ރައްޒާން ބަންދުން ދޫކުރި މައްސަލައިގައި ހުކުމް ކުރުމަށް ހައި ކޯޓުން މިއަދު ބޭއްވި އޮންލައިން އަޑުއެހުމުގެ ތެރެއިން.

ޔޯގާ ހަމަނުޖެހުން: ހައި ކޯޓުން ނިންމީ ރައްޒާން ދޫކޮށްލީ ރަނގަޅަށް ކަމަށް

އޭނާ ހައްޔަރު ކުރީ ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން
20 ޖުލައި 2022

ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތެއް ބާއްވަމުން ދަނިކޮށް، ބަޔަކު ވަނީ ގަލޮޅުދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދީފަ އެވެ. މި މައްސަލައިގައި 20އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެ މީހުން ބަންދަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރަތަމަ ފަހަރު 60 ދުވަހަށް ވެސް ބަންދު ކުރި އެވެ.

ރައްޒާން ހައްޔަރު ކުރީ ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގާ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާ އެކު މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދެ މީހުންގެ ބަންދަށް ޖެހި މުއްދަތު ހަމަވުމުން ކޯޓުން ރައްޒާން ދޫކޮށްލި ނަމަވެސް، މުހައްމަދު އިސްމާއިލްގެ ބަންދު އިތުރު ކުރި އެވެ.

ވީ ކިހިނެއް؟ - ރައްޒާން ދޫކޮށްލަން ނިންމިި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ އޭނާ ފުރަތަމަ ފަހަރު ބަންދު ކުރީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވާއިރު، ދެވަނަ ފަހަރަށް ބަންދު ކުރަން އެދުނީ ވެސް ކުޑަ ބަދަލުތަކެއް ގެނެސްގެން ހުށަހެޅި ހަމަ އެ އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމެވެ.

ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ބެލުމަށް ފަހު ހައި ކޯޓުން ވެސް ނިންމީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ރައްޒާން ހައްޔަރު ކުރަނީ.

ހައި ކޯޓުން ފާހަގަކުރި ގޮތުގައި:

  • އޭނާގެ ބައިވެރިވުން ހަމަނުޖެހުމުގައި އޮތް ކަމަށް ބުނާ މިންވަރު ނިސްބަތުން ކުޑަ 

  • އޭނާގެ ކިބައިން އަނިޔާވެރިކަން ފެނިފައެއް ނުވޭ

  • މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތަކުގައި އަމަލީ ގޮތުން ބައިވެރިވިކަމާ އަދި ޖަމާއަތް ހަދައިގެން އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަން މިވަގުތު އެނގެން ނެތް

ކޯޓުން ނިންމީ ރައްޒާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ހައި ކޯޓަށް އަލަށް އައްޔަން ކުރި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އެނގުން މުހިންމު - ރައްޒާން އާއި މުހައްމަދު އިސްމާއިލްއަށް ތުހުމަތު އަމާޒުވެފައި ވާއިރު، މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތަކަކީ، ޕީޕީއެމްގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަތަކެއް ކަމަށެވެ. ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ދިދަތަކަކީ އިދިކޮޅުގެ ނަބިއްޔާގެ ދިފާއުގައި ހަރަކާތުގައި ބޭނުން ކޮށްފައިވާ ބާވަތުގެ، ޝަހާދަތުގެ ދެކަލިމަ ޖެހި ހުދުކުލައިގެ ދިދަތަކެކެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި 60 ދުވަހަށް ބަންދު ކުރި ބައެއް މީހުން ވެސް ހިމެނެ އެެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް