީހުންނަށް އޮތީ ދައުލަތުގެ ހަޒާނާ މުއްސަނދިކޮށްދޭން ގުލާނުކުރުން

މުހިންމު ނުކުތާތައް

ރާއްޖޭގައި ފުރަތަމަ ސިފައިންނާއި ފުލުހުން ވެސް އުފެއްދީ ހަމައެކަނި މާލޭ މީހުން ހިމަނައިގެން

ކުޑަސިޓީއަކީ ރަށްރަށުގެ މީހުންނާ މެދު ދައުލަތުން ތަފާތުކުރާކަން އެނގޭ ހެއްކެއް

ބައެއް ގާނޫނުތައް މާނަކުރި ގޮތުން ވެސް މާލޭގައި ރަޖިސްޓްރީވުމުގެ ހައްގު އެތައް ބަޔަކަށް ގެއްލުނު

ފުރަތަމަ ބައި

މާލެ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ އައު ސިޔާސަތުތަކެއް 26 ޖޫން 2022 ގައި ސަރުކާރުން އާންމުކުރުމާ ގުޅިގެން އެ ސިޔާސަތުތަކާ ދެކޮޅަށް 'ރާއްޖެތެރެ'އަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެމީހުން އެންމެ ބޮޑަށް ދައްކަނީ ސަރުކާރުން މާލެ މީހުންނާއި ރަށްރަށުގެ މީހުން ތަފާތުކުރާ ވާހަކަ އެވެ. ހިޔާވަހިކަން ހަމަޖައްސާ އިރު ދިވެހިން ދެ ގިންތިއަކުން މިނާ ވާހަކަ އެވެ. އެ އަޑުތަކާ ދެކޮޅަށް މާލެ ރައްޔިތުން ވެސް ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. މި ކަމުގައި، ފެންނަން އޮތް ހަގީގަތަކީ، މާލެ މީހުންނާއި ރާއްޖޭގެ އެހެން ރަށްރަށަށް ނިސްބަތްވާ މީހުން (ރާއްޖެތެރޭ މީހުން)ގެ މެދުގައި ޒަމާނުއްސުރެ ތަފާތުކުރުން ސަރުކާރުން ގެންގުޅުނު ކަމެވެ. ރައްޔިތުން ދަރަޖަކުރި ކަމެވެ.

މި ގޮތުން، ރާއްޖޭގެ އުފައްދާ ތަކެތިން ޓެކްސް އެންމެ ފުރަތަމަ ނެގި ޒަމާނުގައި މާލެ މީހުން ޓެކްސް ދައްކަން ނުޖެހޭއިރު ރަށްރަށުގެ މީހުން، ނުބައްދަލު މިންވަރަކަށް، ޓެކްސް ދައްކަން ޖެހުނުކަން އެޗް.ސީ.ޕީ ބެލްގެ ލިޔުންތަކުން އެނގެ އެވެ. އަދި ހަގުބޭކަލުންގެ ޒަމާނުގައި ވެސް، ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުން ހަ ވަރުގެ ތެރެއިން އެއްވެސް ވަރެއްގައި ނުހިމެނޭކަން ޕިރާޑުގެ ދަތުރުނާމާގައި ލިޔެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގައި ސިފައިން އަލަށް އުފެއްދިއިރު ސިފައިންގެ ފައުޖު ހާއްސަވީ ހަމައެކަނި މާލޭގެ ބޮޑުންނަށްކަން ވެސް ތާރީޚް ހެކިދެ އެވެ. ހަމަ މިފަދަ އުސޫލަކުން، ފުރަތަމައަށް ރާއްޖޭގައި އުފެއްދި ފުލުހުންނަކީ ވެސް މާލޭގެ ހަތަރު އަވަށަށް ނިސްބަތްވާ މީހުންކަން ތާރީހީ ލިޔުންތަކުން ހާމަވެ އެވެ. ރަށްރަށުގެ މީހުންނަށް އޮތީ މުޅި ހަޔާތުގައި ބުރަ މަސައްކަތްކޮށް، ދައުލަތުގެ ޚަޒާނާ އިތުރުކޮށްދިނުމާއި މުޅި އުމުރަށް ގުލާނުކުރުމެވެ. އެއީ އެ ޒަމާނެވެ.

ދިވެހި ސިފައިންގެ ހިނގާލުމެއް: ރާއްޖޭގައި ސިފައިން ފުރަތަމަ އުފެއްދީ ވެސް ހުސް މާލޭ މީހުން ލައިގެން

މިހާރުގެ ބަހުސް ފެށިގެން އުޅެނީ މާލެ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ކަނޑައެޅި އާ ސިޔާސަތުގެ ސަބަބުން ކަމަށް ވާތީ ރާއްޖޭގެ ރަށްވެހިވުމުގެ ކަންކަން ހިނގާފައިވާ ގޮތަށް ނަޒަރު ހިންގާލަން ޖެހެ އެވެ. ގޯއްޗަކީ ރަޖިސްޓަރީކުރަން ޖެހޭ އެއްޗެއް ކަމަށް ސަރުކާރުން ކަނޑައެޅީ 1 ޖެނުއަރީ 1959 ގަ އެވެ. އޭގެ ކުރިން، ވަކި ސަރުކާރުގެ އިދާރާއެއްގައި ގޯތި ނުވަތަ ގެ ރަޖިސްޓަރީ ކުރާކަށް ނުޖެހެ އެވެ. އޭގެ އަހަރުތަކެއް ފަހުން، ކޮންމެ ދިވެހި ރައްޔިތަކީ ވެސް މީހުން ދިރިއުޅޭ ކޮންމެވެސް ރަށެއްގެ ރަޖިސްޓަރީގައި ހިމެނެންވާނެ މީހަކު ކަމަށް ގާނޫނަކުން ކަނޑައެޅި އެވެ. މި ވެސް މުޅިން އަލަށް ނިންމި ކަމެކެވެ. އެގޮތުން 30 މެއި 1978 ގައި 'ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނު" ތަސްދީގު ކުރެއްވިއިރު އެއްވެސް ރަށެއްގައި ރަޖިސްޓަރީ ނުވެ ތިބި އެންމެންނަށް ގާނޫނީ ގޮތުން ދިން ހައްލަކީ، އެމީހަކު ދިރިއުޅުމުގެ ގޮތުން ފަސް އަހަރު ދުވަހު އުޅެފައިވާ ރަށެއްގެ ރަޖިސްޓަރީގައި ޖެހުމުގެ ފުރުސަތެވެ. އަދި 16 އަހަރު ނުވާ ކުދިންނަށް އެ ކުދިންގެ މަންމަ ނުވަތަ ބައްޕަ ރަޖިސްޓަރީވެފައިވާ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ މިނިވަންކަމެވެ. މީގެ އިތުރުން، އެ ކުއްޖެއްގެ ބައްޕަގެ ރަށުގެ ރަށްވެއްސަކަށް ވެފައިވާ 16 އަހަރު ނުފުރޭ ކުދިންގެ ތެރެއިން އެ ކުއްޖެއްގެ މަންމަ ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓަރީއަށް ބަދަލުކުރަން ބެލެނިވެރިޔާ ބޭނުންވާ ކުދިންނަށް އެ ހައްގު ވެސް އެ ގާނޫނުން ލިބިދިނެވެ.

ނަމަވެސް ސަރުކާރުގެ އިދާރާތައް ހިންގުމާ ހަވާލުވެގެން ތިއްބެތި ވެރިންނަށް ގާނޫނުގެ އެ މައްދާ މާނަކުރެވުނީ ރަށްރަށުގެ ފިރިހެނަކު މާލޭ އަންހެނަކާ އިނދެގެން ލިބޭ ދަރިންނަކީ މާލޭގައި ރަޖިސްޓަރީ ނުވެވޭނެ ބައެއްގެ ގޮތުގަ އެވެ. މިހެންވެ، މަންމައަކީ މާލެ މީހަކަށް ވިޔަސް މާލޭގެ މުނިސިޕަލްޓީން އެ ކުއްޖަކަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގުން މަހުރޫމްކުރި ދުވަސްވަރެއް ދިޔަ އެވެ. މީގެ އިތުރުން، ބިދޭސީ ފިރިހެނަކާ އިނދެގެން ލިބޭ ދަރިން ވެސް މާލޭގެ ރަޖިސްޓަރީގައި ޖެއްސޭނެ މަގެއް މާލެއަށް ނިސްބަތްވާ މައިންނަށް ނުލިބި ވެސް ދިޔަ އެވެ. މިނޫނަސް، މާލޭގައި ކިތަންމެ ދުވަހަކު ދިރިއުޅުނަސް އެމީހަކު ރަޖިސްޓަރީވާނެ އެޑްރެހެއް ނުވަތަ ގެއެއް ނެތިއްޖެ ނަމަ އެމީހަކަށް މާލެއަކު ރަޖިސްޓަރީއެއް ނުވެވެ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ކޮންމެވެސް އެހެން ރަށެއްގެ އެޑްރެހަކަށް ރަޖިސްޓަރީ ކުރަން އެފަދަ ފަރާތްތަކަށް މަޖުބޫރުވުމެވެ. އެކަން އެހެން ކުރަން ބޭނުން ނުވާ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ އެއްވެސް ތަނަކަށް ރަޖިސްޓަރީ ނުކޮށް ތިބެގެން ކުށަކަށް އަރައިގަތުމެވެ! ނުލިޔެވިވާ މިފަދަ ސިޔާސަތުތަކުގެ ސަބަބުންނާއި، ކުޑަސިޓީ އާއި ޒަމާނުއްސުރެ ހިންގުމުގެ ނިޒާމުގެ ތެރޭގައި އޮތް މާލެ އާއި 'ރާއްޖެތެރޭ'ގެ މީހުން ތަފާތުކުރުމުގެ ސަގާފަތް މުޖުތަމައުގެ ހުރިހާ ހިސާބަކަށް ފުޅާވެގެން ދިޔަ އެވެ. މިސްމީހުން ވާހަކަ ދައްކާ ރާގަށާއި ނިސްބަތްވާ ސަރަހައްދުގެ ބަހުރުވައަށް ނިސްބަތްކޮށް މަލާމާތުގެ ބަސްތައް، މަދަރުސާތަކުގަ އާއި ވަޒީފާގެ މާހައުލުގައި، އަމާޒުވި މީހުން މަދެއް ނުވާނެ އެވެ.

މާލޭގައި ދިއިރުޅުނަސް ނުވަތަ މާލެއަށް ނިސްބަތްވާ އަންހެނަކަށް މަންމަކިޔަސް މާލޭގެ ރަށްވެއްސަކަށް ނުވެވިފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީވާނެ ގެއެއް ނެތިގެން ރަޖިސްޓަރީ ނުވެވި ތިބި މީހުންނަށް މާލޭ ރަށްވެއްސަކަށް ވުމުގެ ފުރުސަތު ލިބުނީ 1 ފެބްރުއަރީ 1987 ގަ އެވެ. 'މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު'ގެ ނަމުން ނަންދީފައިވާ ރަޖިސްޓަރީއެއް (ފޮތެއް) މާލޭ މުނިސިޕަލްޓީގައި ތައާރަފް ކުރުމުންނެވެ. ކުރިން ބުނި ހުރިހާ މީހުން ވެސް އަވަސްވެގަތީ އެ 'ދަފްތަރު'ގައި އަވަހަށް ރަޖިސްޓަރީވުމަށެވެ.

ހއ. ހަތިފުށީ މީހުން ހދ. ހަނިމާދުއަށް ބަދަލުވުމުގެ ގޮތުން ރައްޔިތުންގެ ބަޔަކު އުފަން ރަށް ދޫކޮށް 2000ގެ އަހަރުތަކުގެ ކުރީކޮޅު ދަނީ: ރަށްރަށުގެ މީހުންނަށް މާލޭގައި ކުރިން ގިނަ ތަފާތުތަކަކާ ކުރިމަތިވި

މާލެ ރައްޔިތުންނަށް ވުމުން ބޯހިޔާވަހިކަމަށް އޮންނަ ފުރުސަތުކާއި އެފަދަ އެހެނިހެން ކަންކަމާ ހެދި ފުރަތަމަ ގިންތީގެ ރައްޔިތުންނަށް ބަދަލުވާން ބޭނުންވި ރަށްރަށަށް ނިސްބަތްވާ ބައެއް މީހުން ވެސް އެ ދަފްތަރުގައި ރަޖިސްޓަރީވި އެވެ. އެ ދަފްތަރުގައި ޖެއްސުމަކީ، ރަށްރަށުގެ މީހުން ކުރިން ނިސްބަތްވި ރަށުން ގޯތި ހޯދަން އޮތް ހުރަހަކަށް ވީ ނަމަވެސް މެއެވެ. ދަފްތަރުގައި ރަޖިސްޓަރީވި މީހުންނާ ޚިލާފަށް، ރާއްޖޭގެ ބިން ބޮޑު ރަށްރަށް ތަރައްގީކުރުމަށް ޕްލޭންކުރާއިރު އެ ރަށްރަށުން ދޫކުރާ ގޯއްޗަށް މާލޭ މީހުންނަށް އެދެވެ އެވެ. ސިލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓެއް ހަދައިގެން އެ ޔުނިޓުން ލ. ގަމުންނާއި، ހދ. ހަނިމާދޫންނާއި، ލ. އިސްދޫންނާއި، ހއ. ކެލައިން 3 ޖެނުއަރީ 1994 ގައި ގޯތި ދޫކުރަން ނިންމި އިރު މާލޭ ރަށްވެހިންނަށާއި ގޯއްޗެއް އޮތަސް އިތުރު ގޯތި ބޭނުންވާ މާލެ މީހުންނަށް އެ ފުރުސަތު ސަރުކާރުން ދިނެވެ. ދެ ވަނަ ގޯތި ލިބުނު ގިނަ މީހުންނަކީ ކޮން ބައެއްކަން ހިތްފުޅަށް ގެންނަވާށެވެ!

ރަށްރަށުގެ މީހުން މާލެ އައުމަށް ހައްދަން ޖެހޭ 'ކުޑަސިޓީ'ގެ ގަވާއިދަކީ މާލެ އާއި ރަށްރަށުގެ މީހުންގެ މެދުގައި ސަރުކާރުން ނިޒާމީ ގޮތެއްގައި ގެންގުޅުނު ތަފާތުކުރުން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ލިޔުމެކެވެ. ކުޑަސިޓީގެ ގަވާއިދު ނުވަތަ ރަސްމީ އިބާރާތުން ނަމަ 'ބީރައްޓެހިން މާލެ ފޭބުމުގެ ގަވާއިދު' އަކީ 13 މެއި 1957 ގައި އިއުލާންކޮށްފައިވާ ގަވާއިދެކެވެ. އެ ގަވާއިދަށް އެކި ފަހަރު މަތިން އިސްލާހު ގެނެވި، އެންމެ ފަހުން ސަރުކާރަށް މަޖުބޫރުވެގެން އެ ގަވާއިދު އުވާލީ 1990 ގަ އެވެ. އެ ގަވާއިދު އުވާލި ސަބަބެއް ކަމަށް ބުނާ އަޑުއިވެނީ ވައިގެ ދަތުރުފަތުރު ފުޅާވުމެވެ. ނަމަވެސް ހަގީގަތަކީ މާލެ މީހުންނާއި ރަށްރަށުގެ މީހުން ތަފާތުކުރުމާ ހެދި 'ރާއްޖެތެރޭ'ގެ މީހުންގެ މެދުގައި ސަރުކާރަށް އޮތް ހިތްހަމަނުޖެހުން 1988 އިން ފެށިގެން ސަރުކާރަށް ވެސް އެނގި، އެއިން ނެއްޓެން ބޭނުންވުމެވެ. ކުޑަސިޓީގެ ގަވާއިދު އުވާލުމުން އެކަމާ ހިތްހަމަ ނުޖެހޭ ބައެއް މީހުން ބުނާ ގޮތުން، މާލޭގެ އާބާދީ ބޮޑުތަނުން އިތުރުވާން ދިމާވި ސަބަބަކީ ވެސް އެ ގަވާއިދު އުވާލުމެވެ. ނަމަވެސް މިއީ ހަގީގަތާ ތަންކޮޅެއް ދުރު ވާހަކައެކެވެ. ސަބަބަކީ، 1988 ވަނަ އަހަރުގެ ރިޔާސީ ބަޔާން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްވެވިއިރު ވެސް މާލޭގައި އުޅޭ މީހުން ގިނަވެގެން ސިއްހީ ތަފާތު އަދި އިޖުތިމާއީ މައްސަލަ އިތުރުވަމުންދާކަން ފާހަގަވެފައި ވާތީ އެވެ. އަދި އެކަމަށް ހައްލެއް ގެނެވޭތޯ ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި ގޯތިގެދޮރާ ބެހޭ އައު ގަވާއިދެއް ތައާރަފް ކުރިކަން އެ ރިޔާސީ ބަޔާނުން އެނގެ އެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓު

ޑރ. ފައިރޫޝްއަކީ ކުރިން ފުލުހުންގެ އިސް އެތައް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. ދޭތެރެ ދޭތެރެއިން އިޖުތިމާއީ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ލިއުއްވަ އެވެ. ފުލުހުންގެ ވަޒީފާއިން ރިޓަޔަކުރެއްވުމަށް ފަހު އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިޔާގަ އެވެ.

ކޮމެންޓް (4)

އަހްމަދު

9 އޯގަސްޓު 2022
ވަކި މަޤްސަދެއް ޙާޞިލް ކުރުމުގެ ނިޔަތުގައި ފެކްޓްސް ހުށައަޅައިދިނަސް ހަޤީގަތަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްޤީ ވުން. ގިނަ ރައްޔިތުން އެދެނީވެސް އެގޮތް. އެންމެ ހެޔޮ ގޮތަކީ ފިތުނައަށް މަގުފަހިވާނެ ކަންކަމުން ދުރުވުން.
0 2

ޑާރވިން

9 އޯގަސްޓު 2022
ގައުމުތައް އިވޯލްވެ ބަދަލުވަމުން ދާއިރު އިހު ގެންގުޅެމުން އައި ބައެއް ކަންކަން ރަގަޅު ނޫން ކަންކަމުގެ ގޮތުގައި ދެކެން ފަށާނެއެވެ. މިސާލަކަށް ކުރީޒަމާނުގައި އިނގިރޭސިވިލާތުގެ "ނޮދަނަރސް" އަކީ ލަންޑަން ހިސާބު ގަނޑު މީހުން އެހެން ގޮތަކަށް ދެކޭ ބައެކެވެ. މިއަދު އެކަން އޮތީ އެހެނަކުންނޫނެވެ. އެކަމަކު ވެސް މިއަދު ވެސް ބައެއް މީހުން ލާނެއް ކަމުން ނޮދަރނާސް އަށް މަލާމަތް ކުރެއެވެ. އެކަން ވެސް "ވޯކް" އެޖެންޑާގެ ދަށުން ނިމުމަކަށް އެއަންނަނީއެވެ. ރާއްޖޭ ގައި ވެސް ކަން ވަމުން މިދަނީ ދާދި އެކަހަލަ ގޮތަކަށެވެ. ޕިރާޑްގެ ވާހަކަ ގެނައި އިރު ދެކުނު އަތޮޅުތަކުގެ މީހުން އޭނަ ސިފަކުރި ގޮތް ވެސް ލިޔެލިނަމަ ރަގަޅު ވީހެވެ. އެއީ އޭނަގެ އޮނަސްޓް އޮޕީނިއަނެކެވެ. މިއަދު ވެސް ބައެއް ކަހަލަ ކަންތައްތަކުގައި ޕިރާޑް ބުނި ސިފަ ފެނެއެވެ.
0 0

ާފލަހ

9 އޯގަސްޓު 2022
Malé Rajje there thafaathu is kuranee vaki bayeh, fithuna ufaadhanee vaki bayeh, maa heyo edhigen vaahaka dhakkaa iru emeehunakee feshunees suren raajyen beyruga gedhoru ganegen ulhey meehun, ebakayaku siyasee beynumakah, e vaahaka dhakkaa mehunnakee rah rah kudhinnah ganaa kuri meehun, emeehun bappa men eiru sarukaaraa gulhigen noonee siyasee nufoozga resort thah hingaa meehun. Emeehunge geyga rah rashun anna kujjeh ves nubahattane, emehunah korcheh igeynee Malé ge nikamethi rayyitunnaa rah rashuge meehunaa onna gulhun ??
3 1

މުހައްމަދު

9 އޯގަސްޓު 2022
ނައިސް ލިޔުމެއް. ގުޑް އިންފޯ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް