އެފްއޭއެމްގެ ރައީސް ބައްސާމް (ވ) ކޫޕްމަން އަށް 2020 ވަނަ އަހަރު ރާއްޖޭގެ ޖާޒީ ހަވާލުކުރަނީ. (ފޮޓޯ/އެފްއޭއެމް)

އެފްއޭއެމް

އެފްއޭއެމް އިން ކޫޕްމަން ވަކިކުރީ އުސޫލާ ހިލާފަށް، ބަދަލު ދޭން ޖެހޭ: ފީފާ

ފީފާ އިން މީގެ ކުރިން ވަނީ ރެނޭގެ މައްސަލަ ވެސް އެފްއޭއެމްއާ ދެކޮޅަށް ނިންމައިފައި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އެފްއޭއެމުން އުވާލީ އުސޫލާ ހިލާފަށް ކަމަށް ނިންމައި އޭނާ އަށް ބަދަލުދޭން ފީފާ ޓްރައިބިއުނަލްގެ ޕްލޭޔާ ސްޓޭޓަސް ޗެމްބަރުން އެފްއޭއެމް އަށް އަންގައިފި އެވެ.

ކޫޕްމަން އަށް އެފްއޭއެމުން ދޭން ފީފާ އިން އެންގީ އޭނާގެ ކޮންޓްރެކްޓް މުއްދަތު ހަމަވާ ތާރީހު ކަމަށްވާ ޖެނުއަރީ 2024 ގެ ނިޔަލަށް ދޭން ޖެހޭ މުސާރަ އެވެ. މި ފައިސާ 45 ދުވަހުގެ ތެރޭ އެފްއޭއެމުން ނުދައްކައިފި ނަމަ އެ އެސޯސިއޭޝަނަށް ފީފާ އިން ދޭ މާލީ އެހީގެ ތެރެއިން އެ ބައި އުނިކުރާނެ އެވެ.

ކޫޕްމަން ގައުމީ ކޯޗުކަމާ ހަވާލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ އަހަރު އޭނާ އަށް ގައުމީ ޓީމަށް ކޯޗުކޮށްދޭނެ ފުރުސަތެއް ނުލިބުނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު އެފްއޭއެމުން އޭނާގެ ކޮންޓްރެކްޓް އާކުރި އެވެ. އެކަމަކު އޭނާގެ ކޯޗުކަމުގައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިން ކޮލިފައިންގައި ވާދަކުރުމަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެފްއޭއެމުން ކޮންޓްރެކްޓް އުވާލީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭރު މީޑިއާ އަށް ވިދާޅުވީ ކޮލިފައިން އަށް ފަހު ކޯޗާ މެދު ހިތްހަމަނުޖެހޭ ކަންކަން ހުރުމުންނާއި ބައެއް ކަންކަމަށް އެއްބަސްނުވެވުމުން ކޮންޓްރެކް އުވާލީ ކަމަށެވެ. އޭރު ބައްސާމް ވިދާޅުވީ އެކަން ނިމިގެން ދިޔައީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.

އެކަމަކު ކޫޕްމަން ފަހުން ބުނީ ކޮވިޑުގެ އުނދަގޫ ދުވަސްވަރު ބުރަ މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އޭނާގެ ކޮންޓްރެކްޓް އުވާލީ އާއިލާއާ ގާތު ރާއްޖޭން ބޭރުގައި ހުއްޓާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އަށް މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެންވެ މައްސަލަ ފީފާ އަށް ހުށަހަޅަން ނިންމީ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ-3) ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޫޕްމަން (ކ-2) ނޫސްވެރިންގެ ބައްދަލުވުމެއްގައި. (ފޮޓޯ/އެފްއޭއެމް)

ކޫޕްމަން މި މައްސަލަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފީފާ އަށް ހުށަހެޅުމުން ވެސް ދިފާއުގައި އެފްއޭއެމުން ބުނީ ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ. އަދި ނަތީޖާތައް ދަށްވުމާއި ކޮންޓްރެކްޓުގައި ބުނެފައިވާ ކަންކަމަށް އޭނާ އަމަލުކޮށްފައި ނުވުމަކީ ވެސް ކޮންޓްރެކްޓް އުވާލަން މެދުވެރިވި ސަބަބުތައް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

އެކަމަކު މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވެފައިވަނީ ކޯޗެއްގެ ނަތީޖާ ގޯސްވުމަކީ މުސާރަ ދިނުން ހުއްޓާލަން ޖެހޭ ނުވަތަ ކޮންޓްރެކްޓް އުވާލެވޭނެ ސަބަބެއް ނޫން ކަމަށާއި ސަބަބަކީ ނަތީޖާ ގޯސްވުމާއި ރަނގަޅުވުން ކަނޑައެޅުމުގައި އެކި އެސޯސިއޭޝަނުން ގެންގުޅެނީ އެކި މިންގަނޑުތައް ކަމަށް ވުމެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ ކޫޕްމަން ރާއްޖޭގެ ކޯޗުގެ ގޮތުގައި ހޭދަކުރި ކުރު މުއްދަތުގައި ރާއްޖެ 2023 އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރަށް ކޮލިފައިކޮށްދިން ކަމަށާއި އެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަރުހަބާ ވެސް ވިދާޅުވި ކަމަށެވެ. އެހެންވެ ނަތީޖާ ދަށްވެގެން ވަކިކުރި ކަމަށް ބުނާ ވާހަކަތަކަށް ބާރު ލިބެން ނުވެސް ނެތް ކަމަށް ފަނޑިޔާރު ނިންމެވި އެވެ.

ކޫޕްމަންގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު މެޗުތައް:

  • ދިވެހިރާއްޖެ 0-4 ސީރިއާ

  • ޗައިނާ 5-0 ދިވެހިރާއްޖެ

  • ފިލިޕީންސް 1-1 ދިވެހިރާއްޖެ

ކޫޕްމަންގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެކަމަކު އޭނާ ހަވާލުނުވަނީސް ފެށި ގްރޫޕް މެޗުތަކުން ލިބުނު ޖުމްލަ ނަތީޖާއާ އެކު ރާއްޖެ ގްރޫޕުގެ ފުލަށް ނުގޮސް ސަލާމަތްވުމުން ކޮލިފައިންގެ ފައިނަލް ބުރަށް ހޮވުނީ އެވެ.

ރާއްޖެ މިހާރު އަންނަނީ އިޓަލީގެ ރޮބާޓޯ މޮރިއޭރޯގެ ކޯޗުކަމުގައި ކޮލިފައިންގެ ފައިނަލް ބުރަށް ތައްޔާރުވަމުންނެވެ. އެ މެޗުތައް ބުދަ ދުވަހު ފަށާނެ އެވެ.

23 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ކޯޗު ރެނޭ (ވ) އަށް އެފްއޭއެމްގެ ރައީސް ބައްސާމް ޖާޒީ ރާއްޖޭގެ ޖާޒީ ހަވާލުކުރަނީ. (ފޮޓޯ/އެފްއޭއެމް)

ކޫޕްމަންގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އަދި ފަހުން 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނެދަލެންޑްސްގެ ރެނޭ ހިޑިންކްގެ ކޮންޓްރެކް އުސޫލުން ބޭރުން އުވާލި މައްސަލައިގައި އޭނާ އަށް 187،375 އެމެރިކާ ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ވެސް އެފްއޭއެމް އަށް ފީފާ ފުޓްބޯލް ޓްރައިބިއުނަލް އިން ވަނީ ދާދި ފަހުން އަންގައިފަ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ރެނޭ ރާއްޖެ ގެނައީ 2020 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. އެކަމަކު އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗުގެ ގޮތުގަ އެވެ. އަދި އޭނާއާ 16-21 އަހަރާ ދެމެދުގެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް މަސައްކަތްތައް އޯވަސީކުރުމުގެ މަސައްކަތް ވެސް ހަވާލުކުރި އެވެ.

ރެނޭގެ ގާނޫނީ ވަކީލުންގެ އޮފީހުގެ ތަރުޖަމާނަކު މީޑިއާއަށް ބުނީ ދުވަސްކޮޅެއް ފަހުން އެފްއޭއެމުން ރެނޭ އަށް ފޮނުވީ ވަޒީފާ އިން ވަކިކުރުމުގެ ނޯޓިސް ކަމަށާއި އޭގައި އޮތީ ކޮވިޑުގެ ސަބަބުން ކޮންޓްރެކްޓް އުވާލަނީ ކަމަށެވެ. އަދި އެކަން ހަވާލާދީފައި، ކުރިން ލަފާކޮށްފައި ނެތް ކަމެއް ދިމާވާ ހާލަތެއް އަތުވެގެން ކޮންޓްރެކްޓް އުވާލެވޭ ގޮތަށް އޮންނަ މާއްދާ އަށް ކަމަށް އޭނާ ބުންޏެވެ.

އެއާ އެކު ރެނޭ ކޮންޓްރެކްޓުގެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ ހޯދަން ފީފާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މައްސަލަ ޖެއްސީ އެވެ.

ފީފާ ޓްރައިބިއުނަލް އިން ވަނީ އެފްއޭއެމުން ދިފާއެއްގެ ގޮތުގައި ނެގި މާއްދާ ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ ކޮންޓްރެކްޓް ހެދިއިރު ވެސް ކޮވިޑް އައިސްފައި އޮތުމުން އެއީ އަތުވެދާނެ ކަމަށް ނުބެލެވޭނެ ހާލަތަކަށް ނުވުމެވެ. އެހެންވެ ފީފާގެ އެ ނިންމުމާ އެކު ކޮވިޑް އުޒުރަކަށް ދައްކައި އުވާލާ ފުޓްބޯޅައިގެ ކޮންޓްރެކްޓްތަކުގެ މައްސަލަތަކަށް ހައްލެއް ހޯދޭނެ އެވެ.  

ރެނޭ އަކީ ނެދަލެންޑްސް އާއި ޗެލްސީގެ ކުރީގެ މަޝްހޫރު ކޯޗު ގުސް ހިޑިންކްގެ ކޮއްކޮ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް