(ވ-ކ) ފިންލެންޑުގެ ހާރިޖީ ވަޒީރު ޕެއްކާ ހާވިސްޓޯ، ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް، ތުރުކީގެ ރައީސް އުރުދުގާން، ފިންލެންޑުގެ ރައީސް ސައުލީ ނީނިސްޓޯ، ސްވީޑެންގެ ބޮޑުވަޒީރު މަގްޑަލެނާ އެންޑެސަން އަދި ސްވީޑެންގެ ހާރިޖީ ވަޒީރު އޭން ލިންޑޭ އިއްޔެ ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި އޮތް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ އޭއެފްޕީ)

ނޭޓޯ

ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ތުރުކީން އެންމެ ފަހުން ތާއީދުކޮށްފި

މި ދެ ގައުމުން ނޭޓޯއާ ގުޅުމަށް ތުރުކީން އެންމެ ފަހުން ތާއީދުކޮށްފައި ވަނީ އަންކާރާގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅާނެކަން ކަށަވަރުކުރުމަށް ފަހު

ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުންތަކަށް ތާއީދުކުރުމަށް ތުރުކީން އެންމެ ފަހުން ނިންމައިފި އެވެ.

ޔޫރަޕުގެ އެންމެ އުތުރު ބިތުގައި އޮންނަ ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅެން ބޭނުންވާކަން ފުރަތަމަ ހާމަކުރުމާ އެކު ތުރުކީން އައީ މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ސަބަބެއް ކަމަށް އަންކާރާގެ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ ތުރުކީއާ ދެކޮޅަށް އަސްކަރީ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކުރުދީ ބައެއް ހަނގުރާމަ ވެރިން ފިންލެންޑާއި ސްވީޑެންގައި ތިބޭއިރު އެ މީހުންނާ ދެކޮޅަށް އެ ގައުމުތަކުގެ ސަރުކާރުން ފިޔަވަޅެއް ނޭޅުމެވެ.

ތުރުކީގެ އިތުރުން މި ދެ ގައުމުން ނޭޓޯއާ ގުޅުމަށް ދެކޮޅު ހަދާ އަނެއް ގައުމަކީ އަވަށްޓެރި ވަރުގަދަ ރަޝިޔާ އެވެ. ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފަށަން ޖެހުނު ކަމަށް ރަޝިޔާ އިން މިހާތަނަށް ބުނެފައިވާ ގިނަ ސަބަބުތަކުގެ ތެރޭގައި ޔޫކްރެއިނުން ނޭޓޯއާ ގުޅުން ހުއްޓުވުން ވެސް ހިމެނެ އެވެ. 

ނޭޓޯ ފުޅާވެގެން ދިޔުމަކީ އަދި ވަކިން ހާއްސަކޮށް ރަޝިޔާގެ ދޮރުމައްޗަށް ފުޅާވުމަކީ މޮސްކޯ އިން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރަޝިޔާގެ ރައީސް ލަޑްމިއާ ޕޫޓިން ވަނީ މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފަ އެވެ.

ނަމަވެސް، ރަޝިޔާ އިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށީ ނޭޓޯ ފުޅާވެގެން ދިއުން ހުއްޓުވަން ކަމަށް ވަނީ ނަމަ އެކަން ހާސިލެއް ނުވާނެ އެވެ. ސަބަބަކީ ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ތާއީދުކޮށް ރަސްމީކޮށް އެކަމަށް ކުރިމަތިލާފައި ވަނީ ރަޝިޔާ އިން ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމާ ގުޅޭ. (ވީޑިއޯ/ ރޮއިޓާސް)

އިއްޔެ ސްޕެއިންގެ މެޑްރިޑުގައި ބޭއްވި ބައްދަލުވުމެއްގައި ތުރުކީ، ފިންލެންޑު އަދި ސްވީޑެންގެ ހާރިޖީ ވަޒީރުން ވަނީ ތުރުކީގެ ކަންބޮޑުވުންތަކާ ބެހޭ ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

ފިންލެންޑާއި ސްވީޑެންގައި ތިބި ކުރުދީ ހަނގުރާމަވެރިން ތުރުކީގައި ހިންގޭ ތަހުގީގުތަކާއި ޝަރީއަތުގައި ބައިވެރިކުރުމަށް ފޮނުވައިދިނުމަށް ހެލްސިންކީ އާއި ސްޓޮކްހޯމްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަލުވިކުރަން އެއްބަސްވެފައިވާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް އިއްޔެ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް މި ދެ ގައުމުން ތުރުކީއަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އަޅާފައިވާ ހުރަސްތައް ވެސް ނައްތާލުމަށް އެއްބަސްވެފައިވާކަން ސްޓޮލްޓެންބާގް ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް