ސިއްހަތު

ބިސްރަވާގައި ސިސްޓް އުފެދުން: ރާއްޖޭގައި ވެސް އާންމުވަމުންދާ މައްސަލައެއް

މިއީ ތަފާތު ބާވަތްތަކެއް ހުންނަ ބައްޔަކަށް ވާތީ ތިމާއަށް ކުރިމަތިވަނީ އޭގެ ކޮން ބާވަތެއްގެ މައްސަލައެއްތޯ ދެނެގަތުން މުހިންމު

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެން ސަލާންގަލާން ކުރުމުގައި ގެންގުޅޭ އާދައަކައް ނަޒަރު ހިނގާލަމާތޯ އެވެ؟ މީހާކާ ބައްދަލުވެ އެންމެ ފުރަތަމަ ކިޔޭ މަރުހަބާއެއްގެ ގޮތުން 'ހާދަ ފަލައޭ' ނުވަތަ 'މޫނުގައި ހާދަ ބިހިގިނައޭ' ބުނެލުމުން ކުރެވޭ ހިތި ތަޖުތިބާވާނީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހަޔާތުގައި އެއްފަހަރު ނަމަވެސް ކުރެވިފަ އެވެ. ނަމަވެސް މީހެއްގެ ސިފައަށް ފާޑުކިއުމުގެ ކުރިން ވިސްނާލަން ޖެހޭ ހަގީގަތަކީ ގިނަ ފަހަރަށް މި ކަންތައްތަކަކީ އިހުތިޔާރުން ބޭރުގައިވާ ކަންތައް ކަމެވެ.

މި ސެޕްޓެމްބަރު މަހަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި ޕީސީއޯއެސް (ޕޮލި ސިސްޓިކް އޯވޭރިއަން ސިންޑްރޯމް ނުވަތަ ދިވެހި ބަހުން ނަމަ ބިސްރަވައިގައި އުފެދޭ ސިސްޓް)އާ ބެހޭ ގޮތުން ހޭލުންތެރިކަން ފެތުރުމަށް ހާއްސަ ކުރެވިފާއިވާ މަހެއްކަމުން މި ވާހަކަ ދައްކަން އެންމެ މުނާސަބު ދަނޑިވަޅަކީ މިއީކަން ޔަގީނެވެ. ސަބަބަކީ މިބަލީގެ ގިނަ އަލާމާތްތަކަކީ ހަމަ ލޮލަށް ފެންނަން ހުންނަ ކަންތައް ކަމުން މިކަމާ މެދު އާންމުން ވީހާވެސް އަހުލުވެރި ވުމަކީ އަނެކާއަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ.

ޕީސީޢޯއެސް ނުވަތަ ބިސްރަވައިގައި އުފެދޭ ސިސްޓަކީ ކޮބާ؟

މިއީ ދަރިމައި ވުމުގެ އުމުރުގެ އަންހެނުންނަށް ޖެހޭ މައްސަލައަކަށް ދީފައިވާ ނަމެކެވެ. ސީދާ ކަނޑައެޅިގެން މިކަމާ ބެހޭ ތަފާސްހިސާބު ރާއްޖޭގެ އާބާދީއަށް ބިނާކޮށް ނެރެފައި ނުވިކަމުގައި ވިޔަސް ސޯޝަލް މީޑިއާގެ ތަފާތު ސަޕޯޓް ގްރޫޕްތަކާއި ޕޭޖުތަކުން މިއީ މި ގައުމުގެ ގިނަ އަންހެނުންނަށް ތަހައްމަލް ކުރަން ޖެހިފައިވާ ކަމެއްކަން ސާބިތުވެ އެވެ.

މިބަލި ޖެހުނުކަމަށް ކަނޑައަޅަން ބަލާ މިންގަނޑުތައް

  • ގަވާއިދުން ޕީރިއަޑް ނުވުން. އެމެނޯރިއާ ނުވަތަ މައްސަރުގެ ލޭ އެއްގޮތަކަށް ވެސް ނައުން. މެނޮރާޖިއާ، ނުވަތަ މައްސަރުގެ ލޭ ހަތް ދުވަހަށް ވުރެ ދިގު ދެމިގެން ދިއުން. މިކަން މިހެން ދިމާވަނީ ހޯމޯންގެ މިންގަނޑުތައް ކަސިޔާރުވުމުން

  • މޫނުގައި ނުވަތަ ހަށިގަނޑުގެ އެހެނިހެން ގުނަވަން/ބައިތަކުގައި އާދަޔާ ހިލާފަށް އިތުރަށް އިސްތަށި ފެޅުން. މިހެން ދިމާވަނީ މިބަލި ޖެހޭ މީހުންގެ ލޭގައި ފިރިހެން ހޯމޯން، އެންޑްރޯޖެން ގިނަވުމުގެ ސަބަބުން. އެހެންކަމުން އެންޑްރޯޖެން ހުރި މިންވަރު ބެލިދާނެ

  • އަލްޓްރާސައުންޑް ސްކޭންގެ އެހީގައި ބިސްރަވާގައި ސިސްޓް ހުރިތޯ ބަލާ ކަށަވަރުކުރުން

މަތީގައިވާ އަލާމާތްތަކަކީ މި ބަލި ޑައިގްނޯސްކުރުމުގައި ސިއްހީ މާހިރުން ބަލާ މިންގަނޑުތަކެވެ. މިތިން ކަމުގެ ތަރެއިން ދެ ކަމެއް ދިމާވެއްޖެ ނަމަ އެއީ ޕީސީއޯއެސްކަން ބަލައިގަނެވޭނެ އެވެ.

 މިކަންކަމާ މެދު އަހުލުވެރިވުން މުހިއްމުވަނީ މައްސަރުގެ ލޭ އައުމުގައި ދިމާވާ ކޮންމެ މަސަލައެއް ޕީސީއޯއެސްއަށް ނުވެދާނެތީ އެވެ. މި މައްސަލަ ދިމާވެ، އެކަމަކު މިއީ ކިހިނެއް ވާ ކަމައްކަން ނޭނގޭ މީހުން ގިނަ އެވެ. ޕީސީއޯއެސްގެ އެކި ބާވަތްތަކަށް ދޭ ފަރުވާ ތަފާތެވެ. އެހެންކަމުން ތިމާއަށް ޖެހިފައި ވަނީ ކޮން ބާވަތެއްގެ ޕީސީއޯއެސްއެއްކަން ކަށަވަރުކުރަން ޖެހެ އެވެ. 

 ޕީސީއޯއެސް ބެހިފައިވާ މައިގަނޑު ހަތަރު ބައި

1. އިންސިއުލިންއަށް ނުގުޑާ ޕީސީއޯއެސް

ޕީސީއޯއެސް ތަހައްމަލުކުރަމުންދާ އާބާދީގެ %70 މީހުންގެ ކިބައިން ފެންނަނީ މި ބާވަތުގެ ޕީސީއޯއެސް އެވެ. މި ބާވަތް ހުންނަ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސިއުލިންއަށް ހަށިގަނޑު ނުގުޑުމުގެ ސަބަބުން ލޭގައި ދައުރުވާ އިންސިއުލިންގެ މާއްދާ އާއި ލެޕްޓިންގެ މާއްދާ މާ ބޮޑަށް މަތިވެ، ބިސް އުފެދުމުގެ މަރުހަލާ (އޯވިއުލޭޝަން)އަށް ހުރަސް އެޅޭތީ އެވެ. އަދި މިކަމާ ވިދިގެން ބިސްރަވައިން ވަރަށް ގިނަ އަދަދަކަށް ފިރިހެން ހޯމޯން އެންޑްރޯޖެންގެ ބާވަތެއް ކަމަށްވާ ޓެސްޓަސްޓަރޯން އުފައްދާތީ އެވެ. މި ބާވަތް ޑައިގްނޯސް ކުރުމަށް ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ. އަދި މި ޓެސްޓްތަކުގެ އިތުރަށް އެޗްބީއޭވަންސީ އާއި ލިއުޓަނައިޒިންގް ހޯމޯންގެ މިންގަނޑު ދެނެގަތުން ވެސް މުހިއްމެވެ.

އިންސިއުލިންއަށް ނުގުޑާ ޕިސީއޯއެސްކަން ދެނެގަނެވޭނެ ބައެއް ނިޝާންތައް

  • އާދަޔާހިލާފަށް ކާހިތްވެ އަވަސް އަވަހަށް ބަނޑުހައިވުން

  • މޫނުގައި ސިސްޓިކް އޭކްނޭއޭ ކިޔާ ޒާތުގެ ބިހި ނެގުން

  • ވަރަށް ބޮޑަށް ބަރުދަން އިތުރުވުން، ބަރުހެލިވުން

  • ކަރުގެ ފަހަތާއި ކިހިލިފަތުގެ ހަމުގެ ކުލަ އާދަޔާ ހިލާފަށް ކަޅުވުން 

  • މޫޑު އަވަސްއަވަހަށް ބަދަލުވުން

މިކަމަށް އޮތް ފަރުވާއަކީ ކޮބާ؟

މިއީ ދާއިމީ ފަރުވާ ލިބިގަންނަން ޖެހޭ ބައްޔެއް ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ނަމަ މިކަމުގެ އަލާމާތްތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް މާހިރުން ބުނެ އެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ޕީސީއޯއެސްގެ ހާއްސަ ޑައެޓް: ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުން އިތުރުކޮށް ކާބޯހައިޑްރޭޓްސްގެ ބައި މަދުކުރުން. ހަކުރު ގިނައިން އެކުލެވޭ ފޮނި ކާއެއްޗެއްސާއި ބުއިންތަކުން ދުރުހެލިވުން. ވީހާވެސް ދުޅަހެޔޮ ކާނާ ބޭނުންކުރުން އާދަކުރުމުން.

  • ކެއުމުގެ ތެރޭގައި މެގްނީސިއަމް މި މާއްދާ ހިމެނުން، މިސާލަކަށް އެވަކާޑޯ އާއި ދޮންކެޔޮ އަދި އަލަމަންޑްސް ފަދަ ބާވަތްތައް

  • މެޓްފޯރްމިން ބޭހާ އެކު އިނޯސިޓޯލް ސަޕްލިމެންޓް ބޭނުންކުރުން ނުވަތަ ވަކިން ބޭނުންކުރުން

  • ހަފްތާއަކު މަދުވެގެން 150 މިނެޓް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމުން ވެސް އިންސިއުލިންގެ ލެވެލް ހަމައަކަށް އަޅުވަން އެހީވޭ

2. ދޭތެރެދުރުކުރާ ބޭސް ހުއްޓާލުމުން ޖެހޭ ޕީސީއޯއެސް (ޕިލް އިންޑިއުސްޑް)

ބިސްރަވައިގައި އުފެދޭ ސިސްޓް ބެހިފައިވާ ބާވަތްތަކުގެ ތެރެއިން ވަގުތީ ކަމެއްގެ ގޮތެއްގައި ކުރިމަތިވަނީ ހަމައެކަނި މި ބާވަތެވެ. މި މައްސަލަ ދިމާވަނީ ދޭތެރެދުރުކުރާ ބޭސް ދިގު މުއްދަތެއްގައި ބޭނުންކުރުމަށް ފަހު ހުއްޓާލުމުގެ ސަބަބުން ލޭގައި އެންޑްރޯޖެން ދައުރުވާ މިންވަރު ކުއްލި ގޮތަކަށް މަތިވުމުގެ ސަބަބުންނެވެ.

ޕިލް އިންޑިއުސްޑް ޕީސީއޯއެސް ޖެހިފައިވާ އަންހެނުންގެ ކިބައިން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ، އާންމުކޮށް ވެސް މި މައްސަލަ ދިމާވާ މީހުން ކުރާ އެއް ޝަކުވާ ކަމަށްވާ މައްސަރުގެ ލޭ ގަވާއިދުން ނައުމެވެ. އޭގެ ތެރޭގައި މައްސަރުގެ ކަންތައް ލައިނުގަތުން (އެމެނޯރިއާ) އަދި މައްސަރުގެ ލޭ ހަތް ދުވަހަށް ވުރެ ދިގުދެމިގެން ދިއުން (މެނޮރާޖިއާ) ހިމެނެ އެވެ. މީގެ އިތުރުން މޫނާއި ހަށިގަނޑުގެ ބައިތަކުގައި އިސްތަށި ހުންނަ މިންވަރު އިތުރުވުމާއި، މޫނުގައި ބިހި ނެގެމާއި ބޮލުން އިސްތަށި ފޭބުމާއި އާދަޔާ ހިލާފަށް އަވަހަށް ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަކީ މިބަލީގެ އަލާމާތްތަކެވެ.

ޕިލް އިންޑިއުސްޑްގެ ދެނެގަންނާނީ ކިހިނެއް؟

ތިމާއަށް ޖެހިފައިވަނީ ފިލް އިންޑިއުސްޑް ޕީސީއޯއެސްކަން ކަށަވަރުކުރުމުގެ ގޮތުން، އިންސިއުލިންއަށް ނުގުޑާ ޒާތުގެ ޕީސީއޯއެސް ނެތްކަން ޔަގީނާ ގާތަށް ކަށަވަރުކުރުން މުހިއްމެވެ. މީގެ އިތުރަށް ބިސްރަވައިގައި އުފެދޭ ސިސްޓް ހުރި މީހެއްކަމަށް ބަލަން ގެންގުޅޭ އާންމު މިންގަނޑުގައި ހިމެނޭ ތިން ޝަރުތުގެ ތެރެއިން މަދުވެގަން ދެ ކަމެއް ހުންނަން ޖެހެ އެވެ.

ދޭތެރެދުރުކުރާ ބޭސް ކެއުމަށް ފަހު ހުއްޓާލުމުގެ ސަބަބުން ޖެހޭ ޕީސީޢޯއެސް އާއި އިންސިއުލިންއަށް ނުގުޑާ ޒާތުގެ ޕީސީއޯއެސް ޖެހިފައިވާ މީހުންގެ ފަރުވާ ދާދި އެއްގޮތެވެ. މިސާލަކަށް ކެއުމުގެ ވައްޓަފާޅި ވީހާވެސް ދުޅަހެޔޮކޮށް ބައްޓަންކޮށް، މަދުވެގެން ހަފްތާއަކު 150 މިނެޓް ކޮންމެވެސް ބާވަތެއްގެ ކަސްރަތުކުރުމެވެ. މީގެ އިތުރަށް ޒިންކް ފަދަ ސަޕްލިމެންޓް ކެއުމަކީ ވެސް ފައިދާހުރި ކަމެކެވެ.

3. އިންފްލެމޭޝަންގެ ސަބަބުން ޖެހޭ ޕީސީއޯއެސް (އިންފްލެމޭޓަރީ ޕީސީއޯއެސް)

މި ބާތުގެ ޕީސީއޯއެސް ޖެހިފައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ ދިގު މުއްދަތަކަށް ދިގުލައިގެންދާ ޒާތުގެ އިންފްލެމޭޝަންގެ ސަބަބުން ބިސްރަވަ (އޯވަރީ) ސްޓިމިއުލޭޓްވެ، އެކަމުގެ ސަބަބުން އަދާޔާ ހިލާފަށް ފިރިހެން ހޯމޯން ޓެސްޓޮސްޓެރޯން ބިސްރަވައިން އުފެއްދުމުގެ ސަބަބުންނެވެ.

ބައެއް އަލާމާތްތައް:

  • އަށް ގަޑިއިރުގެ ނިދި ހަމަވުމުން ވެސް ވަރުބަލިކަން އިހުސާސްވުން

  • ބަނޑު ފުއްޕުން (ބްލޯޓިންގް)

  • ބަރުދަން ލުއިކުރަން އުނދަގޫވުން (ވެއިޓް ޕްލެޓޫ)

  • ހަމުގެ މައްސަލައެއް ކަމަށްވާ އެކްޒީމާބަލި ހުރުން

  • ބޮލުން އިސްތަށި ފޭބުން

  • ބޮޑުކަމުގެ ދިއުމުގެ މައްސަލައެއް ކަމަށްވާ އިރިޓަބްލް ބަވަލް ސިންޑްރޯމް

  • ބޮލުގަ އާއި ހުޅުހުޅުގައި ރިއްސުން

  • ވަރުބަލިކަން އިހުސާސްވުން

  • އަވަސް އަވަހަށް މޫޑު ބަދަލުވުން 

މި ބާވަތުގެ ޕީސީއޯއެސް ދެނެގަންނާނީ ކިހިނެއް؟

ތިމާއަށް ޖެހިފައިވަނީ އިންފްލެމޭޓަރީ ޕީސީއޯއެސް ކަން ކަށަވަރުކުރުމުގައި ކަޑައްތުކުރަން ޖެހޭ މަރުހަލާތައް ފުދޭވަރަކަށް ގިނަ އެވެ. މިގޮތުން ޓެސްޓުތަކާއި ބަލަން ޖެހޭ ބެލުންތަކަށް ފަހު އިންސިއުލިންއަށް ނުގުޑާ ބާވަތުގެ ޕީސީއޯއެސް އާއި ދޭތެރެދުރުކުރުމުގެ ބޭސް ކެއުމުގެ ސަބަބުން ޖެހޭ ބާވަތް ނޫންކަން ޔަގީން ކުރެވިގެން މެނުވީ އިންފްލެމޭޓަރީ ޕީސީއޯއެސް ކަށަވަރެއް ނުކުރެވެނޭ އެވެ.

ލިބެން ހުރި ފަރުވާތައް

މި ބާވަތުގެ ޕީސީއޯއެސް ޖެހިފައިވާ ފަރާތްތަކުން ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. މިގޮތުން؛

  • ޕީސީއޯއެސް ޑައެޓް ނެގުން

  • ގުލޫޓަން، ކިރުގެ މާއްދާތައް (ޑެއިރީ ޕްރޮޑަކްޓްތައް) އެކުލެވޭ ކާނާ، ޕެކެޓް ޖޫސް އަދި ޖަންކް ފުޑް އުނިކުރުން

  • އިންފްލެމޭޝަން ދިމާވާ ސިދާ ސަބަބު ހޯދައި އެކަމަށް ފަރުވާ ހޯދުން

  • ޒިންކް މާއްދާ އެކުލެވޭ ތަކެތި ނުވަތަ ސްޕްލިމެންޓްއެއް ބޭނުންކުރުން

މި ބާވަތުގެ ޕީސީއޯއެސްއަށް އޮތް އެއް ހައްލަކީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، ދޭތެރެދުރުކުރާ ބޭހާ ދުރަށް ދިއުމެވެ. ސަބަބަކީ ކޮންޓްރާސެޕްޓިވް ބޭސް ކެއުމުގެ ސަބަބުން އިންފްލެމޭޝަން ބޮޑަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން ދައްކާތީ އެވެ.

4. އެޑްރީނަލް ގްލޭންޑްގެ މައްސަލައަކާ ހެދި ޖެހޭ ޕީސީއޯއެސް (އެޑްރީނަލް ޕީސީއޯއެސް)

އެޑްރީނަލް ގްލޭންޑް އަކީ ކިޑްނީގެ މަތީގައި އޮންނަ ވަރަށް ކުޑަކުޑަ ގްލޭންޑަކަށް ދީފައިވާ ނަމެކެވެ. މި ގުނަވަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހާއްސަ ވަކި ހޯމޯންތަކެއް އުފެއްދުމާއި ލޭގެ ތެރެެއަށް ދޫކުރުމެވެ. މި ގުނަވަނުން ރެގިޔުލޭޓް ކުރާ ކަންކަމުގެ ތެރޭގައި ހަށިގަނޑުގެ މެޓަބޯލިޒަމްގެ ރޭޓް އާއި ދިފާއީ ނިޒާމް، ލޭގެ ޕްރެޝަރު އަދި ހަށިގަނޑަށް ކުރިމަތިވާ އެކި ކަހަލަ ސްޓްރެސްއާ ވިދިގެން ދިމާވާ ކަންތައް ހިމެނެ އެވެ.

އެޑްރީނަލް ޕީސީއޯއެސް މިއީ ހަމައެކަނި ޑީއެޗްއީއޭ ނަން ދީފައިވާ ފިރިހެން ހޯމޯންއެއް ހަށިގަނޑުގައި މަތިވުމުގެ ސަބަބުން ކުރިމަތިވާ ބާވަތުގެ ޕީސީއޯއެސްއެކެވެ. މި ބާވަތުގެ ޕީސީއޯއެސް ދެނެގަންނަން، ކުރިން ބުނި ތިން ބާވަތުގެ ޕީސީއޯއެސް ނޫންކަން ކަށަވަރުކުރަން ޖެހެ އެވެ. މާހިރުން ބުނާ ގޮތުގައި ގިނަ ފަހަރު މި ބާވަތަށް މަގުފަހިވަނީ ދިގު މުއްދަތަކަށް  ދެމިގެންދާ ސްޓްރެސް (ކްރޮނިކް ސްޓްރެސް)ގެ ސަބަބުންނެވެ. ވީމާ ބިސްރަވައިގައި ސިސްޓު އުފެދިފައިވާ ދިރިއުޅުމުގެ އާންމު ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތަކުގެ އިތުރަށް، ސްޓްރެސް ދަށްކުރަން ވެސް އަހައްމިއްޔަތުކަން ދޭން ޖެހެ އެވެ. 

ސްޓްރެސް ކުޑަކުރެވިދާނެ ބައެއް ކަންތަތައް؛

  • އަށް ގަޑިއިރުގެ ނިދި ހަމަކުރުން

  • ހެނދުނު ރަނގަޅު ނާސްތާއަކުން ދުވަސް ފެށުން. އަދި ގަޑިންގަޑިއަށް ކެއުން

  • ކަސްރަތުކުރުން

  • ކަންބޮޑުވާ ކަންކަމުން ދުރުވާނެ ގޮތްތައް ހޯދުން. މިސާލަކަށް ފޮތް ކިއުން

ތިމާއަކީ ޕީސީއޯއެސް ނުވަތަ ބިސްރަވައިގައި އުފެދޭ ސިސްޓްގެ ބަލީގެ ޝިކާރެއް ނަމަ، އަމިއްލައަށް ވީހާވެސް ބޮޑަށް އެކަމާ ހޭލުންތެރިވުން މުހިންމެވެ. ޕީސީއޯއެސްގެ އެންމެ ހާލަތެއް ފިޔަވައި އެހެން ހުރިހާ ހާލަތަކީ ވެސް ދާއިމީ މައްސައެކެވެ. އެހެންކަމުން ބައްޔާ ބެހޭ މައުލޫމާތު އަމިއްލައަށް އެނގުމަކީ ބާއްޖަވެރި ދިރިއުޅުމަކާ ހަމައަށް ވާސިލްވާން އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. 

އެޑިޓަރުގެ ނޯޓު:

ޑރ. ފާތުމަތު ޝަރާއަކީ ދާދި ފަހުން މެލޭޝިއާގެ މެލަކާ މަނީޕާލް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލްގައި އުޅުއްވި އިރު ވެސް އަދަބީ ކަންކަމަށް ޝައުގުވެރިކަން ބެހެއްޓެވި ދަރިވަރެކެވެ. މިހާރު ބޭނުންވަނީ ސިއްހީ އެކި މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިކަން ބޮޑުކުރަން މީޑިއާ މެދުވެރިކޮށް އެހީތެރިވެދެއްވާށެވެ.

ކޮމެންޓް (1)

ކިޔުންތެރިޔާ

30 ސެޕްޓެމްބަރު 2022
ވަރަށް ފުރިހަމަ ލިޔުމެެއް. އަލަށް މި އިނގުނީ މިއަށް ދިވެހިން ކިޔާ ނަމެއް އޮންނަ ކަންވެސް.
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް