ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން (ކ) އަދި ފަޒްލޫން މުހައްމަދު.

ޔޯގާ ހަމަނުޖެހުން: ހައްޔަރު ކުރި މީހުންގެ ތެރޭގައި 2 އިލްމުވެރިން ވެސް ހިމެނޭ

ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހައްޔަރު ކުރީ ސީދާ ހަމަނުޖެހުމުގައި ބައިވެރިވެގެން ކަމެއް އެނގިފައެއް ނުވޭ
22 ޖޫން 2022
1

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނޭކަން ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ޔޯގާ ދުވަހުގެ ހަރަކާތް ހިންގަމުން ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ އެ ތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ. އެގޮތުން ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި އިއްޔެ ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ހަތަރު މީހަކު ދެ މަހަށް އަދި ދެ މީހަކު ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.

މިރޭ ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށް މަސައްކަތް ކުރާ ދެ މީހަކު ވެސް ހިމެނެ އެވެ. އެއީ ސަލަފް ޖަމިއްޔާ އިން މީގެ ކުރިން އިންތިޒާމްކުރި ދީނީ ތަގުރީރުތައް ވެސް ދީފައިވާ:

  • ފަޒްލޫން މުހައްމަދު

  • އާދަމް ނިޝާން

ތަފްސީލް - އެ ދެ މީހުން ވެސް ވަނީ ޔޯގާއަކީ ޝިރުކު ކުރުން ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ބުނެ، ޔޯގާއާ ދެކޮޅަށް އަޑުއުފުލުމަށް ހިތްވަރު ދީފަ އެވެ. އަދި ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުންގެ ތެރޭގައި އެންމެ ފުރަތަމަކޮޅު އިސްކޮށް ތިބެ، އެ މީހުންނާ މުހާތަބުކޮށް އެ ސަރަހައްދުގައި ފަޒްލޫނާއި ނިޝާން ވަނީ ތަގުރީރު ވެސް ކޮށްފަ އެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ސީދާ ހަރަކާތުގައި ބައިވެރިވެގެން ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. މީގެ އިތުރުން، އެ މީހުން ހައްޔަރުކުރި ތަނެއް ވެސް އަދި ސާފެއް ނުވެ އެވެ.

ސަލަފުން ވަނީ އިއްޔެގެ ހަމަނުޖެހުމަކީ އެ ޖަމިއްޔާއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އެނގުން މުހިންމު - ޔޯގާއާ ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ޝުއޫރު ފާޅުކުރަނީ އެއީ އިސްލާމް ދީނާ ދުރު، ހިންދޫންގެ އަޅުކަމެއް ކަމަށް ބުނެ އެވެ. ޔޯގާ ހަރަކާތް ކުރިއަށް ގެންދާތީ އިލްމުވެރިންގެ ގުޅުމުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަޒްލޫނާއި ނިޝާންގެ އިތުރުން، މި މައްސަލައާ ގުޅިގެން މިރޭ ފުލުހުން ވަނީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓު އަލީ ނަސީމް (ތަކަނޭ) ވެސް ހައްޔަރުކޮށްފަ އެވެ.

މުހައްމަދު އިސްމާއިލް އަކީ ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގާ ފަރާތެވެ. އެގޮތުން، އިދިކޮޅުގެ 'އިންޑިއާ އައުޓް' ހަރަކާތާއި 'ނަބިއްޔާގެ ދިފާއުގައި' ހަރަކާތުގައި ވެސް އޭނާ އިސްކޮށް އުޅުއްވަ އެވެ.

ފުލުހުން ބުނެފައި ވަނީ، ހަމަނުޖެހުން ހިންގި ބައެއް މީހުން ބޭނުންކުރި އާލާތްތަކަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ތަކެތިކަން އެނގިފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ބޭނުން ކުރި ޝަހާދަތުގެ ކަލިމަ ޖަހާފައި ހުރި ހުދު ކުލައިގެ ދިދަތައް ޕީޕީއެމްގެ އޮފީހުން ނެރޭ ތަން ފެންނަ ފޮޓޯތަކެއް ވެސް ދަނީ ދައުރުވަމުންނެވެ. އެކަމަކު، ޕީޕީއެމްއިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު ނަދީމް، 43، ކ. ތުލުސްދޫ/ވީނަސް

  • މުހައްމަދު ޒިލްޔަން، 37، މއ. ކަނުހުރާ

  • ޝާމީ ރަޝާދު އިދްރީސް، 30، ދަފްތަރު ނަންބަރު ދރ. 1105

  • މުހައްމަދު މައުސޫމް، 40، ތ. މަޑިފުށި/ހެޕީސައިޑް

  • މުހައްމަދު ހުސައިން، 47، ހއ. ތުރާކުނު/ގްރީންހައުސް

  • އަމީން އަހްމަދު، 35،ގދ. ރަތަފަންދޫ/ލިލީޕާކް

އެ މީހުންގެ ތެރެއިން ޒިލްޔަން އާއި ޝާމީ ރަޝާދުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ ދެ މަސްދުވަހެވެ.

ކޮމެންޓް (1)

ޙިލަމު

22 ޖޫން 2022
މިއީ ހަމަ ހަގީގަތުގައިވެސް ހައްޔަރު ކުރަން ޖެހޭ ދެމީހުން. ފިތުނަވެރި ވާހަކަ ނޫނީ ނުދައްކާނެ
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް