އާޖެންޓީނާ އިން ދެ ވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީއާ ހަމައަށް ގޮސްގެން

އާޖެންޓީނާ އިން 36 އަހަރު ފަހުން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

މިއީ ފަހުގެ ތާރީހުގައި ނުފެންނަވަރުގެ މޮޅު ފައިނަލެއް، ދެ ފަހަރަށް ފްރާންސުން އެއްވަރުކުރި. ނަތީޖާ ނެރުނީ ޕެނެލްޓީ އިން
18 ޑިސެމްބަރު 2022

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ހުވަފެން ހަގީގަތަކަށް ހަދައި، ޕެނެލްޓީ ޖަހައިގެން ފްރާންސް 4-2 އިން ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް ތަށި، 36 އަހަރަށް ފަހު މިރޭ ކާމިޔާބުކޮށްފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ އާދަޔާ ހިލާފު އަދި އެންމެ ފޯރިގަދަ ފައިނަލް މެޗެވެ. ދެ ފަހަރަށް އާޖެންޓީނާ ކުރި ހޯދައި، އަދި ދެ ފަހަރަށް ފްރާންސުން އެއްވަރުކުރި އެވެ.

މިއީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އަދި އެހާމެ އާދަޔާ ހިލާފު ގޮތަކަށް އަދި އޭނާގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން އާޖެންޓީނާއަށް ހޯދައިދިން ވަރަށް ބޮޑު ކާމިޔާބީއެއް ވެސް މެ އެވެ.

ފައިނަލް މެޗުގައި އާޖެންޓީނާއަށް ފުރަތަމަ ލީޑު ނަގައިދިނުމަށް ފަހު މެސީ އުފާ ފާޅުކުރަނީ

ތަށި ދިފާއުކުރަން އެރި ފްރާންސް ކޮޅަށް ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި އާޖެންޓީނާ އިން ލީޑް ނެގީ 23 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ، އެއްވެސް ގޯހެއް ނުހަދައި، ވައްދާލައިގެން މެސީ އެވެ. އޭގެ އިރުކޮޅެއް ފަހުން 36 ވަނަ މިނިޓްގައި އެ ލީޑު 2-0 އަށް ބަދަލުކޮށްލީ އެންހެލް ޑިމަރިއާ އެވެ.

ފުރަތަމަ ހާފުގައި އެންމެ ހަމަލާއެއް ވެސް ފްރާންސަކަށް ނުއުފެއްދުނެވެ. ހާއްސަކޮށް ކީލިއަން އެމްބާޕޭ އެއްގޮތަކަށް ވެސް މެޗު ތެރެއިން ފެންނަވަރެއް ނުވި އެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ދެ ލަނޑުގެ ލީޑެއް އޮވެ، ޓީމެއް ބަލިވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެހެންކަމުން ފްރާންސަށް އެ ތާރީހު ބަދަލުކޮށްލެވިދާނެތޯ ސުވާލު އުފެދުނީ، ފުރަތަމަ ހާފާއި ދެ ވަނަ ހާފުގެ ބޮޑު ބައެއްގައި ވެސް އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތް ނުވުމުންނެވެ.

އާޖެންޓީނާ ވޯލްޑް ކަޕްގައި

  • 3: ޗެމްޕިއަން

  • 4: ފައިނަލް

  • 82 ކުޅުނު

  • 43: މޮޅު

  • 140: ޖެހި ލަނޑު

  • 96: ވަން

އެކަމަކު މިއީ އާދަޔާ ހިލާފު ފައިނަލް މެޗެއްކަން މެޗު ނިމެން އެންމެ10 މިނިޓަށް ވެފައި ވަނިކޮށް ދައްކައިދިނީ އެމްބާޕޭ އެވެ. ފުރަތަމަ 80 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ވައްދާލައިގެންނެވެ. އޭގެ އެއް މިނިޓް ފަހުން އޭރިޔާ ތެރެއިން ލިބުނު ބޯޅަ ތިރިން އެހާމެ ރީތިކޮށް ފޮނުވާލައިގެން 2-2 އިން އެއްވަރުކޮށްދީގެންނެވެ.

އެއީ މެސީގެ ކުލަ ފަނޑުވެ، އެމްބާޕޭ ވިދައިގެން ހިސާބެވެ.

އެމްބާޕޭ ޕެނެލްޓީ ކާމިޔާބުކޮށް ބޯޅަ ހިފައިގެން ދަނީ: އޭނާއަކީ މިދިއަ 60 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ

އެކަމަކު އިތުރު ވަގުތުގެ ފަހު ހާފުގައި އަނެއްކާވެސް ކުޅިބަލާ މީހުންގެ ލޮލުގައި އަޅައިގަތީ މެސީ އެވެ. މިއީ އޭނާގެ ވޯލްޑް ކަޕެއްކަން ޔަގީންވާނެހެން 3-2 އަށް ނަތީޖާ ބަދަލުކޮށްލީ ގޯލުގެ ހަމަ ކުރިމަތިން ހުހަށް ލިބުނު ބޯޅައަކުންނެވެ.

އެކަމަކު އެމްބާޕޭ އަނެއްކާވެސް ސަމާލުކަން ދަމައިގަތެވެ. މިފަހަރު އިތުރު ވަގުތު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނެލްޓީއެއްގަ އެވެ. އިންގްލެންޑަށް 1966 ގައި ވޯލްޑް ކަޕް ހޯދައިދިން ފައިނަލް މެޗުގައި ޖިއޮފް ހާސްޓް ހެދި ހެޓްރިކަށް ފަހު ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި މިހާތަނަށް ފެނުނު ހަމައެކަނި ހެޓްރިކް، އެމްބާޕޭ ހަދައި، ތާރީހުގެ ތެރެއަށް ވަނެވެ.

ޖުމްލަ އަށް ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ވެސް އޭނާ ހޯދި އެވެ.

ޕެނެލްޓީގައި ފްރާންސަށް އާޖެންޓީނާއާ އެއްވަރެއް ނުކުރެވުނެވެ. އާޖެންޓީނާ އިން އެއްވެސް ޕެނެލްޓީއެއް ގެއްލުވައެއްނުލަ އެވެ. ފްރާންސަށް ދެ ޕެނެލްޓީ ނުޖެހި، މެޗުގެ ފަހުގެ ނަތީޖާއަކަށް ވީ 4-2 އިން އާޖެންޓީނާ މޮޅުވުމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް