ގޫގުލް ޕިކްސެލް އޭ ފޯނު. (ފޮޓޯ/ގޫގުލް)

ގޫގުލް އިން 3 ސްމާޓްފޯނާއި ގަޑިއަކާއި ޓެބްލެޓެއް ނެރެނީ

ގޫގުލްގެ ފުރަތަމަ ސްމާޓްވޮޗު އަންނަ ޖުލައި މަހު ލޯންޗުކުރާއިރު، ޓެބްލެޓު ލޯންޗުކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރު

ގޫގުލް އިން އިޝްތިހާރު ޖަހައިގެން ހޯދާ ނަފާގެ މައްޗަށް އެ ކުންފުނީގެ ޖުމްލަ އާމްދަނީ ބަރޯސާވެފައި ވާ ވަރު ކުޑަކޮށް، އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރުމަށް، ގޫގުލް އިން ލޯންޗުކުރުމަށް ހަމަޖައްސާފައި އުފެއްދުންތައް ދައްކާލައިފި އެވެ.

ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މީހުން އެއް ތަނަކަށް ޖަމާކޮށްގެން ބޭއްވި ކޮންފަރެންސްގައި މިދިޔަ ބުދަ ދުވަހު ގޫގުލް އިން ވަނީ މުޅިން އާ ތިން ސްމާޓްފޯނާއި ސްމާޓްވޮޗަކާ އަދި އަންނަ އަހަރު އާ ޓެބްލެޓެއް ނެރުމަށް ހަމަޖައްސާފައި ވާކަން އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން ވެސް މިހާރު ފޯރުކޮށްދެމުން އަންނަ ގޫގުލް މެޕްސް އާއި ގޫގުލް ޓްރާންސްލޭޓް ފަދަ ގިނަ ހިދުމަތްތަކަކަށް ގެންނަ އަޕްޑޭޓުތަކެއް ވެސް މި ކޮންފަރެންސްގައި ގޫގުލް އިން ވަނީ ހާމަކޮށްފަ އެވެ.

ގޫގުލް އިން އިއުލާނުކުރި އާ ތިން ފޯނުގެ ތެރޭގައި ހިމެނެނީ މި އަަހަރުގެ ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ނެރުމަށް ނިންމާފައިވާ ' ޕިކްސެލް 7' އާއި 'ޕިކްސެލް 7 ޕްރޯ' އަދި އަންނަ ޖުލައި މަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ 'ޕިކްސެލް 6އޭ' ފޯނެެވެ.

ގޫގުލް އިން 'ޕިކްސެލް 7'ގެ ދެ ފޯނާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލުތަކެއް ދީފައި ނުވި ނަމަވެސް، 'ޕިކްސެލް 6އޭ' ސްމާޓްފޯނަކީ މިދިޔަ އަހަރު ނެރުނު 'ޕިކްސެލް 6'ގެ ބަޖެޓު ފޯނު ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ފޯނު ޖުލައި 21 ފެށިގެން 449 ޑޮލަރަށް ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

'ޕިކްސެލް 7' ސްމާޓްފޯން. (ފޮޓޯ/ގޫގުލް)

ފޯނުތަކުގެ އިތުރުން، ބުދަ ދުވަހުގެ ކޮންފަރެންސްގައި ގޫގުލް އިން އިއުލާނުކޮށްފައި ވަނީ ޕިކްސެލް ވޮޗެވެ. މިހާތަނަށް ގޫގުލް އިން ސްމާޓްވޮޗެއް އުފައްދާފައި ނުވި ނަމަވެސް، އެ ކުންފުނިން ސްމާޓްވޮޗުތަކަށް ބޭނުންވާ ސޮފްޓްވެއާ ފޯރުކޮށްދެ އެވެ.

މުޅިން އަލަށް ގޫގުލް އިން ވަންނަ މި ކެޓަގަރީގައި ވާދަކުރުމަށް ލޯންޗުކުރާ ޕިކްސެލް ސްމާޓްވޮޗުގައި ގޫގުލްގެ 'ވެއާއޯއެސް' ސޮފްޓްވެއާ އަޅާފައި ވާއިރު، 2019ގައި ގޫގުލް އިން ގަނެފައިވާ 'ފިޓްބިޓް' ކުންފުނިން މަޝްހޫރުކުރި ފިޓްނެސް ފީޗާތައް ވެސް ހުންނާނެ އެވެ.

ގޫގުލް 'ޕިކްސެލް ވޮޗު'. (ފޮޓޯ/ގޫގުލް)

'ޕިކްސެލް ވޮޗު' ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ 'ޕިކްސެލް 7' ފޯނުތަކާ އެކު ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ.

މި ކޮންފަރެންސްގައި ދެން އަލިއަޅުވާލި ޕިކްސެލް ޓެބްލެޓާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ގޫގުލް އިން ދީފައި ނުވި ނަމަވެސް، މި ޓެބްލެޓު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް، ގޫގުލް އިން ވަނީ އެ ކުންފުނިން ނެރެމުން އަންނަ 'ޕިކްސެލް ބަޑްސް ޕްރޯ'ގެ ބްލޫޓޫތު އިއާފޯނުތައް އަޕްގްރޭޑުކޮށް، އާ ވާޝަންތައް ދައްކާލާފަ އެވެ.

'ގޫގުލް ޕިކްސެލް ބަޑްސް' ޕްރޯ. (ފޮޓޯ/ ގޫގުލް)

'ޕިކްސެލް ބަޑްސް ޕްރޯ'ގެ އެންމެ ފަހުގެ ވާޝަން ހަތަރު ކުލައިން ލިބެން ހުންނައިރު، ޖުލައި 21އިން ފެށިގެން މި އިއާބަޑްސްތައް 199 ޑޮލަރަށް ގަންނަން ލިބޭނެ ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް