ވިކްޓްރީގެ ރައީސް ހުސެއިން އާދަމް (ވ) އަށް، 2018 ވަނަ އަހަރު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލިއުމެއް ހަވާލުކުރައްވަނީ: ހުސެއިން އާދަމް އަކީ ވިކްޓްރީގެ ކުރީގެ ކުޅުންތެރިއެއް. (ފޮޓޯ/ ރައީސް އޮފީސް)

ދިވެހި ކުޅިވަރު

ވިކްޓްރީގެ ރައީސަކަށް މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް އިންތިހާބުކޮށްފި

އޭނާ އަކީ 1980 ގެ އަހަރުތަކުގައި ވިކްޓްރީގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ރައީސްގެ މަގާމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިއާ އަދި މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް މިރޭ އިންތިހާބުކޮށްފި އެވެ.

ކްލަބުގެ އާ ބޯޑު މިރޭ އިންތިހާބުކުރީ، މިވަގުތު އެ ކްލަބް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ފުޓްބޯޅައިގައި ވާދަކުރުމަށެވެ. ކްލަބުގެ އެންމެ ފަހުގެ ރައީސް އިބްރާހިމް ނާޝިދު ވަނީ އިންތިހާބަށް މަގުފަހިކުރުމުގެ ގޮތުން ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

ކަލާފާނު ސްކޫލުގައި ބޭއްވި އިންތިހާބީ ޖަލްސާގައި ބޯޑުގެ ކޮންމެ މަގާމަކަށް ވެސް ވާދަކުރެއްވީ އެންމެ ކެންޑިޑޭޓެކެވެ. ބޯޑަށް މެމްބަރުން އިންތިހާބުވީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ވިކްޓްރީގެ ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގަތީ އިސްމާއިލް ލަތީފް (ޖީކޭ ލަތީފް) އެވެ.

ވިކްޓްރީގެ އާ ބޯޑު

  • ހުސެއިން އާދަމް - ރައީސް

  • އިސްމާއިލް ލަތީފް - ނައިބް ރައީސް

  • އަލީ ނިޔާޒް (ހިރިޔާ ނިޔާ) - ބޯޑް މެމްބަރު

  • ފާތިމަތު ޝެރިން - ބޯޑް މެމްބަރު

  • މުހައްމަދު ޝައްފާޒް (ސައްޕޭ) - ބޯޑް މެމްބަރު

  • އިބްރާހިމް ފާއިގް - ބޯޑް މެމްބަރު

  • އަހުމަދު ފައިސަލް - ބޯޑް މެމްބަރު

  • އިބްރާހިމް އިޒްހާން - ބޯޑް މެމްބަރު

  • އިސްމާއީލް ޝަރީފް - ބޯޑް މެމްބަރު

  • އަހުމަދު އަރީޝް (ޕަޓޭ) - ބޯޑް މެމްބަރު

  • އަހުމަދު ރިޔާޒް (ގާނާ) - ބޯޑް މެމްބަރު

ހުސެއިން އާދަމް އަކީ 1980ގެ ތެރޭގައި ވިކްޓްރީގެ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ އަކީ 1986 އާއި 1987 ގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓްރީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. ހުސެއިން އާދަމް ވަނީ ވިކްޓްރީއާ އޭރު ވާދަވެރި ނިއު ރޭޑިއަންޓަށް ވެސް ކުޅުއްވައިފަ އެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގައި ވެސް އޭނާ ފާހަގަކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުސެއިން އާދަމް ހުންނެވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގަ އެވެ. 

ބޯޑުގެ އެހެން މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ފާހަގަކޮށްލެވެ އެވެ. ނިޔާޒް އަކީ ވިކްޓްރީ އަށް ކުރިން ކްރިކެޓް ކުޅުއްވި ބޭފުޅެކެވެ. އަދި ކްރިކެޓުގައި މަޝްހޫރު ހިންނަވަރު ހިރިޔާ އަކީ ނިޔާޒް އިސްކޮށް އުޅުއްވި ކްލަބެކެވެ.

ހުސެއިން އާދަމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހު ބޭފުޅެކެވެ. އަދި ނިޔާޒް އަކީ އެމަނިކުފާނުގެ އާއިލީ ބޭފުޅެކެވެ. ރައީސް ސޯލިހު އަކީ ވިކްޓްރީ އަށް ކުރިން ކްރިކެޓް ކުޅުއްވި އަދި ފަހުން ކްލަބުގެ ބޯޑު މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ވިކްޓްރީގެ ބޯޑުގައި، ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ފުރަތަމަ މެޑަލް ކަމަށްވާ، 1984 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދޭން ބޫޓާން ކޮޅަށް ލަނޑު ޖެހި އިބްރާހީމް ފާއިގް ވެސް ހިމެނެ އެވެ. އަދި ވިކްޓްރީ އަށް ދެހާހުގެ އަހަރުތަކުގައި ކުޅުނު ޝައްފާޒް ވެސް ވަނީ އިންތިހާބުވެފަ އެވެ.

މީގެ އިތުރުން ވިކްޓްރީގެ ޒަމާންވީ ގޯލްކީޕަރު ޓްރެއިނަރު ރިޔާޒް އާއި ޒަމާންވީ އޮފިޝަލް އަރީޝް ވަނީ ބޯޑަށް އިންތިހާބުވެފަ އެވެ.

އެންމެ ފަހުގެ ބޯޑު މެމްބަރުންގެ ތެރެއިން މި ފަހަރު ހިމެނެނީ ހުސެއިން އާދަމް، ފާއިގް، ރިޔާޒް އަދި ގާނާ އެވެ.

އާ ބޯޑުން ވަނީ ކްލަބުގެ ޖެނެރަލް ސެކްރެޓަރީއަކަށް މޫސާ ރަމީޒް ހަމަޖައްސައިފަ އެވެ. އިމިގްރޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ މޫސާ ރަމީޒަކީ ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް އިންތިޒާމުކުރައްވާ ކުޅިވަރުގެ އިދާރީ ހިންގުމުގެ ތަޖުރިބާކާރެކެވެ. ހަޒާންދާރަކަށް ހަމަޖެއްސީ އަހުމަދު ހުސެއިން އެވެ.

ވިކްޓްރީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެނީ.

އެފްއޭއެމުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވިކްޓްރީ ސަސްޕެންޑްކުރީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އާއި ކްލަބް ލައިސަންސް ކަންކަން ފުރިހަމަކޮށްފައިނުވާތީވެ އެވެ.

އެނގިފައިވާ ގޮތުގައި ކްލަބުގެ އާ ބޯޑުގެ ޕްލޭނަކީ، ބޭރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދިނުމަށް ފަހު ދިވެހި ކުޅުންތެރިންނަށް ފައިސާ ދޭން ޕްލޭނެއް ހަދައި ވީ އެންމެ އަވަހަކަށް އެފްއޭއެމްގެ ސަސްޕެންޝަނުން ސަލާމަތްވެ ޖުލައި މަހު ފަށާ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމެވެ. އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނީ އެ މުބާރާތުން ކުރި ލިބިގެންނެވެ.

ހުސެއިން އާދަމް ވިދާޅުވީ މިރޭ ނޫސްވެރިން ގާތު ވިދާޅުވީ ވިކްޓްރީއަކީ ދިގު މާޒީއެއް އޮތް އަދި ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްފައި އޮތް ކްލަބެއް ކަމަށާއި ފައިސަާ ނެތިގެން ކްލަބް ވުޖޫދުން ގެއްލިގެންވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. 

އޭނާ ހަވާލުވީ ކްލަބާ ހަވާލުވެވަޑައިގަތި އަލުން ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އުއްމީދު އޮތުމުން ކަމަށާއި އުއްމީދަކީ ދެ އަހަރެއްގެ ތެރޭ އަސްލު މަގުސަދު ހާސިލްކުރުމަށްޓަކައި ފުރަތަމަ ޑިވިޝަނަށް އެރުން ކަމަށް ވެސް ހުސެއިން އާދަމް ވިދާޅުވި އެވެ.

ވިކްޓްރީއަކީ އެ ކްލަބް 1972 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެއީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކުކުރި ހަމައެކަނި ޓީމެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ. އެކަމަކު މެނޭޖްމަންޓް ބަދަލުވެ، މާލީ މައްސަލަތައް ދިމާވެ ވަރަށް ބޮޑަށް އަޑިއަޅާލީ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ރަސްކަންކުރި ނިއު ރޭޑިއަންޓް ވެސް އޮތީ މުސާރަ މައްސަލައިގައި ސަސްޕެންޑްކޮށްފަ އެވެ. އެ ކްލަބުގެ ސަޕޯޓަރުން ދާދި ފަހުން ވަނީ ރޭޑިއަންޓްގެ ނަމުގައި އާ ކްލަބެއް ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު އޭއެފްސީން ވަނީ އެއީ ނިއު ރޭޑިއަންޓުގެ ސްޕޯޓިން ސަކްސެސާ ކަމަށް ބަލައި އެ ކްލަބަށް ވެސް ކުރިއަށްދެވޭނީ ނިއު ރޭޑިއަންޓުގެ ދަރަންޏާ ހަވާލުވާ ގޮތަށް ކަމަށް އަންގައިފަ އެވެ.

ވިކްޓްރީ އާއި ނިއުއާ އެކު މިދިޔަ ތިރީހަކަށް އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި އޮތް ވެލެންސިއާ ވެސް މިވަގުތު އޮތީ މާލީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެގޮތުން ފައިސާ ނެތިގެން އެ ޓީމުން ވަނީ މި އަހަރުގެ އޭއެފްސީ ކަޕް ވެސް ނުކުޅެ ދޫކޮށްލައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

30 އޭޕްރީލު 2022
މިވަރުން ދާނަމަ ކެނެރީގެ ވެސް އަތުލާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް