މިދިޔަ މާޗު މަހު ބޭއްވި ބައްދަލުވުމެއްގައި ޖީ7ގެ ލީޑަރުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. (ފޮޓޯ/ ރޮއިޓާސް)

ޖީ7ގެ ގުޅުމަށް ހަނގުރާމައާ ގުޅިގެން ގޮންޖެހުންތަކެއް

ރަޝިޔާއަށް އަދަބު ދިނުމަށް ވުރެ ދިރިއުޅުމުގެ ހަރަދުތައް ތިރިކުރުން މުހިންމުކަމަށް ޔޫރަޕުގެ ރައްޔިތުން ވަނީ ހިޔާލު ހޯދުމުގެ ވޯޓެއްގައި ބުނެފައި

މިއަދު ޖަރުމަނުގެ ބަވާރިއާގައި ފެށުމަށް ހަމަޖެހިފައިވާ ޖީ7 ގައުމުތަކުގެ ސަމިޓުގައި އެންމެ ބޮޑަށް މަޝްވަރާ ކުރާނެ ކަމަށް ބެލެވޭ މައުލޫއަކީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ އެވެ. ޖީ7ގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، އިޓަލީ، ކެނެޑާ އަދި ޖަޕާނުގެ ލީޑަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުން ބޮޑެވެ.

މި ހަނގުރާމަ އާއި ރަޝިޔާއާ ދެކޮޅަށް ސާބިތުވެ އެއްބައިވަންތަކަމާ އެކު ތިބިކަން މި ހުރިހާ ގައުމަކުން ދައްކުވައިދޭން ޖެހެ އެވެ. ފާއިތުވެދިޔަ މަސްތަކުގައި މި އެއްބައިވަންތަކަމަށް ބުރޫއަރައި ރެނދުލާފާނެކަމުގެ ނިޝާންތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ޔޫކްރެއިނުގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލައިގެން ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުން ރަނގަޅު ނުވާނެތޯ ފްރާންސް، ޖަރުމަނު އަދި އިޓަލީގެ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. ޔޫރަޕުގައި މިފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ޔޫރަޕުގެ ރައްޔިތުންނަށް މިވަގުތު މުހިންމީ ރަޝިޔާއަށް އަދަބު ދިނުމުގެ ބަދަލުގައި ޔޫރަޕުގެ ދިރިއުޅުމުގެ ހަރަދުތައް ފަރުޖެއްސޭނެ ގޮތްތައް ހޯދުމެވެ.

އަދި ބައެއް ފަރާތްތަކުން ވަނީ މުސްތަގުބަލުގައި ރަޝިޔާއާ އެކު ކޮންމެވެސް މިންވަރެއްގެ ގުޅުމެއް ބޭއްވޭނެ ފަދަ ގޮތަކަށް ފިޔަވަޅުތައް ބައްޓަން ކުރުމަށް ގޮވާލާފަ އެވެ.

ނަމަވެސް، އިނގިރޭސިވިލާތް، ޕޯލެންޑު، އެސްޓޯނިއާ، ލިތުއޭނިއާ އަދި ލެޓްވިއާ ފަދަ ގައުމުތަކުން ދެކޭ ގޮތް ވަރަށް ތަފާތެވެ. ޔޫކްރެއިނުން ބޭނުން ނުވާ ފަދަ ގޮތަކަށް ރަޝިޔާ އިން ދޫދީގެން މި ހަނގުރާމަ ނިމުމަކަށް ގެނެސްފި ނަމަ މުސްތަގުބަލުގައި ރަޝިޔާ އިން ހަރުކަށިކަން އަނެއްކާ ވެސް ދައްކާނެ ކަމަށް މި ގައުމުތަކުން ދެކެ އެވެ.

އަދި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޖީ7ގެ ސަމިޓުގައި ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ވީޑިއޯ މެދުވެރިކޮށް މާދަމާ ހިތޯބެއް ދެއްވަން ހަމަޖެހިފައި ވާއިރު، ރަޝިޔާއަށް ދޫދިނުމުން މުސްތަގުބަލުގައި ކުރިމަތިވެދާނޭ ގެއްލުންތައް ޒެލެންސްކީ ފާހަގަކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެހެންކަމުން، މިއަދު ފަށާ ސަމިޓުގައި ރަޝިޔާ-ޔޫކްރެއިނު ހަނގުރާމައިގައި ޖީ7ގެ ގައުމުތަކުން ސާބިތުވެ ތިބޭނެ ވަކި އެއްގޮތެއް ކަނޑައަޅާ ނިންމާ، ޔޫކްރެއިނަށް އިތުރަށް ހަތިޔާރު ފޯރުކޮށް ދިނުމަށާއި ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އިއުލާނު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ބޭނުމަކީ އަމިއްލަ ގައުމުތަކުގެ ރައްޔިތުން ކުރަމުންދާ ޕްރެޝަރުތަކާ އެކު ވެސް ޖީ7ގެ ގައުމުތަކުގެ ލީޑަރުން ޔޫކްރެއިނާ އެކު ކެތްތެރިވެ ސާބިތުވެ ތިބިކަން ޕޫޓިންއަށް ދެއްކެވުމެވެ.  

ނަމަވެސް ޖީ7ގެ ލީޑަރުން ކުރިމަތިވެފައިވާ ގޮންޖެހުންތައް މިއަށް ވުރެ ވެސް ބޮޑެވެ. އުފުލެމުންދާ ހަކަތަ އާއި ކާބޯތަކެތީގެ އަގުތަކުގެ ޒިންމާ ނަގަން ޖެހޭނީ ހުޅަނގުން ކަމަށް ބައެއް ގައުމުތަކުން ދެކެ އެވެ.

ދުނިޔޭގެ ދެކުނު ފަޅީގައިވާ ގިނަ ގައުމުތަކުން ދެކޭ ގޮތުގައި ރަޝިޔާ-ޔޫކްރެއިނު ހަނގުރާމައަކީ ޔޫރަޕުގެ ހަނގުރާމަ އެކެވެ. އަދި މިކަމުގެ ތެރެއަށް ހުޅަނގުން ފުންމާލައިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު ދުނިޔޭގެ ހުރިހާ ދިމާލެއްގައި ވެސް އުފުލެނީ އެވެ.

ނަމަވެސް މި ކަމަށް ޖަވާބުދާރީވުމަށް ޖީ7ގެ ގައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެކި ގައުމުތަކަށް އެކި ގޮތް ގޮތުން ވެދެމުންދާ އެހީތަކާއި އެ ގައުމުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް މި ހަފްތާގައި ކުރިއަށްދާ ޖީ7ގެ ބައްދަލުވުމުގައި އަލިއަޅުވާލާނޭ ކަމަށް ވަނީ ބެލެވިފަ އެވެ. 

އަދި މިފަހަރުގެ ސަމިޓުގައި ބައިވެރިވުމަށް އިންޑިއާ، ސެނެގާލް، އާޖެންޓީނާ، އިންޑޮނީޝިއާ އަދި ދެކުނު އެފްރިކާގެ ލީޑަރުންނަށް ދައުވަތު އަރުވާފައި ވަނީ މި ސަބަބަށްޓަކާ ކަމަށް ވަނީ ބެލެވިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް