އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، ސެނެގޯލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ: މިއީ މި މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ލަނޑު

އިންގްލެންޑަށް ސެނެގޯލް ކައިރިން ފަސޭހަ މޮޅެއް، ދެން އޮތީ ފްރާންސް

ކެޕްޓަން ހެރީ ކޭން ވަނީ މި މުބާރާތުގައި އޭނާގެ ފުރަތަމަ ލަނޑު ވެސް ޖަހާފައި
5 ޑިސެމްބަރު 2022

ފުރަތަމަ ހާފުގެ ކުރީކޮޅު ސެނެގޯލް އިން އިންގްލެންޑާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފާނެ ފަދަ ހަމަލާތަކެއް އުފެއްދިޔަސް، އެ ހާސްކަމުން ސަލާމަތްވެ، 3-0ގެ ކާމިޔާބީއާ އެކު ގަތަރު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް އިންގްލެންޑް ރޭ ހިނގައްޖެ އެވެ.

މި ވޯލްޑް ކަޕްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ފުރަތަމަ ލަނޑު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހައި ހޯދި ހިތްހަމަޖެހުމާއި 38 ވަނަ މިނިޓްގައި ޖޯޑަން ހެންޑާސަން، އިންގްލެންޑަށް ނަގައިދިން ލީޑުން މެޗު އެއްކޮޅަށް ބުރަވި އެވެ.

އިންގްލެންޑްގެ ފަހު ލަނޑު އައީ 57 ވަނަ މިނިޓްގައި ޒުވާން ބުކާޔޯ ސަކާގެ ފަރާތުންނެވެ. އެހާ ހިސާބުން މެޗުގެ ވާދަވެރިކަން ނިމި، އިންގްލެންޑަށް ގާތްގަނޑަކަށް ކްއާޓާ ފައިނަލް ކަށަވަރުވި އެވެ. އެފްރިކާގެ ޗެމްޕިއަން ސެނެގޯލްއަށް ދެން ނަތީޖާ ބަދަލުނުކުރެވޭ ވަރަށް ކުޅުންގަނޑުގެ މައްޗަށް އިންގްލެންޑުން ބާރު ހޯދި އެވެ.

އިންގްލެންޑް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި

  • 1954: އުރުގުއޭ އަތުން 3-1 އިން ބަލި

  • 1962: ބްރެޒިލް އަތުން 3-1 އިން ބަލި

  • 1966: އާޖެންޓީނާ އަތުން 1-0 އިން މޮޅު

  • 1970: ވެސްޓް ޖަރުމަން އަތުން 3-2 އިން ބަލި

  • 1986: އާޖެންޓީނާ އަތުން 2-1 އިން ބަލި

  • 1990: ކެމެރޫން އަތުން 3-2 އިން މޮޅު

  • 2002: ބްރެޒިލް އަތުން 2-1 އިން ބަލި

  • 2006: ޕޯޗުގަލް އަތުން 3-1 އިން ބަލި (ޕެނެލްޓީ)

  • 2018: ސްވިޑުން އަތުން 2-0 އިން މޮޅު

ދެން އޮތީ އިންގްލެންޑަށް ބޮޑު މެޗެކެވެ. އަންނަ ހޮނިހިރުދުވަހުގެ ކްއާޓާ ފައިނަލްގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި އެންމެ މޮޅު ކުޅުން ދައްކާ އެއް ޓީމު، ފްރާންސްއާ ދެކޮޅަށެވެ. މީގެ ކުރިން އިންގްލެންޑާއި ފްރާންސް ކްއާޓާ ފައިނަލްގައި ބައްދަލުވެފައެއް ނެތެވެ.

އެންމެ ފަހު ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ކޭންއަށް މި މުބާރާތުގައި އެވަރަށް އަދި ލަނަޑުތަކެއް ނުޖެހުނަސް އޭނާ އަންނަނީ ޓީމު މޮޅުކޮށްދޭން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ، ކުރީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ ލަނޑާ އެކު ކޭންއަށް އިންގްލެންޑްގެ ރެކޯޑާ ހަމަވާން ދެން އޮތީ އެންމެ ލަނޑެކެވެ. ވޭން ރޫނީގެ 53 ލަނޑަކީ އިންގްލެންޑްގެ ރެކޯޑެވެ. އެހެންކަމުން މި މުބާރާތުގައި އިތުރު އެންމެ ލަނޑެއް ޖެހިޔަސް އެ ރެކޯޑާ އެއްވަރުކުރުމުގެ ޝަރަފު ކޭންއަަށް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް