ތ. ފުނައްޑޫ: އެ ރަށް ސަރުކާރަށް ގަނެ މިފްކޯއާ ހަވާލުކުރި އިރު ހާލަތު ވަނީ ދަށްވެފައި

ފުނައްޑޫއާ ހެދި 10.2 މިލިއަން ޑޮލަރުގެ ލޯނެއް މިފްކޯއިން ނަގަން ޖެހިއްޖެ

ލޯނެއް ހޯދަން އަދި އިތުރު ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން ބޭންކުން ވިއްކާލަން އުޅެ ނުވިކިފައި އޮތް މަސް ޕްރޮސެސިން ޕްލާންޓެއް ހިންގި ތ. ފުނައްޑޫ ސަރުކާރަށް ގަނެ، އެތަން މިފްކޯއާ ހަވާލުކުރުމުން އެ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެންނަން ބޮޑު މާލީ ބުރައެއް އެ ކުންފުންޏަށް އުފުލަން ޖެހިފައިވާކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުނައްޑޫއިން އަލުން މަސް ގަންނަން ފަށާނެ ތާރީހަކާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަށް އޭނާ ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގައި މިއަދު ވަނީ އިއްވާފަ އެެވެ.  

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގެ ތަޅުމުގައި؛ 18 މެއި 2022 (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެ ރަށުގެ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރަށުގައި ހުރި ޕްލާންޓާއި އެހެނިހެން ފެސިލިޓީތައް ވެސް މަރާމާތު ކުރަން ޖެހޭކަން މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • މިހާރު ބަނދަރު އޮތް ގޮތުން، ރަށުން މަސް ބޭރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ 

  • ބަނދަރާއި މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކުރުމަށް 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދުވާނެ 

  • ސަރުކާރުގެ ބަޖެޓުން އެ ހަރަދު ނުކުރެވޭނެތީ މިފްކޯއިން ލޯނެއް ނެގުމަށް ވާނީ އަންގާފައި

ތަފްސީލް -  މިނިސްޓަރު ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފައިސާއަކީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާއަކަށް ނުވާތީ އާއި މިވަގުތު ދައުލަތުގެ އާމްދަނީ ހުރިގޮތުން ބަޖެޓުން ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރިކަމަށް ފިނޭންސުން އަންގާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަ ކުރެއްވި ކަންކަމަކީ:

  • ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހޯދައިގެން ނޫނީ އެތަން މަރާމާތު ކުރެވެން ނެތްކަން

  • މިފްކޯއަށް ލޯނެއް ހޯދަން ދެ މަސް ދުވަސް ނަގާނެ

  •  ފުނައްޑޫ މަރާމާތު ކުރަން ފަށާ ތާރީހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ އޮޕަރޭޝަން ފެށޭނެ

"އެހެންކަމުން ބޭނުންވާ ލޯނު ހަމަޖެހި ފުނައްޑޫއަށް މަސް ގަންނަން ފެށޭނެ ކަމަށް މިހާރު އަންދާޒާކުރެވެނީ މެއި 2023 ގައި ކަމުގައި ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ.

އެނގުން މުހިއްމު - މަސް ގަނެ، އެކްސްޕޯޓް ކުރުމަށްޓަކައި ފުނައްޑޫ ތަރައްގީކުރަން ފެށީ 2004 ވަނަ އަހަރެވެ. ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އާއި ތަސްމީން ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ނެގި 117 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން އެތައް ފަހަރެއްގެ މަތިން ބީއެމްއެލް އިން އެރަށް ވިއްކާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުނުވުމުން އެ ރަށް ގަނެ، ސަރުކާރުން ވަނީ މާޗް މަހު މިފްކޯއާއި ހަވާލުކޮށްފަ އެވެ. 

ސަރުކާރުން ފުނައްޑޫ ގަތް އަގެއް ހާމަކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް