އާސެނަލްގެ ޒުވާން ފޯވަޑް އެޑީ ކެޓިއާ ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އާސެނަލް

ޔުނައިޓެޑް ބަލިކޮށް އާސެނަލް 50 ޕޮއިންޓް ހަމަކޮށްފި

ފޯރިގަދަ މެޗުން 3-2 އިން މޮޅުކޮށްދޭން އެޑީ ކެޓިއާ ދެ ލަނޑު ޖެހި. ފަހު ލަނޑު އައީ 90 ވަނަ މިނިޓްގައި
22 ޖެނުއަރީ 2023

މެންޗެސްޓަ ޔުނައިޓެޑް ލަނޑެއް ޖަހައި ކުރި ހޯދާފައި އޮއްވާ ފަހަތުން އަރާ 3-2 އިން މޮޅުވެ އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލް 50 ޕޮއިންޓް، މިރޭ ހަމަކޮށްފި އެވެ.

މެޗުގެ 17 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް، އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ އާސެނަލްގެ ގޯލަށް ވަދެ، ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް އެޑީ ކަޓިއާ 24 ވަނަ މިނިޓްގައި އާސެނަލްއަށް އެއްވަރުކޮށްދިނެވެ. ދެ ވަނަ ހާފުގެ 53 ވަނަ މިނިޓްގައި ބުކާޔޯ ސަކާ، އޭރިޔާ ބޭރުން ޖަހާލި ރީތި ލަނޑާ އެކު އާސެނަލް 2-1 އިން ކުރި ހޯދިތާ މާ ގިނަ އިރެއް ނުވެ، ޔުަނައިޓެޑްގެ ދިފާއީ ކުޅުންތެރިޔާ ލިސަންޑްރޮ މާޓިނޭޒް 2-2 އަށް ނަތީޖާ ބަލުކޮށްލީ 59 ވަނަ މިނިޓްގަ އެވެ.

މި މެޗުގެ ކުރިން ވުލްވްސް 3-0 އިން ބަލިކޮށް މެންޗެސްޓަ ސިޓީން ހޯދި ތިން ޕޮއިންޓާ އެކު އާސެނަލްއާ އެންމެ ދެ ޕޮއިންޓަށް ކައިރިކޮށްފައި އޮއްވާ، މޮޅުވެގެން އަނެއްކާވެސް ތަފާތެއް ގެނެވިދާނެކަން އާސެނަލްއަށް ކަށަވަރުކޮށްދިނީ 90 ވަނަ މިނިޓްގައި ކެޓިއާ ޖަހާލި ލަނޑުންނެވެ. 

ޔުނައިޓެޑް އަތުން މޮޅުވުމަކީ ލީގުގައި ވަރަށް މުހިންމު ކާމިޔާބީއެކެވެ. އެކަން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ފުރާ ތިބި ސަޕޯޓަރުންގެ ހަޅޭއްކުން ވެސް އެނގުނެވެ.

ލީގު ދެ ބައިވި 19 ވަނަ މެޗުގައި އާސެނަލް 50 ޕޮއިންޓް ހަމަކުރުމަކީ، އެންމެ ފަހުން ލީގު ކާމިޔާބުކުރި އަދި އެއްވެސް މެޗަކުން ބަލިނުވެ އެ ތަށި 04-2003 ގައި ހޯދިއިރު ވެސް ލީގުގެ މިހާ ހިސާބުން އާސެނަލްއަށް އެއްކުރެވުނު އަދަދެއް ނޫނެވެ. އެހެންކަމުން ލީގު އަލުން ކާމިޔާބުކުރުމުގެ އިތުބާރު އާސެނަލްއަށް މި އަންނަނީ ބޮޑުވަމުންނެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 19، ޕޮއިންޓް 50

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 20، ޕޮއިންޓް 45

  • 3-

    ނިއުކާސަލް، ކުޅުނު 20، ޕޮއިންޓް 39

  • 4-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 20، ޕޮއިންޓް 39

  • 5-

    ޓޮޓެންހަމް، ކުޅުނު 20، ޕޮއިންޓް 33

އިތުރު އާޓިކަލް

އިތުރު އާޓިކަލް