ރައީސް ސޯލިހުގެ ރިޔާސީ ބަޔާން އިއްވަވަން 6 ފެބްރުއަރީ 2023ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ރައީސް ސޯލިހް ވަޑައިގެންނެވުމުން ސިޔާމް އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސިޔާމްގެ ހުއްޓުމެއް ނެތް ތައުރީފް ރައީސް ސޯލިހަށް: 'އަހުލާގު ރަނގަޅު، ބަހުގެ އިތުބާރު ހިފޭ'

ސިޔާމް ވިދާޅުވީ ކޯލިޝަނެއް ފަސް އަހަރު ވަންދެން ހިފެހެއްޓީ ހަމައެކަނި މި ސަރުކާރުން ކަމަށާއި 'ބަހަށް އިތުބާރު ކުރެވޭ މީހަކާ' އެކީ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް
24 ފެބްރުއަރީ 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަހުލާގު ރަނގަޅު، ބަހުގެ އިތުބާރު ހިފޭ ބޭފުޅެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދުކުރަން ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމްް މީގެ ކުރިން އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން އިއުލާނުކުރެއްވި ނަމަވެސް، އެމްޑީއޭ އިން މިދިޔަ ބުދަ ދުވަހު ނިންމީ އިންތިހާބުގައި ވާދަނުކޮށް އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންް ކުރިއަށް ދިއުމަށެވެ. އެއާ އެކު އެމްޑީޕީންނާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްޑީއޭ އަށް ދިނެވެ. ނަމަވެސް އެ ޕާޓީން ނިންމީ އިންތިހާބުގައި ރައީސް ސޯލިހާ ގުޅި އެމްޑީޕީއާ ކޯލިޝަން ހެދުމަށެވެ.

ބުނީ ކީކޭ؟ - ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ފަރާތަކާ މެދު މަޝްވަރާކުރުމަށް އެމްޑީއޭ އިން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވިޔަފާރިވެރިޔާ ސިޔާމް މައިގަނޑުގޮތެއްގައި ވާހަކަދެއްކެވީ އެ ޕާޓީގެ ގިނަ މެމްބަރުން ރައީސް ސޯލިހަށް ތާއީދުކުރުމަށް ބުރަވާ ސަބަބުތަކުގެ މައްޗަށެވެ. އަދި އޭނާ ވެސް ރައީސް ސޯލިހަށް ތާއީދުކުރައްވާ ސަބަބުތައް ބަޔާންކުރެއްވި އެވެ.  

ސިޔާމް ވިދާޅުވީ މީގެ ކުރިން އެމްޑީޕީއާ ގުޅިގެން މަސައްކަތްނުކުރީ، އެ ޕާޓީން ދީނާ މެދު ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޕާޓީގެ "މޫނުމަތި" ބަދަލުވެ، މިހާރު ލީޑަރަކަށް ހުންނެވި ރައީސް ސޯލިހަކީ "ދީނަށް ފުރައްސާރަ ނުކުރާ މީހެއް" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެހިން ރައީސް އަރިހުގައި އިސްލާމްދީނުގެ ސިޔާސަތު ކިހިނެއްތޯއޭ އޮތީ. ވިދާޅުވީ ތިމަންނަ ހަމަ ދީނީ އިލްމުވެރިން ބުނާ ގޮތަށް، އޭގެ އެންމެ ފުރިހަމައަށް.. މިހާރު ވެސް  ސަރުކާރުގެ ދީނީ ކަންކަން ނިންމަވަނީ ދީނީ އިލްމުވެރިގެ އިރުޝާދާ އެއްގޮތަށޭ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސަކީ ފަސް ވަގުތު ނަމާދުކުރައްވާ، ރޯދަ ހިއްޕަވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން އޭނާއަށް އެނގެނީ ރައީސް ސޯލިހު މަޖިލީހުގައި އުޅުއްވިއިރު ބޭއްވެވި ގާތްކަމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"25 އަހަރު ތެރޭގައި، މުޅި އެމްޑީޕީގައި، ރެސްޓޯރެންޓަކަށް ގޮސް ކާލަން ދާ މީހަކަށް [އަޅުގަނޑުގެ] ހުންނާނީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު... އެއީ އެމަނިކުފާނަކީ އޭރު ވެސް އަހުލާގު ރަނގަޅު ބޭފުޅަކަށް ވާތީ،" ސިޔާމް ވިދާޅުވި އެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު ސިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ އެމްޑީއޭގެ ވިސްނުން ހުރީ ރާއްޖޭގެ ހަމަޖެހުން ދެމެހެއްޓޭނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ބިނާވަނީ ފަތުރުވެރިކަމަށް ކަމަށްވާއިރު، ފަތުރުވެރިކަން ކުރިއަރާނީ ހަމަޖެހުން އޮވެގެން ކަމަށް ވާތީ، އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އެ ހަމަޖެހުން ހިފެހެއްޓުން ކަމަށް، ރިސޯޓު ވެރިޔާ ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވިގޮތުގައި، އެކަން ކުރެއްވޭނެ ބޭފުޅަކީ ރައީސް ސޯލިހު ކަމަށް ގަބޫލުކުރައްވާ ސަބަބަކީ ކޮވިޑް-19 ގައި އެމަނިކުފާނު އިގްތިސާދު މެނޭޖްކުރެއްވި ގޮތް ރަނގަޅުވުމެވެ. ސިޔާމް ވިދާޅުވީ ކޮވިޑް އައުމަށް ފަހު ރައީސް ކަން ކުރެއްވީ، އޭނާ ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ލަފާގެ މަތިން އެމަނިކުފާނު ކޮވިޑްގެ ކަންކަން ކުރިއަށް ގެންދެވީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ކޯލިޝަނެއް ފަސް އަހަރު ވަންދެން ހިފެހެއްޓީ ހަމައެކަނި މި ސަރުކާރުން ކަމަށާއި "ބަހަށް އިތުބާރު ކުރެވޭ މީހަކާ" އެކީ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް