2018 ވަނަ އަހަރުގެ ލީގު މެޗެއްގައި ޓީސީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދަން ނިއުގެ އޭރުގެ ޑިފެންޑަރު އަކްރަމް (ވ) މަސައްކަތްކުރަނީ.

ނިއު އިން ފީފާ އަށް 3.3 މިލިއަން ރުފިޔާ ދައްކައިފި

އެ ކްލަބުން އަންނަނީ ދިވެހި ކުޅުންތެރިންނާ އެކު ސެޓްލްމަންޓް އެއްބަސްވުންތައް ހަދަމުން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ދޭން ޖެހޭ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައި، ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ދެ މިލިއަން ރުފިޔާ ދައްކަން ސެޓްލްމަންޓް އެއްބަސްވުންތައް ހަދަން ފަށައިފި އެވެ.

ނިއު އޮތީ މި ފައިސާ ނުދޭތީ 2019 ވަނަ އަހަރުން ފެށިގެން ފީފާ އާއި އެފްއޭއެމުން ސަސްޕެންޑްކޮށްފަ އެވެ. މި ފައިސާ ހޯދައި ދައްކަން ފެށީ އެ ކްލަބާ ދާދި ފަހުން ހަވާލުވި މެނޭޖްމަންޓުންނެވެ.

މި ފައިސާ ހަލާސްކުރުމުން، ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ ކޮންގްރެސް އިން ވަނީ އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ އަށް ދީފަ އެވެ.

ނިއު އިން މަސައްކަތްކުރަމުން އަންނަނީ އަންނަ ޖުލައި 4 ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރުމަށްޓަކައި، ވީ އެންމެ އަވަހަކަށް ފައިސާގެ ކަންކަން ނިންމައި ސަސްޕެންޝަނުން ސަލާމަތްވުމަށެވެ.

ނިއުގެ ޗެއާމަން އަހުމަދު ވާސިފް 'ދައުރު' އަށް ވިދާޅުވީ ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެފްއޭއެމްއާ ހަވާލުކުރުމުން، އެ އެސޯސިއޭޝަނުން އެ ފައިސާ އެ ފަރާތްތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ފައިސާ ލިބުނުކަމުގެ ސިޓީ ކޯޗުންނާއި ކުޅުންތެރިން ފީފާ އަށް ފޮނުވުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއު އިން ދިވެހި ކުޅުންތެރިންނާ އެކު އެއްބަސްވުން ހަދަނީ ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ. އެ އެއްބަސްވުން އަށް ކުޅުންތެރިޔަކާ އެކު މިހާރު ވަނީ ހަދައިފަ އެވެ. ބާކީ ދެ ކުޅުންތެރިންނާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ ކުޅުންތެރިން އެކަން ފީފާ އަށް އަންގަން ޖެހޭނެ އެވެ.

ނިއުގެ ޗެއާމަން ވާސިފް (ވ-2) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފައިސާ ދޭން ޖެހޭ އެންމެންނަށް ފައިސާ ދިނުމުން އަދި އެއްބަސްވުން ހަދާ އެންމެންނާ އެކު ސޮއިކޮށް ނިމުމުން ފީފާ އިން ނިއުގެ ޓްރާންސްފާ ސަސްޕެންޝަން އުވާލާނެ އެވެ. އެއާ އެކު އެފްއޭއެމް އިން ވެސް ނިއުގެ ސަސްޕެންޝަން އުވާލާނެ އެވެ.

ވާސިފް ވިދާޅުވީ ދެ ވަނަ ޑިވިޝަން ފެށުމުގެ ކުރިން ހުރިހާ ކަމެއް ނިންމަން ލިބިފައިވާ ކުރު މުއްދަތުގެ ތެރޭގައި އެކަންކަން ކުރެވެނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކަމަށާއި އޭގެ ތެރޭގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވާސިފް ވަނީ ލިޔެކިއުންތައް ނިންމުމާއި ގާނޫނީ ކަންކަން ހަމަޖެއްސުމުގައި އެ ކްލަބުގެ ގާނޫނީ ވަކީލް އަލްއުސްތާޒް އަލީ ރަޝީދު އަހުމަދު ކުރައްވަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.

ނިއު އިން ވަނީ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމަށް މީގެ ދެ ހަފުތާ ކުރިން ޕްރެކްޓިސް ފަށައިފަ އެވެ. ނިއު އިން އަންނަނީ މިސްރުގެ ފޯވާޑަކާއި ގާނާ އެޓޭކިން މިޑްފީލްޑަރަކާއި އުޒްބެކިސްތާން ސެންޓްރަލް މިޑްފީލްޑަރެއް އަދި ގާނާ ޑިފެންޑަރެއް ގެންނަން މަސައްކަތްކުރަމުްނނެވެ.

ނިއު އިން މިވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމްގެ ކޯޗުކަމުގަ އެވެ. އޭނާ އަކީ، ނިއުގެ މިހާރުގެ މެނޭޖްމަންޓުން މީގެ ތިން މަހެއްހާ ދުވަސް ކުރިން ރޭޑިއަންޓްގެ ނަމުގައި އުފެއްދި ކްލަބުގެ ވެސް ކޯޗެވެ. އަދި ނިއުގެ ޓީމުގައި ހިމެނެނީ ރޭޑިއަންޓަށް އޭރު ސޮއިކުރި ކުޅުންތެރިންނެވެ.

އޭރު އެ ގްރޫޕުން ރޭޑިއަންޓް އުފެއްދީ، ނިއު އަށް ފުރުސަތު ނެތުމުން އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަޖައްސަން ނުލާއި ހުދުގެ ޓީމެއް ނެރެން ކަމަށް ބުނެ އެވެ. އެކަމަކު އޭއެފްސީ އިން ވަނީ ކްލަބްތަކުން ދަރަނިން ސަލާމަތްވުމަށް އާ ކްލަބެއް ހެދުން ހުއްޓުވަން އޮންނަ ފީފާގެ ގަވާއިދުގެ ދަށުން އެއީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް ބަލައި އެ ޓީމަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ.

ނިއު އަލުން އައުމަށް ކުރަމުން އަންނަ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހީތެރިވެވަޑައިގަންނަވާ ކަމަށް އެ ކްލަބުން ބުނެ އެވެ. އެގޮތުން ރައީސް ވަނީ ނިއުގެ ކަންކަން ވިލަރެސްކުރެއްވުމަށް އެމަނިކުފާނުގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހަމަޖައްސަވައިފަ އެވެ.

ކޮމެންޓް (3)

މުހައްމަދު

23 ޖޫން 2022
މަރުހަބާ ނިއު! އުފާވެރި ޚަބަރެއް
2 0

އަޑަފި

23 ޖޫން 2022
ކުރިންވެސް ގަދަބާރު ނުދައްކާ ތިޔަކަން ތިޔަ ގޮތަށް ކުރިނަމަ، ތިޔަ ހާލަތަށް ތިޔަ ޓީމް ނުދިޔައީހެވެ. ލާރިދަންކަންޖެހުނީމާ ލާރި ދައްކަން އެންގިމީހާ ބުރުވާލާފައި، ލާރި ނުދައްކާ ތިބެވޭނެކަމަށް ހީކުރި ޒަމާންމިހާރު ގޮސްފިއެވެ. އަދިވެސް އާޒިމް އެއުޅުއްވަނީ ނިއު ސަސްޕެންޑް ކުރި މައްސަލައިގައި ބައްސާމް މަޤާމުން ދުރު ނުކުރެވިގެންނެވެ.
1 4

ލޮލްލޮލް

23 ޖޫން 2022
ސާބަހޭ ނިއުގެ ހީވާގިބޯޑުމެންބަރުންތިކުރާ ހިއްވަރަށް
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް