ވިލާ ކޮލެޖުގެ މާސްޓާސް އޮފް ސައިންސް އިން ކައުންސެލިން ޕްރޮގްރާމް ތައާރަފްކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
ރާއްޖޭގައި ފުރަތަމަ ފަހަރަށް މާސްޓަސް އިން ކައުންސިލިން ޕްރޮގްރާމެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި 'މާސްޓާސް އޮފް ސައިންސް އިން ކައުންސެލިން' ޕްރޮގްރާމް ތައާރަފްކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.
ބުނީ ކީކޭ؟ - އެ ޕްރޮގްރާމް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރު އައިޝަތު ދެއްކެވި ވާހަކައިގައި ކައުންސެލިންގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވެވި އެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ މައްސަލަތަކުގައި އެހީތެރިކަން ބޭނުންވެފައިވާ މީޙުންނަށް ޕްރޮފެޝަނަލް ސައިކޮލޮޖިކަލް ސަޕޯޓް ދެވޭ ފެންވަރުގެ، ފަންނީ ގާބިލު މީހުން އުފެދޭނެ އެވެ.
ތަފްސީލު - ވިލާ ކޮލެޖްގެ މާސްޓާސް އިން ކައުންސެލިން ޕްރޮގްރާމަކީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ހިމެނޭ ބައިތަކަކީ:
ކައުންސެލިން ތިޔަރީސް އެންޑް ސައިކޮތެރަޕީ
ކައުންސެލިން ޓެކްނީކްސް
ޗައިލްޑް އެންޑް އެޑޮލެސެންސް ޕެތޮލޮޖީ
ގްރޫޕް ކައުންސެލިން
ޖެރިއެޓިކް ކައުންސެލިން
އެޑިއުކޭޝަން ކައުންސެލިން
އެ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ މިކަމުގެ ތަޖުރިބާ ހުރި، ރާއްޖެ އަދި ރާއްޖޭން ބޭރުގެ ޕީއެޗްޑީ ފެންވަރުގެ ލެކްޗަރާއިންނެވެ.
ޖެނުއަރީ 2023 ގައި ފަށާ މި ކޯހުގެ ފުރަތަމަ ބެޗުން ޖާގަ ދޭން ނިންމާފައިވަނީ، ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ އަދި އިންޓަވިއު އަކުން ފާސްވާ ފަރާތްތަކަށެވެ. ކޯހުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
ގުޅުންހުރި ކަމެއް - ކައުންސެލިންގެ މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއްގެ އިތުރުން، އަންނަ ޖެނުއަރީ މަހު ފަށާ އިތުރު ހަތަރު ކޯހެއްވެސް މިއަދު ވަނީ ތައާރަފުކޮށްފަ އެވެ. އެއީ:
ބެޗްލާ އޮފް އާޓްސް އިން ހެލްތު ސާވިސަސް މެނޭޖްމަންޓް
ސެޓްފިކެޓް 3 އިން ގްރެފިކްސް ޑިޒައިނިން
މާސްޓާސް އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް
ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް
އެނގުން މުހިންމު - ވިލާ ކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ސެމެސްޓާ އަކަށްވެސް މަދުވެގެން އާ ހަތަރު ކޯސް ތައާރަފް ކުރުމަށެވެ. އެ ކޮލެޖުން އާ ޕްރޮގްރާމްތައް ތައާރަފުކުރަނީ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު އަދި ކޮލެޖުން ކުރާ ދިރާސާތަކުގެ މައްޗަށް ބިނާކޮށްފަ އެވެ.
ކޮމެންޓް