ޗައިނާގެ އަންހޫއީ ޕްރޮވިންސުގައި ހުންނަ ބޯޓުދެލި ކާރުހާނާއެއް. (ފޮޓޯ/ ބްލޫމްބާގް)

ޗައިނާގައި ބިނާކުރަން ހުއްދަ ދިން ބޯޓުދެލި ކާރުހާނާތަކުގެ އަދަދު މައްޗަށް

ބޯޓުދެލި ބޭނުންކުރާ މިންވަރު މަދުކުރާނެ ކަމަށް ޗައިނާ އިން ބުނެފައި ވަނީ 2025ގެ ފަހުން

ދުނިޔޭގެ އެންމެ ބޮޑެތި ސިނާއީ އިގްތިސާދުތަކުން މޫސުމީ ބަދަލުތައް ހުއްޓުވުމަށް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ހުސްވި ކޮޕް26 ސަމިޓުގައި އެއްބަސްވެފައިވީ ނަމަވެސް ޗައިނާއިން ފެންނަ މަންޒަރު ތަފާތެވެ.

މި އަހަރު ފުރަތަމަ ކުއާޓަރުގައި ޗައިނާގައި ބިނާކުރުމަށް ހުއްދަ ދޫކޮށްފައިވާ ބޯޓުދެލި ކާރުހާނާތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މުޅި މިދިޔަ އަހަރު ޗައިނާ އިން ހުއްދަ ދޫކުރި މިންވަރުގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ނުވަތަ 8.63 ގިގަވޮޓުގެ ކަރަންޓު އުފެއްދޭނެ ކާރުހާނާތައް ބިނާކުރުމަށް މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޗައިނާގައި ހުއްދަ ދޫކޮށްފައިވާ ކަމަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، ގްރީންޕީސް އިން ވަނީ މިއަދު ބުނެފަ އެވެ.

ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރުކުރަމުން އަންނަ ޗައިނާ އިން ވަނީ 2021 އިން ފެށިގެން 2025 އާއި ދެމެދު އެ ގައުމުގައި ބޯޓުދެލިން އުފައްދާ ހަކަތަ ބޭނުން ކުރާ މިންވަރު ކޮންޓްރޯލު ކުރަން ވައުދުވެފަ އެވެ.

ނަމަވެސް މިދިޔަ ސެޕްޓެމްބަރުގައި ކުރިމަތިވި ކަރަންޓު ކެނޑުމުގެ ހާދިސާތަކާ އެކު ހަކަތައިގެ ސަޕްލައިތައް ހަރުދަނާކަމާ އެކު ލިބުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ހެދި ޗައިނާގެ ސަރަހައްދީ އިދާރާތަކުން އަންނަނީ ބޯޓުދެލި ކާރުހާނާތަކަށް ހުއްދަތައް ބަހަމުން ކަމަށް ގްރީންޕީސް އިން ނެރެފައިވާ ދިރާސާ ރިޕޯޓެއްގައިވެ އެވެ.

"ބޯޓުދެއްޔަށް ކިޔޭ ސިއްރު ބަހަކަށް މިހާރު ހަކަތަ ވެއްޖެ،" ބެއިޖިންގައި ގްރީންސްޕީސްއަށް މަސައްކަތް ކުރާ ވޫ ޖިންގްހާން ވިދާޅުވި އެވެ.

ޗައިނާ އިން ބޯޓުދެލި ބޭނުންކުރަން ވިސްނާފައި އޮތް މިންވަރާ ގުޅިގެން މިދިޔަ އަހަރު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި ބޮޑެތި ބަހުސްތަކެއް ކުރި އެވެ. އެ ސަމިޓުގައި ގައުމުތަކުން އެންމެ ފަހުން އެއްބަސްވުމަކަށް އައިސްފައި ވަނީ ބޯޓު ދެލި ބޭނުން ކުރުން އެކީ ހުއްޓާލުމުގެ ބަދަލުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ. 

ދުނިޔޭގައި އެންމެ ގިނައިން ބޯޓުދެލި އުފައްދާ އަދި ބޭނުންކުރާ ޗައިނާ އިން ބޯޓުދެލި ބޭނުންކުރާ މިންވަރު މަދުކުރުމަށް ވައުދުވެފައި ވަނީ 2025ގެ ފަހުން ނެވެ. ނަމަވެސް އޭގެ ކުރިން އެ ގައުމުގައި ބޯޓުދެލިން ކަރަންޓު އުފައްދާ މިންވަރު 150 ގިގަވޮޓުގެ އިތުރުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ އަންދާޒާކޮށްފަ އެވެ.

ޗައިނާގެ އިލެކްޓްރިސިޓީ ކައުންސިލުން މި ހަފްތާގައި ޝާއިއުކުރި އަންދާޒާތައް ދައްކާ ގޮތުން، 2025 އަންނަން ވާއިރަށް އެ ގައުމުގައި ކަރަންޓު އުފެއްދޭ މިންވަރު 3،000 ގިގަވޮޓަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މީގެ ތެރެއިން %49 ކަރަންޓު އުފެއްދޭނީ ފޮސިލްފިއުލް ބޭނުންކޮށްގެންނެވެ. މި އަދަދު ވެގެންދާނީ މިދިޔަ އަހަރު ޗައިނާގައި ބޯޓުދެލިން އުފެއްދުނު ޖުމުލަ ކަރަންޓަށް ވުރެ 261 ގިގަވޮޓު އިތުރު އަދަދަކަށެވެ.

އެހެންކަމުން ޗައިނާގައި އިއާދަކުރަނިވި ހަކަތައާ ގުޅޭ ޕްރޮޖެކްޓުތައް އިތުރުވެގެން ދިޔަ ނަމަވެސް ކަރަންޓު ގްރިޑުތަކުން އިއާދަކުރަނިވި ހަކަތައަށް ލިބޭ ފުރުސަތުތައް މަދުވާނެކަން ވޫ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް