ރޭގެ މެޗުގައި ރިޔާޒު އޯލް ސްޓާ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ލިއޮނެލް މެސީ އަދި ނޭމާ

ފުޓްބޯޅަ

ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމުގައި ދެ ކުޅުންތެރިން ވެސް ގޯލު ޖަހައިފި

މިއީ މި ދެ ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ފެންނާނެ ފަހު މެޗު ކަމަށް ބައެއް ފަރާތްތަކުން ލަފާކުރޭ
20 ޖެނުއަރީ 2023

ސައުދީ އަރަބިއްޔާގައި ކުޅުނު ދައްކާލުމުގެ މެޗެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ ވެސް، ދެ ކުޅުންތެރިންގެ ޓީމުތަކަށް ރޭ ލަނޑު ޖަހައިދީފި އެވެ.

ސައުދީގެ އެންމެ ގަދަ ދެ ޓީމުން ހޮވާލެވުނު ރިޔާޒު އޯލް ސްޓާ 11 އާއި މެސީ ހިމެނޭ ފްރާންސްގެ ޕީއެސްޖީގެ މި ވާދަކުރުމުގައި ރޮނާލްޑޯ ދެ ލަނޑު، އަދި މެސީ އެއް ލަނޑު ޖެހި އެވެ. މެޗު ނިމުނީ 5-4 އިން ޕީއެސްޖީ މޮޅުވެގެންނެވެ.

މިއީ ބެލެވޭ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ނުކުންނާނެ ފަހު ފަހަރެވެ. 

މެންޗެސްޓަ ޔުނައިޓެޑްގައި ކުރިމަތިވި ހިތްހަމަނުޖެހުންތަކާ އެކު ދިން ޓީވީ އިންޓަވިއުއަކާ ގުޅިގެން ރޮނާލްޑޯގެ އެގްރިމެންޓް ކެންސަލްކުރުމުން އޭނާ މިހާރު ގުޅިފައި ވަނީ ސައުދީގެ އަލް ނަސްރުއާ އެވެ. އެކަމަކު ސައުދީ ލީގުގައި މެޗެއް ކުޅުމުގެ ކުރިން އޭނާގެ ހުނަރު ސައުދީގައި މި ފެނުނީ ރޭ، ދައްކާލުމުގެ މެޗުގަ އެވެ.

އަލް ނަސްރަށް އޭނާ ފުރަތަމަ މެޗު ކުޅޭނީ އަންނަ އާދިއްތަދުވަހު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ، ރޮނާލްޑޯގެ ދެ ލަނޑާ އެކު 2-2 އިން އެއްވަރުވެގެންނެވެ. މި ހާފުގައި ޕީއެސްޖީއަށް ލިބުނު ޕެނެލްޓީއެއް ނޭމާއަށް ވައްދާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ލަނޑު މެސީ ޖެހީ ނޭމާގެ ޕާހެއްގައި ދެ ވަނަ މިނިޓްގަ އެވެ.

ފަހު ހާފުގައި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ، ޕެނެލްޓީއަކުން ލަނޑެއް ޖެހި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ހުއާން ބާނެޓް، ސައުދީ އަރަބިއްޔާގެ ސަލީމް އައް ދައުސަރީއަށް ކުރި ފައުލަކާ ގުޅިގެން ސީދާ ރަތް ކާޑެއް ދެއްކި އެވެ. އޭގެ ފަހުން ޕީއެސްޖީ ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.

މެސީ އާއި ރޮނާލްޑޯ ވެސް، މެޗުގެ އެއް ގަޑިއިރުގެ ކުޅުމަށް ފަހު ބޭލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް