ރަނިލް ވިކްރަމަސިންހަ. (ފޮޓޯ/ ނިއުސްއެކްސް)

ސްރީ ލަންކާ

އިގްތިސާދު ރަނގަޅުވުމުގެ ކުރިން ބޮޑު ތަދަކާ ކުރިމަތިލާން ޖެހޭނެ: ރަނިލް

ލަންކާގެ ކޮންމެ އާއިލާއަކަށް ތިންއިރު ކާން ލިބޭނޭ ގޮތް ޔަގީން ކޮށްދެއްވާނެ ކަމަށް ރަނިލް ވަނީ ވިދާޅުވެފައި

ސްރީ ލަންކާގެ އިގުތިސާދު ރަނގަޅުވާން ފެށުމުގެ ކުރިން މިހާރަށް ވުރެ ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

އުފުލެމުންދާ ކާބޯތަކެތީގެ އަގުތަކާއި ތެލުގެ ތަދުކަމާ އެކު ލަންކާގެ ބައެއް ރައްޔިތުންނަށް ވަނީ ބައެއް އިރުއިރު ބަނޑަށް ތިބެން މަޖުބޫރުވެފަ އެވެ. އަދި އިގްތިސާދީ ހީނަރުކަމާ ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ލަންކާގައި ހިންގަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.

ލަންކާގެ ބޮޑުވަޒީރުކަމާ ހަ ވަނަ ފަހަރަށް ހަވާލުވެވަޑައިންނެވި ރަނިލްއަށް، ރައީސް ގޯތާބާޔަ ރާޖަޕަކްސަ މިފަހަރު އެ މަގާމު ދެއްވާފައި ވަނީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ހީކޮށެވެ.

މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި ބީބީސީއާ ވާހަކަދައްކަވަމުން ރަނިލް ވަނީ ލަންކާގެ ކޮންމެ އާއިލާއަކަށް ދުވާލަކު ތިންއިރު ކާން ލިބޭނެ ގޮތް ކަށަވަރު ކޮށްދެއްވާނެ ކަމަށް ވައުދުވެޑައިންފަ އެވެ. އަދި ލަންކާއަށް މާލީ ގޮތުން ބޭރު ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައި "ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތި ނުވާނެ، އަހަރެމެން ކާބޯތަކެތި ހޯދާނަން" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދު އޮތީ "ހަލާކުވެފައި" ކަމަށާއި ލަންކާގެ ރައްޔިތުންނަށް ދެއްވާނެ މެސެޖަކީ "ކެތްތެރިކަން އިސްކުރުން" ކަމަށް ރަނިލް ވިދާޅުވި އެވެ.

"އަހަރެން ކަންކަން އަނބުރާ ހަމައަކަށް އަޅުވާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ގޯތާބާޔަ ލަންކާގެ ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ރާޖަޕަކްސާ އާއިލާއާ ރަނިލް ގެންގުޅުއްވާ ގާތް ގުޅުމުގެ ސަބަބުން އެ މަނިކުފާނަށް ލަންކާގައި މިހާރު މާ ބޮޑު ތާއީދެއް ނެތެވެ.

މިއީ މިހާރު ސްރީ ލަންކާގެ ކޮންމެ ދުވަހެއްގެ ހާލަތު. (ފޮޓޯ/ އީޕީއޭ)

ބީބީސީއަށް ދެއްވި އިންޓަވިއުގައި، ރައީސްގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރާ ރައްޔިތުންގެ އިހްސާސްތައް އެނގިވަޑައިގަންނަވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

"އިނގިލި ދިއްކުރުމުން ކުރިއަށް ފިޔަވަޅުތަކެއް ނޭޅޭނެ. އަހަރެން މިތާ މިހުރީ މީހުންނަށް ފުދުންތެރިކަން ގެނެސްދިނުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރަނިލް މިހެން ވިދާޅުވި ނަަމަވެސް ރާޖަޕަކްސާ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ބަދަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެ މަނިކުފާނު ދެއްވި އެވެ.

"އަހަރެއް ވަންދެން އެހީތެރިކަން ބޭނުން. އަހަރެމެންނަށް ދޭ ކޮންމެ އެއްޗެއް އަހަރެމެން އަނބުރާ ދޭނަން. އެހީތެރިވެދީ މިކަން ކުރަން. އަހަރުމެންނަކީ އޭޝިއާގައި އެންމެ ދިގު މުއްދަތެއްވީ އަދި އެންމެ ދުަވަސްވީ ޑިމޮކްރަސީ،" ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ގޮވާލައްވަމުން ރަނިލް ވިދާޅުވި އެވެ.

ލަންކާގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓުމާ ގުޅިގެން ކާބޯތަކެއްޗާއި ބޭހާ އަދި ތެޔޮ ފަދަ އަސާސީ މުދަލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް އުފުލިފަ އެވެ. އަދި ޕެޓްރޯލު ފަދަ އަސާސީ މުދާ ހޯދުމަށް ކިއުގައި ތިބި ބައެއް މީހުން ލަންކާގައި މަރު ވެސް ވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް