ހައިޑްރޯގްރަފީ ސާވޭ ހަދަން މީގެ ކުރިން ރާއްޖެއަށް އައި އިންޑިއާ ނޭވީގެ މަނަވަރެއް. (ފޮޓޯ:ޕީއެސްއެމް ނިއުސް)

ހއ. އަތޮޅުގައި ނިޔަމިކަމުގައި ބޭނުންކުރާނެ ޗާޓެއް އެކުލަވާލަނީ

23 ޖެނުއަރީ 2023

ހއ. އަތޮޅު ސަރަހައްދުގެ ނިޔަމިކަމުގައި ބޭނުންކުރާ ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟- އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންއާގެ ނެޝަނަލް ހައިޑްރޯގްރަފިކް އޮފީހާ ގުޅިގެން މި ސާވޭ މިއަދުން ފެށިގެން އަންނަ މަހުގެ 28ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. އެ ސާވޭ ކުރުމުގައި؛

  • އެ ސަރަހައްދުގައި ބޭނުންކުރާނީ ކުދި ބޯޓުފަހަރު

  • ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށް ޖީޕީއެސް ރިސީވަރާ އެކު ރަށްރަށުގެ އައްސޭރީގައި ވެސް ހަރަކާތްތެރިވާނެ

  • ކޯސްޓް ގާޑުގެ އުޅަނދުތައް ވެސް ހަރަކާތްތެރިވާނެ

ތަފްސީލް- ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީއިން މީގެއެތައް ސަތޭކަ އަހަރު ކުރިން ސާވޭކޮށް ކުރަހާފައިވާ ޗާޓުތަކެކެވެ. މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވެ ފަރަށް އެރުމާއި އެ ނޫންވެސް ހާދިސާތައް ހިނގުމަކީ އާއްމު ކަމެކެވެ. މޯލްޑިވްސް ހައިޑްރޯގްރަފީ އޮފީހުން ބުނީ މިހާރު ހަދަން ފެށި ޗާޓު ނިމުމުން އެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށެވެ.

"އެ އަތޮޅު މިހާރުގެ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ގޮތަށް އަލުން ސާވޭކޮށް އާ ޗާޓެއް އުފެއްދުމަކީ މި ސާވޭގެ މައިގަނޑު މަގްސަދެވެ." ހައިޑްރޯީގްރަފީ އޮފީހުން ބުންޏެވެ.

އެނގުން މުހިއްމު - ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކުރީ 8 ޖޫން 2019ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީ ސާވިސް އިދާރާއެއް އުފައްދައި ރާއްޖޭގެ އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭއެއް ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗުގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް