"ދައުރު" އަށް ދިން އިންޓަވިއުގައި މައިސާން އޭނާގެ ވާހަކަ ކިޔައިދެނީ. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

ބޮކިޓޯސްގެ ނިވިދިއްލޭ ހަޔާތް: ނުނިވުނު އަދި ނުނިމުނު ޝޯއަކުން

މީގެ ހަތް އަހަރު ކުރިން ލަވައިގެ ސްޓޭޖަށް މައިސާން އެރިއިރު ފެނުނީ މުޅިން އެހެން މަންޒަރެއް. އޭރު އޭނާގެ ލަވަކިޔުމާއި ހުނަރަށް ނަށައި ދިއްލުނު ބޮއްކެއް ނެތް
25 ސެޕްޓެމްބަރު 2022
2

މުހިންމު ނުކުތާތައް

ސްކޫލްގައި އޮތް ޝޯއަކަށް ތައްޔާރުވިޔަސް ބިރުން ގޮސް ފުރަތަމަ ފިލީ

އެތައް ބަޔަކު މަލާމަތްކުރި، 'ކަލެއަކަށް ނުވާނެއޭ' ވެސް ގޮވި

މިހާރު މައިސާންގެ ސްޓައިލާއި އޭނާގެ ހަރަކާތްތައް ބަލަން އެތައް ބަޔަކު ބޭނުންވޭ

މި ޒުވާނާ އޭނާގެ ހުވަފެނީ ދުނިޔޭގައި ދަތުރުކުރާ 'އާގުބޯޓު' ގެ ނަމަކީ 'ޝޯމަންޝިޕް' އެވެ. ސްޓޭޖު މަތީގައި ފިޔަވަޅު އަޅަން ޖެހޭ ގޮތާއި، އުޅެން ޖެހޭ ގޮތް އޭނާ ވަނީ ވަރަށް ރަނގަޅަށް ކޮރިއޮގްރާފްކޮށްފަ އެވެ. ލޮލުގައި އަޅާނެ އަވިއައިނާއި ކަރުގައި އަޅާނެ ފަށާއި އަޅާނޭ ހެދުންތަކާއި ލާނޭ ސޫޓާއި ބޫޓު، އޭނާ ހުންނަނީ އިސްތިރިކޮށް، ސެޓުކޮށްފަ އެވެ. ބޮލާއި ތުނބުޅި ވެސް ސްޓައިލުކޮށްފަ އެވެ. ވިލިމާލެއަށް ނިސްބަތްވާ 27 އަހަރުގެ މި ޒުވާން ލަވަކިޔުންތެރިޔާ ކޮންމެ ޝޯއެއްގައި ޕާފޯމްކުރިޔަސް އެ ޝޯއެއްގައި އެންމެ އަލި ގަދަކޮށް ނިވި ދިއްލޭނީ އޭނާގެ މި ސަބަބާއި ހޮވުންތަކެވެ. – މިއީ އެފަދަ ދެ ވަނައެއް ނެތް 'ބޮކިޓޯސް' އެވެ.

އެންމެން ވެސް އޭނާ ދަންނަ ނަމަކީ މި އެވެ. އަދި ދަންނަ ގޮތަކީ ވެސް މި އެވެ. ނަމަވެސް ބޮކިޓޯސް، އޭނާގެ އަސްލު ނަމުން ނަމަ، މުހައްމަދު މައިސާން މީގެ ހަތް އަހަރު ކުރިން ލަވައިގެ ސްޓޭޖަށް އެރިއިރު އޭނާއަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އޭނާގެ ލަވަކިޔުމާއި ހުނަރަށް ނަށައި ދިއްލުނު ބޮއްކެއް ނެތެވެ. އަމުދަކުން އޭނާގެ ޝޯއަކަށް ނަށަން ބޭނުންވި ހަމަ އެކަކު ވެސް ނުވި އެވެ.

"އެންމެން ވެސް ގޮވީ ކަލޭ ފައިބާށޭ. ނުކިޔޭނެއޭ ކަލެއަކަށް ލަވައެއް. ކޯއްޗެއް ހެއްޔޭ ތިކިޔަނީ. ލަވަކިޔަން ނޫޅެ، ރަށު ތެރެއިން އެހެން ކަމަކާ އުޅޭށޭ ކަލޭ. މިއަށް ވުރެ ވެސް ހަޑިކޮށް މީހުން އަޅުގަނޑާ ދިމާލަށް އެއްޗެހި ބުނެފައި ހުރީ،" އަޅައިގެން ހުރި ސްޓައިލިޝް އަވިއައިނު ނަގައި މޭޒުމަތީގައި ބޭއްވުމަށް ފަހު، އިނގިލިތަކުން ތުނބުޅިއާ ކުޅެމުން މައިސާން ކިޔައިދޭން ފެށި އެވެ.

"ވަރަށް ކުރާހިތްވާ ކަމަކަށް ވީމަ ލަވަކިޔަން އަޅުގަނޑު ފެށީ. އެކަމަކު އެންމެން ވެސް ކުރީ ދިމާ. ބުނީ ކަލެއަކަށް ލަވައެއް ނުކިޔޭނެއޭ. ސްޓޭޖުން ފައިބާށޭ."

އޭނާ ދެން ބުނީ މިހެންނެވެ.

"ވެދާނެ އޭރު އަޅުގަނޑަށް ހަމަ ލަވަނުކިޔެނީ ކަމަށް ވެސް. އަޅުގަނޑު ހަމަ ގޯހީ ކަމަށް ވެސް. އޭރު އަަހަރެން ސްޓޭޖަށް އަރުވައި، ލަވަ އެބަ ކިޔުއްވާ ސީދާ އަޅުގަނޑާ ދިމާލަށް ހޭންވެގެން ވެސް. އެކަހަލަ ފުރުސަތަކުން ލަވަކިޔަން ފެށި މީހެއް އަޅުގަނޑަކީ."

އެކަމަކު ދުވަހަކު ވެސް މައިސާން ދޫނުކުރި އުއްމީދަކީ މިއެވެ؛ އަދި އެ ބޮކިތައް ނިވި ދިއްލޭނެ އެވެ. އަދި މި އެންމެން އަހަރެންގެ ޝޯއެއްގައި ނަށާނެ އެވެ.

އޭނާގެ އެ ހުވަފެން ވަނީ ހައެއްކަ އަހަރު ފަހުން މިދިޔަ އޯގަސްޓް މަހު، މާލޭގެ މުނި އުފާގައި ބޭއްވި ފަސީލައިވްގެ ހާއްސަ ޝޯ، 'އެކްސްޕީރިއަންސް ރީއިގްނިޝަން' ގައި ވަރަށް ގަދައަށް ދިއްލި ހަގީގަތަކަށް ވެފަ އެވެ. ޓިކެޓް ވިއްކައިގެން ބޭއްވި އެ ހާއްސަ ޝޯ ހުޅުވައިދިން އެކްޓެއްގެ ގޮތުގައި ފެނުނީ މައިސާން ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ލަވަކިޔާ 'ޓޫ ސެންސް' ބޭންޑެވެ. އަދި އެރޭ އޭނާއާ އެކު ނުނަށާ އެކަކު ވެސް ނެތެވެ. ބޮކިޓޯސްގެ ޕާފޯމަންސަށް ތައުރީފުން ވިދައި ނުބަބުޅާ އެންމެ ބޮއްކެއް ވެސް ނެތެވެ.

ފަސީލައިވް އެކްސްޕީރިއަންސް ޝޯގައި މައިސާންގެ މަންޒަރެއް. -- ފޮޓޯ: ވައިވައިވައި

ލަވަކިޔަން ޖެހުނީމަ ފިނިވެ ފިލީ

މައިސާން ކިޔެވީ ބިޒްނަސް އެވެ. ސްޓޭޖަށް އަރައި ލަވަކިޔައި، މީހުން މުނިފޫހިފިލުވައިދިނުން ފުލްޓައިމް ޖޮބަކަށް ނުވަތަ އޭނާގެ އެންމެ މުހިންމު މަސައްކަތަށް ވެދާނެ ކަމަކަށް ދުވަހަކު ވެސް އޭނާ ގަބޫލެއްނުކުރެ އެވެ. އެކަމަކު އަބަދުވެސް އެ ހިތް އޮތީ މިއުޒިކާއި ލަވައިގެ ކުލަ ދުނިޔެއަކަށް ގެއްލިފަ އެވެ.

އެންމެ ފުރަތަމަ، ބޮލީވުޑްގެ އެފަދަ ދެ ވަނައެއް ނެތް ޕްލޭބެކް ސިންގާ، މުހައްމަދު ރަފީގެ ގައްވާލީ އާއި ގަޒަލާއި ބަޖަނުގައިވީ ވަޒަނާއި ޖާދޫގައި ޖެހިގެންނެވެ.

"އޭރު އަބަދު ގޭތެރެއިން އަޑު އިވޭނީ ރަފީގެ އަޑު. މާމަ އާއި ކާފައަކީ ވަރަށް ގިނައިން މުހައްމަދު ރަފީގެ ލަވަ ޖަހައި، ލަވަ އަޑުއެހި ދެ މީހުން. އަނެއްކޮޅުން މަންމައަކީ ވެސް ކަރޯކޭ ޖައްސަން ވަރަށް ފޯރި ހުންނަ މީހެއް. މުޅި ގޭގައި އަބަދުވެސް އޮންނާނީ އެކަހަލަ ކޮންމެވެސް ސަކަރާތެއް،" ލަވަ އާއި މިއުޒިކަށް ގެނބިގެން ދިޔަ ހިތް ނަގައި ހުޅުވާލަމުން މައިސާން ކިޔައިދިނެވެ.

އޭނާ ލަވަކިޔާ ހިތްވެގެން ގޮސް އެންމެ ފުރަތަމަ ބައިވެރިވީ އިސްކަންދަރު ސްކޫލްގައި އޮތް 'އޯޕެން މައިކް' މުބާރާތެއްގަ އެވެ. އޭނާ އޭރު އުޅެނީ ޕްރައިމަރީގަ އެވެ.

"އެ ދުވަސްކޮޅަކީ އެ ހަނދާނުގައި ޝޯތައް މުޅި ރާއްޖެ އަޅުވެތިކޮށްލާފައި އޮތް ދުވަސްވަރު. ދެން ވަރަށް ގަދައަށް ލަވަކިޔާލާނަމޭ ހިތައި ވޯކަލް ޓްރެއިނިންއާ އެއްޗެހި ވެސް ހަދައިގެން ގޮސް މި ޝޯއެއްގައި ބައިވެރިވެއްޖައީމު،" މައިސާން ކިޔައިދިނެވެ.

އެކަމަކު މުބާރާތް އޮތް ދުވަހު ހަތަރެސްފައި ފިނިވެ މުޅި މީހާ އެކުގައި ފިނިކޮށްލި އެވެ. އަދި ބިރުން ދުއްވައިގަތް ގޮތަށް ގޮސް އެންމެ އަވަހަށް ޖެހުނު ތަނަކަށް ވަދެ އޭނާ ފިލައިފި އެވެ.

"ފިނިވީ ހަމަ. ހަމައެއްކޮށް ފިނިވީ. ދެން އެ ދުވަހު ނުވެސް ދަން ސްކޫލަކަށް،" މައިސާން ބުންޏެވެ.

ނަމަވެސް އެންމެ ފަހުން ސްކޫލުން ގުޅައިގެން އަދި މަންމަމެން އޭނާ ވަރަށް ގަދައަށް މޯޓިވޭޓްކޮށްގެން އެންމެ ފަހުން، ޖެހިގެން އައި ދުވަހު ގޮސް ލަވަކީ އެވެ. އެ މުބާރާތުން އޭނާއަށް ދެ ވަނަ ލިބުމަކީ މައިސާނަށް މުޅިން އެހެން ކަމެއް ޔަގީންވި ކާމިޔާބީއަކަށެވެ.

"އެ ހިސާބުން އެނގިއްޖެ އަޅުގަނޑަށް ވެސް ލަވަކީދާނެކަން. އެހިސާބުން ލިބިއްޖެ ވަރަށް ބޮޑު ސެލްފް ކޮންފިޑެންސް ބޫސްޓެއް."

އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތެވެ. ނަމަވެސް މައިސާން ބުނީ ލަވަކީދާނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބުނަސް އެ ޔަގީންކަން އެހެން މީހުންނަށް ސާބިތުކޮށްދިނުން ވީ ހީކުރިވަރަށް ވުރެ އުނދަގޫ ކަމަކަށް ކަމަށެވެ. ނުވަތަ އޭނާއަށް އެ ފުރުސަތު ދޭން އެއް ބަޔަކު ބޭނުން ނުވީ އެވެ.

"އަޅުގަނޑު އެއްފަހަރަކު ވަޒީފާއަކަށް ކުރިމަތިލައިގެން ހޮވިގެން، ވަޒީފާއަށް ނުކުތީމަ އެ ކުންފުނިން ބުނެފައި އެބަހުރި މިހާރު އެ ވަޒީފާ އުވާލައިފިޔޯ ވެސް. އަޅުގަނޑު އަޅައެއް ނުލަން. އެކަމަކު އަޅުގަނޑަށް އަބަދުވެސް މުހިންމުވީ އެ ފުރުސަތު އަޅުގަނޑަށް ލިބުން،" ހުނަރު ސާބިތުކޮށްދޭން ފުރުސަތު ނުލިބި އެތައް ހާލެއްގައި އުޅެން ޖެހުނު ކަމަށް ބުނެ ވާހަކަ ދައްކަމުން މައިސާން ކިޔައިދިނެވެ.

ދުބާއީ އެކްސްޕޯގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓޫސެންސް ބޭންޑާ މައިސާން (ފޮޓޯ: ރައްޔު މޯލްޑިވްސް)

ހުރިހާ ހިއްސެއް ބަންޑުންކޮށްލި ފޯނު ކޯލު

ލަވަކިޔުންތެރިޔަކަށް ވާން ކިތަންމެ ބޭނުންވެފައި ހުއްޓަސް އެ ފުރުސަތެއް ހަގީގަތުގައި މައިސާނަށް އެންމެ ފުރަތަމަ ނުލިބުނެވެ. ލިބުނަސް އެ ފުރުސަތެއް އޭނާއަށް ލިބުނީ ސަމާސާއަކަށެވެ. އެހެންކަމުން ލަވަކިޔުމުގެ ހުވަފެން އޮތީ ފާޑަކަށް މަޑުޖެހިފަ އެވެ.

"އެހެން އުޅެނިކޮށް އެއް ދުވަހަކު އަންނަނީ ފޯނު ކޯލެއް. އެއީ ވިލިނގިލީގައި ހުންނަ ޔޫތު ސެންޓަރުގައި އަޅުގަނޑާ އެކުގައި ލަވަކިޔައި ސަކަރާތްޖެހި މީހުންގެ ތެރެއިން އެކަކު. ދެން މީނަ ބުނެފި ބޭންޑަކަށް ވޯކަލިސްޓެއް ހޯދަނީއޭ،" ޓޫ ސެންސް އިން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން މައިސާންގެ ހުރިހާ ހިއްސެއް ބަންޑުންކޮށްލި އެވެ.

"ދެން ހިތަށްއެރީ މި ފުރުސަތުގެ ބޭނުން ހިފާނީއޭ. ޓްރައިކޮށްލަންވީއޭ ބޭންޑެއްގައި ލީޑް ވޯކަލިސްޓަކަށް އުޅެވިދާނެތޯ. ދެން ވަރަށް ރެޑީވެގެން މިދިޔައީ ލަވަކިޔަން. ދެން ބޭންޑްގެ ފައުންޑަރަށް ވަރަށް ކަމުދިޔަ އަޅުގަނޑު. އަޅުގަނޑު ލަވަކިޔުންތެރިއްގެ ގޮތުގައި ބަލައިގަނެ، މި ފުރުސަތު އަޅުގަނޑަށް ދިނީ އަސްލު ބޭންޑްގެ ފައުންޑާ ޝިފައްޓެ."

މައިސާންއާ އެކު ޓޫ ސެންސް ބޭންޑު ފެށީ ޓޫ ޕީސް ބޭންޑެއްގެ ގޮތުގަ އެވެ. މިހާރު ފަސް މެމްބަރުންގެ ފުލް ލައިންއަޕެއް އޮތްއިރު ރިސޯޓް މިއުޒިކަކީ އެމީހުންގެ މައިގަނޑު އާމްދަނީ ހޯދާ ބާޒާރެވެ. ޓޫ ސެންސްއާ އެކު މައިސާން އަންނަނީ ހަފުތާއެއްގެ ތިން ރޭ، ތިން ރިސޯޓުގައި ގިގުކުރަމުންނެވެ.

'ލަވައެއް ނުކިޔޭނެ' ކަމަށް ބުނި މީހަކަށް މިހިސާބަށް އާދެވުމުން މައިސާން އުފާވެ ހިތްހަމަޖެހި، ފުދިފައި ހުރިވަރު އޭނާގެ މި އިންޓަވިއުގެ ކޮންމެ ސިކުންތަކުން ވެސް ހާމަވި އެވެ.

އެހެންކަމުން އަނެއްކާވެސް އެ ސުވާލުތައް އޭނާއާ ކޮށްލެވުނެވެ.

އެއްވެސް މީހަކު ބުނިތަ ބޮކިޓޯސްއަކަށް ނުވާނެއޭ؟ ދުވަހަކު ވެސް ލަވައެއް ނުކިޔޭނެއޭ؟ މިއުޒިޝަނަށް ނުވެވޭނެއޭ؟

"ޔެސް. ޔެސް. ޔެސް. ޔެސް...."

މައިސާންގެ އެ ޔެސް، ހުހެއް ނުވި އެވެ. ދެން އޭނާ ބުނީ މިހެންނެވެ.

"ކިތައް މީހުން؟ ކިތައް ކިތައް މީހުން އަޅުގަނޑާ ދިމާލަށް ތިހެން ބުނެފައި ހުރި؟ ބުނި އަދަދެއް ވެސް ނޭނގޭ."

ނަމަވެސް އޭނާ ބުނީ މި ކާމިޔާބީ އަށް ވެސް އޭނާ ޝުކުރުވެރިވާ ކަމަށާއި މިއީ އަދި ހަމަ ފެށުމެއް ކަމަށެވެ. އަދި މިގޮތުގައި އޭނާ ކުރިއަށް ދާއިރު، ކުރިން ދިމާވެފައި ހުރި އެއްވެސް ހިތި ހަނދާންތަކެއް ހުރަސްތަކަކަށް ހަދަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

  • މައިސާން ވީޑިއޯ ލަވައެއްގެ ޝޫޓިންއެއްގައި. (ފޮޓޯ: ވޭވާޑްމަންކީ)
  • ފަސީލައިވް އެކްސްޕީރިއަންސް ޝޯގައި ޓޫސެންސްއާ އެކު މައިސާން ޕާފޯމްކުރަނީ. -- ފޮޓޯ: ވައިވައިވައި
  • މައިސާން ވީޑިއޯ ލަވައެއްގެ މަންޒަރެއް ނަގަނީ (ފޮޓޯ: ވޭވާޑްމަންކީ)

"ބޮކިޓޯސް ލަވަކިޔަނީ، މިއުޒިކް ކުޅެނީ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޕްރޫވްކޮށްދޭކަށް ނޫން. އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ވާދަކުރަނީ އަޅުގަނޑުގެ އަމިއްލަ ނަފުސާ. ދެ ވަނަ އެއްވެސް މީހަކާ ނޫން،" އޭނާ ކިޔައިދިނެވެ.

"މީހަކަށް ކަމެއް ޕްރޫވްކޮށްދޭން ހަދައިގެން ގޮސް ގެއްލިގެންދާނީ އެމީހެއްގެ ޕެޝަން. އެކަމަށް އޮތް އަސްލު ހިތް ހަލާކުވެގެންދާނީ އެހެން ކަމެއްގައި. އެހެންވީމަ އެ ވާދަވެރިކަމާއި ހަސަދަވެރިކަމަކީ އަޅުގަނޑު ޝައުގުވެރިވާ ކަންކަމެއް ނޫން."

"އެހެންވީމަ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޕްރޫވްކޮށްދޭކަށް ނޫން އަޅުގަނޑު މި އުޅެނީ. އަޅުގަނޑު މިއުޒިކް މި ކުޅެނީ، ބިކޯޒް އައި ލަވް ޓު ޑޫ އިޓް."

އަދި މި އިންޓަވިއު ނިންމާލަން އޭނާ ބުނީ މިހެންނެވެ.

"ފަހަތަށް ބަލައިގެން ސައިކަލް ދުއްވީމަ ވެއްޓޭނީ. ކުރިއަށް ބަލަހައްޓައިގެން އިނދެ ސައިކަލް ދުއްވަން ޖެހޭނީ. މިއީ އަޅުގަނޑު ކުރިއަށް ދާން ވިސްނާ ގޮތަކީ."

ތެދެކެވެ. ވީކަމެއްވީ އެވެ. ވެނިމުނީ އެވެ. އެކަމަކު ވެސް ނުނިވުނީ ބޮކިޓޯސްގެ މިއުޒިކީ ހުވަފެނެވެ. އަދި ނުނިމޭނީ އޭނާގެ ޝޯ އާއި މި އިންޓަވިއު އެވެ. ސަބަބަކީ މި އެވެ. އޭނާ އަކީ ފަހަތަށް ބަލަހައްޓައިގެން އިނދެ ވެސް ސައިކަލް ދުއްވަން ކުޅަދާނަ ކެރެކްޓާއެކެވެ. ނިވިދިއްލޭ، އެކަމަކު ފަސޭހައިން ނުނިވޭނެ ބޮކިޓޯސް އެވެ.

ކޮމެންޓް (2)

މުހައްމަދު

26 ސެޕްޓެމްބަރު 2022
ސަޅި ލަވަ ކިޔާގޮތް
2 0

މަހުމޫދު

25 ސެޕްޓެމްބަރު 2022
ބޮކިޓޮސް ގަދަ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް