ފުޓްބޯޅަ

ކަލަބްރިއާ އާއި ކުޓްރޯނޭގެ ފަރާތުން ދިވެހި ކުޅުންތެރިންނަށް މުހިއްމު ފުރުސަތެއް

ދެ ކުޅުންތެރިން ވަނީ ކަނޑިންމައިގައި މެޗެއް ވެސް ކުޅެފައި

ޕްރޮފެޝަނަލް ފެންވަރުގައި މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށްޓަކައި ޔޫތު ފެންވަރުގައި އަގުހުރި ފުރުސަތުތަކެއް ލިބެންޖެހޭނެކަން އެންމެ ބޮޑަށް އެނގޭނެ އެއް ދެ ކުޅުންތެރިންނަކީ އިޓަލީގެ ޑެވިޑޭ ކަލަބްރިއާ އާއި ޕެޓްރިކް ކުޓްރޯނޭ އެވެ.

އޭސީ މިލާނުގެ ވައިސް ކެޕްޓަންގެ ގޮތުގައި މިދިޔަ ސީޒަނުގައި އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި ކަލަބްރިއާ އަދި މިހާރު އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅޭ ކުޓްރޯނޭ އަކީ އުމުރުން 19 އަހަރުގައި އެފަދަ ފުރުސަތެއްގައި މިލާނުގެ ސީނިއާ ޓީމުން ޖާގަ ހޯދި ދެ ކުޅުންތެރިންނެވެ.

ކަލަބްރިއާ އާއި ކުޓްރޯނޭ ސީޒަން ނިންމާފައި ޗުއްޓީ ހޭދަކުރަން ރާއްޖޭގެ ކަނޑިންމަ ރިސޯޓަށް އައިސް ތިބިއިރު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކޭމްޕެއް ބާއްވައިދޭން އެ ރިސޯޓުން އެދުމުން އެ ދެ ކުޅުންތެރިން އެކަމަށް އިޖާބަ ދިނީ މިއީ ދިވެހި ކުޅުންތެރިންނަށް ކިހާ މުހިއްމު ފުރުސަތެއްކަން އެނގޭތީވެ އެވެ.

ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން އެ ދެ ކުޅުންތެރިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑިންމައިގައި ރާއްޖޭގެ ނުވަ ކުޅުންތެރިޔަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ހެޑް އަހުމަދު ޝާކިރުގެ ނަގައިދިން ސެޝަނުގައި އެ ދެ ކުޅުންތެރިން ވަނީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނާ އެކު ޓްރެއިނިން ހަދައިފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޓީވީން ފެންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މުހައްމަދު ސަލާހު ފަދަ ކުޅުންތެރިން ހުއްޓުވަން ކަލަބްރިއާ ޑިފެންސްކުރާ ތަނެވެ. އަދި އެންޓޯނިއޯ ރުޑިގާ އާއި ހެރީ މެގުއާ ފަދަ ޑިފެންޑަރުން ކައިރިން ގޯލް ޖަހަން ކުޓްރޯނޭ މަސައްކަތްކުރާ މަންޒަރެވެ.

އެހެންވެ އެ ފެންވަރުގެ ދެ ކުޅުންތެރިންނާ އެކު ޕްރެކްޓިސްކޮށްލެވުން ވާނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޮޑު ޝަރަފަކަށެވެ. އަދި ދެ ގަޑިއިރުގެ އެ ސެޝަނުން ގިނަ ކަންކަން ދަސްވެ ތަޖުރިބާކުރެވޭނެ އެވެ. މީގެ އިތުރުން އެކަން ވާނީ ކުރިއަށް ދިއުމަށް ބޮޑު މޯޓިވޭޝަނަކަށް ވެސް މެ އެވެ.

ކުޓްރޯނޭ (ކ) އާއި ކަލަބްރިއާ ޓްރެއިނިންގެ ތެރޭގައި. (ފޮޓޯ/ކަނޑިންމަ)

"ވަރަށް ގިނަ ކަންކަން ދަސްވި. ވަރަށް ބޮޑަށް ފާހަގަކުރެވޭ އެ ދެ ކުޅުންތެރިންގެ އެކްސްޕީރިއަންސް. އަނެއްކާ ކިޔައިދޭ ގޮތް ވެސް ތަފާތު. މިއީ ވަރަށް އަގުހުރި ތަޖުރިބާއަކަށް ވާނެ." ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުންޏެވެ.

ކޯޗު ޝާކިރު ބުނި ގޮތުގައި ޒުވާން ކުޅުންތެރިންނަށް މި ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މީގެ ސަބަބުން މި ކުޅުންތެރިން ކުރިއަށްދާން އަޒުމު އާވާނެ ކަމަށެވެ.

"އެ ކުޅުންތެރިންގެ ނަސޭހަތާއި އިރުޝާދުތައް ލިބުމަކީ މި ކުޅުންތެރިންނަށް ލިބޭ ކުރިއެރުމެއް،" ޝާކިރު ބުންޏެވެ.

ކުޓްރޯނޭ ބުނި ގޮތުގައި އެ ކުޅުންތެރިންގެ ފަރާތުން ފެނުނީ، ލޯބިވާ ކުޅިވަރަށް ހިތުގައި އޮތް ލޯބި ކަމަށާއި އެންމެ މުހިއްމީ ވެސް އެކަން ކަމަށެވެ.

"މި ކުޅުންތެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ އުފަލެއް،" ކުޓްރޯނޭ ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި އެންމެ މުހިއްމީ ފުޓްބޯޅައަށް އޮތް ލޯބި ދަނޑުމަތިން ދައްކާލުން. މިއީ އަހަރެމެން އެންމެން ލޯބިވާ ކުޅިވަރު. އެހެންވެ އެކަން ފެންނަން ޖެހޭ. މި ކުޅުންތެރިންގެ ފަރާތުން އެކަން ފެނުނު،" އޭނާ ބުންޏެވެ.

ކުޓްރޯނޭ ޓްރެއިނިންގެ ތެރޭގައި. (ފޮޓޯ/ކަނޑިންމަ)

ކުޓްރޯނޭ އަކީ ގޯލް ޖެހުމަށް ފަހު އުފާފާޅުކުރާ ގޮތުން ވެސް މި ކުޅިވަރަށް އޭނާގެ ހިތުގައި އޮންނަ ލޯބި ދައްކާލާ ކުޅުންތެރިއެކެވެ. އުމުރުން 19 އަހަރުގައި 2017 ވަނަ އަހަރު މިލާނުގެ ސީނިއާ ޓީމުން ފުރުސަތު ހޯދި ކުޓްރޯނޭގެ އެންމެ ހާއްސަ އެއް ގޯލަކީ 2018 ވަނަ އަހަރު އިޓާލިއަން ކަޕުގައި އިންޓަ މިލާން ކޮޅަށް ޖެހި ގޯލެވެ. އެއީ އޭނާގެ ފުރަތަމަ މިލާން ޑާބީ ގޯލެވެ.

އެކަމަކު ފަހުން ދިމާވީ ނަސީބު ދެރަ ގޮތެކެވެ. މިލާނުން ގޮންޒާލޯ ހިގުއައިން އާއި ކްރިސްޓަފް ޕިއޮންޓެކް ގެނައުމުން އޭނާ އަށް ޖާގަ ގެއްލުނީ އެވެ. އެއާ އެކު 2019 ވަނަ އަހަރު މިލާނުން އޭނާ ވުލްވްސް އަށް ވިއްކާލި އެވެ. އެ ޓީމަށް އެއް ސީޒަން ކުޅުމަށް ފަހު ލޯން އުސޫލުން ފިއޮރެންޓީނާ، ވެލެންސިއާ އަދި އެމްޕޮލީ އަށް ވެސް ކުޅުނެވެ.

ކުޓްރޯނޭއާ ހިލާފަށް ކަލަބްރިއާ އަށް ރަނގަޅު ފުރުސަތުތަކެއް މިލާނުގައި ލިބުނެވެ. އެގޮތުން އޭނާ ވަނީ މިލާނުގެ ކަނާތު ބެކުގެ ޖާގަ ޔަގީންކޮށްފަ އެވެ. މިދިޔަ ސީޒަނުގައި މިލާނުގެ ކެޕްޓަން އަލެސިއޯ ރޮމަނޮލީ އަށް ޖާގަ ގެއްލުމުން ކެޕްޓަން ބޭންޑް އެޅީ އޭނާ އެވެ. ރޮމަނޮލީ އަންނަ ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވާތީ ބެލެވޭ ގޮތުގައި މިލާނުގެ ދާއިމީ ކެޕްޓަން ބޭންޑް ދޭނީ ކަލަބްރިއާ އަށެވެ.

ކުޓްރޯނޭ ބުނީ މިލާނުގައި ނެތަސް އޭނާ އަކީ އެ ޓީމުގެ ސަޕޯޓަރެއް ކަމަށާއި ކަލަބްރިއާ އާއި ޓީމާ މެދު އުފާކުރާ ކަމަށެވެ.

"އަހަރެން މިލާން ލީގު ހޯދުމުން އޭނާ އަށް މަރުހަބާގެ މެސެޖެއް ފޮނުވިން،" ކުޓްރޯނޭ ބުންޏެވެ.

ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދެ ކުޅުންތެރިން މިހާރު ތިބީ އެނބުރި އިޓަލީ އަށް ގޮހެވެ. ޗުއްޓީ ކުރުކޮށްލަން ޖެހުނީ އެ ދެ ކުޅުންތެރިންނާ އެކު މިލާނަށް ކުޅުނު އަދި މިހާރު ޔުވެންޓަސް އަށް ކުޅޭ މެނުއަލް ލޮކަޓެލީގެ ކައިވެނި ހަފުލާގައި ބައިވެރިވުމަށެވެ.

ކުޓްރޯނޭ މެޗު ކުޅެނީ. (ފޮޓޯ/ކަނޑިންމަ)

އެކަމަކު ކުޓްރޯނޭ ބުނީ ކަލަބްރިއާއާ އެކު އަދި ރާއްޖެ އަންނާނެ ކަމަށެވެ.

"އަހަރެން ރާއްޖެ ދެކެ ލޯބިވޭ. މިއީ ސުވަރުގެ ފަދަ ތަނެއް. މޫދު އެބައޮތް. ކެއުން އެހާ މީރު. މިތާ ހުރިހާ ކަމެއް އެބައޮތް،" އޭނާ ބުންޏެވެ.

ފަހަރުގައި ދެން ފަހަރަކުން އެ ކުޅުންތެރިން ޒުވާން ކުޅުންތެރިންނާ އެކު މި ފަހަރަށް ވުރެ ގިނަ ވަގުތު ހޭދަކުރާނެ އެވެ. ކަނޑިންމަ އިން އޮތީ އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދޭ ގޮތަށެވެ. އެ ރިސޯޓަކީ މުޖުތަމައު އަށް އަނބުރާ ދިނުމާއި މުޖުތަމައުގެ ކުރިއެރުމުގައި މާނަހުރި ހިއްސާއެއް ވެދިނުމަށް އަބަދުވެސް މަސައްކަތްކުރާ ރިސޯޓެކެވެ.

"ކަނޑިންމަ އިން ބޭނުންވަނީ ފައިސާ އިން ނުގަނެވޭނެ މިފަދަ ފަހި ފުރުސަތުތައް ހޯދައިދިނުން،" ރިސޯޓުގެ މާކެޓިން އެންޑް ޕީއާރް ޑިރެކްޓަރު ނީރަޖް ސޭތު ވިދާޅުވި އެވެ.

ޕްލެންކްޓޮން މޯލްޑިވްސް އާއި މަންޓާ އެއާ އާއި އެފްއޭއެމްއާ ގުޅިގެން ހިންގި މި ހަރަކާތުގެ ތެރެއިން ދެ ކުޅުންތެރިން ވަނީ ރިސޯޓުގެ މުވައްޒަފުންނާއި ބައެއް ގެސްޓުންނާ އެކު ފުޓްސަލް މެޗެއް ކުޅެފަ އެވެ.

އަދި ރިސޯޓުން ވަނީ ކަލަބްރިއާ މިލާނާ އެކު ހޯދި ކާމިޔާބީ ފާހަގަކުރަން ޕާޓީއެއް ބާއްވައިފަ އެވެ.

ކޮމެންޓް

Placeholder

ފުޓްބޯޅަ

ފުޓްބޯޅަ