ޅ. ހިންނަވަރުގައި ހަދާ ހައުސިން ޔުނިޓުތަކުގައި ބިންގާ އަޅަނީ. (ފޮޓޯ/ ހައުސިން މިނިސްޓްރީ)

ބޯހިޔާވަހިކަން

ހިންނަވަރުގައި ހަދާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

މި މަޝްރޫއު ދޮމްބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައިގައި
22 ޖެނުއަރީ 2023

ޅ. ހިންވަރުގައިި ހަދަން ނިންމާފައިވާ 50 ރޯހައުސް އަދި 50 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުގައި ހަދަން ނިންމާފައިވާ ރޯހައުސް އާއި ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުން ފާހަގަކުރުމަށް މިއަދު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. ރޯހައުސް އަދި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ:

  • ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން

  • ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

  • ރަށު ކައުންސިލްގެ މެމްބަރުން

ޅ. ހިންނަވަރުގައި ހަދާ ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ހައުސިން މިނިސްޓްރީ)

ތަފްސީލް - ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މިދިޔަ ޖުލައި މަހު ހަވާލުކުރި މި މަޝްރޫއުގެ ދަށުން 700 އަކަފުޓޫގެ ދެ ބުރީގެ ރޯހައުސް އާއި 1،000 އަކަފޫޓުގެ ހައުސިން ޔުނިޓު އަޅާނެ އެވެ. ކޮންމެ ޔުނިޓެއްގައި:

  • ތިން ކޮޓަރި

  • ތިން ފާހާނާ

  • ސިޓިން ރޫމް

  • ބަދިގެ

  • ކާގެ

  • ލޯންޑްރީ

  • ސްޓޯރޫމް

ފާހަގަކޮށްލެވޭ ކަމެއް - މިއީ މިދިޔަ އަހަރު ހަވާލުކުރި މަޝްރޫއަކަށް ވާއިރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީއަށް ބާކީ އޮތީ އެންމެ ފަސް ދުވަހެވެ. ޕްރައިމަރީއާ ދިމާކޮށް ސަރުކާރުން ދަނީ އިތުރު މަޝްރޫއުތައް ވެސް އިއުލާނުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް