ގައުމީ ޓީމުގެ ކުޅުންތެރިން ރޭގެ ސެޝަނުގައި ވޯމްއަޕްކުރަނީ. (ފޮޓޯ/އެފްއޭއެމް)

އޭޝިއަން ކަޕަށް ގައުމީ ޓީމު ތައްޔާރުވާން ފަށައިފި

ރަސްމީ ޕްރެކްޓިސްްތައް ފަށާނީ އޭއެފްސީ ކަޕަށް ފަހު މާޒިޔާ އައުމުން

އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހު އުޒްބެކިސްތާނުގައި ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތައް ރޭ ފަށައިފި އެވެ.

އެކަމަކު ރަސްމީކޮށް ޕްރެކްޓިސް ފަށާނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވާ މާޒިޔާ އިން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުމަށް ފަހު އެނބުރި އައުމުންނެވެ.

އެހެންވެ މިހާރު ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އެހެން ޓީމުތަކުން ހިމެނޭ ކުޅުންތެރިންނާއި 23 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު ފިޓްނަސް ހިފެހެއްޓުމުގެ ސެޝަންތަކެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ސްކޮޑް ފައިނަލް ވާނީ ވެސް މާޒިޔާގެ ކުޅުންތެރިން އައިސް ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމުން ކަމަށެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ ގޯލްކީޕަރުން ގްރޫޕް ފޮޓޯއެއްގައި. (ފޮޓޯ/އެފްއޭއެމް)

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފަހު މެޗު އޮންނާނީ މި މަހުގެ 24 ގަ އެވެ. އެހެންވެ އެ ޓީމު އެނބުރި މާލެ އައިސް އެ ޓީމުގެ ކުޅުންތެރިންނަށް އެންމެ އަވަހަށް ވެސް ޕްރެކްޓިހުގައި ބައިވެރިވެވޭނީ މި މަހުގެ 25 ގަ އެވެ. އެހެންވެ ފުލް ސްކޮޑާ އެކު ގައުމީ ޓީމަށް ޕްރެކްޓިސް ކުރެވޭނީ ދެ ހަފުތާއެއްހާ ދުވަހު އެވެ.

ކޮލިފައިން ފެށުމާ ދެމެދު އޮތީ ކުޑަ ދުވަސްކޮޅެއް ކަމުން މި ފަހަރު ބޭރުގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމުގެ ފުރުސަތު ކުޑަ ކަމަށް ޖަވާޒް ވިދާޅުވި އެވެ.

"އަދި އެއްކޮށް ނުނިންމާ. އެކަމަކު އެ ފުރުސަތު ކުޑަ،" އޭނާ ވިދާޅުވި އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ތައިލެންޑާއި ސްރީ ލަންކާއާ އެކު ގްރޫޕް ސީ ގަ އެވެ. ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް އެއް މެޗު ކުޅުމަށް ފަހު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ. އަދި ހަ ގްރޫޕުން ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށް ވެސް ފުރުސަތު ލިބޭނެ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް -

  • ތައިލެންޑް - ދިވެހިރާއްޖެ: 8 ޖޫން

  • ދިވެހިރާއްޖެ - އުޒްބެކިސްތާން: 11 ޖޫން

  • ދިވެހިރާއްޖެ - ސްރީ ލަންކާ: 14 ޖޫން

މިއީ ގައުމީ ޓީމުގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ ބެލުމުގެ ދަށުން ރާއްޖެ ވާދަކުރާ ރަސްމީ ފުރަތަމަ މުބާރާތެވެ. އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނާއި ރޯމާގެ ކުރީގެ ކުޅުންތެރިއާގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ރަސްމީ ފުރަތަމަ މެޗުން މިދިޔަ މާޗު މަހު މާލޭގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި އެވެ.

ގައުމީ ކޯޗު މޮރިއޭރޯ ކުޅުންތެރިއަކާ ވާހަކަދައްކަނީ. (ފޮޓޯ/އެފްއޭއެމް)

އޭނާ މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމާ ހަވާލުވިތާ ކައިރީގައި ރާއްޖޭން ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައި ވާދަކުރި އެވެ. އެ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު ލަންކާ އާއި ސީޝެލްސްއާ އެއްވަރުވީ އެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ރާއްޖޭން ވަރަށް ސީރިއަސްކޮށް އަމާޒުކޮށްފައިވާ ކަމެކެވެ. އަމުދުން މުބާރާތުގެ ޖާގަ އިތުރުކޮށް ކުރިއަށް ވުރެ ފަސޭހަ މަގަކުން ކޮލިފައިވެވެން އޮތުމުން މި ފަހަރާ މެދު ބޮޑު އުއްމީދެއް ކުރެވެ އެވެ.

އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށް ޗައިނާގައި ބާއްވަން ރާވާފައިވާ އޭޝިއަން ކަޕް ކޮވިޑުގެ ސަބަބުން އެ ގައުމުގެ ނުބާއްވަން ވަނީ ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި މުބާރާތް ދެން އޮންނާނީ މެދުއިރުމަތީގެ ގައުމެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް