ވޯލްޑް ކަޕަށް އުރީދޫއިން އުފެއްދި 'ފުޓުބޯޅަ ފޯރި' ލަވައިގެ މަންޒަރެއް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އުރީދޫ

'ހަނދާނުން ފުހެނުލެވޭ ވަރުގެ' ވޯލްޑް ކަޕް ތަޖުރިބާއެއް ގެނެސްދޭން އުރީދޫން ގިނަ ހަރަކާތްތަކެއް

ވޯލްޑް ކަޕާ ދިމާކޮށް އެކި މުބާރާތްތަކާއި ވޯލްޑް ކަޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ތަފާތު އެކި ޕެކޭޖުތައް އުރީދޫން ވަނީ އެކުލަވާލާފައި
15 ނޮވެމްބަރު 2022

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރަން އުރީދޫން ގިނަ ހަރަކާތްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހަފްތާގައި ފަށާ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް އުރީދޫން ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު މޭންހެޓަން ބިޒްނަސް ހޮސްޓްގައި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ވޯލްޑް ކަޕްގެ ފޯރި ރާއްޖެއަށް ގެނައުމަށް އެކި ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިފަހަރުގެ ވޯލްޑް ކަޕް ތަޖުރިބާ އަކީ ހަނދާނު ފޮހެލަން އުނދަގޫ ތަޖުރިބާއަކަށް ހެދޭތޯ މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފޭން ޒޯނެއް

އުރީދޫން އަންނަނީ ވޯލްޑް ކަޕް ފެށެންވާއިރަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށެއްގެ ކައުންސިލްތަކާ ގުޅިގެން ފޭން ޒޯންތަކެއް ހަދަމުންނެވެ.

"މާލޭ ސަރަހައްދުގައި (މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި) ހުންނާނެ 14 ފޭން ޒޯން. މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގައި، ކޮންމެ ރަށެއްގައި އެއް ފޭން ޒޯން،" ވޯލްޑް ކަޕުގެ ތަޖުރިބާ ފުރިހަމަކޮށްދޭން އުރީދޫން ރާވާފައިވާ ކަންކަމުގެ ތަފްސީލު ދެއްވަމުން، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކޮންމެ ފޭން ޒޯނަކަށް ވެސް 65 އިންޗީގެ ޓީވީ އަކާއި އެ ތަން ޒީނަތްތެރިކުރަން ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ ދިދަ އުރީދޫން ވަނީ ދީފަ އެވެ.

ވޯލްޑް ކަޕްގެ މެޗުތައް ބަލަން އަގުހެޔޮ ޕެކޭޖެއް

މީޑިއާނެޓާ ގުޅިގެން އުރީދޫއިން ތައާރަފްކުރާ މި ޕެކޭޖަކީ 250ރ.އަށް 100 ޖީބީ ލިބޭ ޕެކޭޖެކެވެ. ނިޔާޒުު ވިދާޅުވީ އެ ޕެކޭޖުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދައްކާ ތިން ޗެނަލް ކަމަށްވާ ރާއްޖެ ޓީވީ، އައިސް ޓީވީ އަދި ޕީއެސްއެމް ސްޓްރީމް ކުރެވޭނެ ކަމަށެވެ.

"މި ޕެކޭޖު ގަތީމަ ލިބޭނެ މީޑިއާނެޓް އެމްއެސް ލައިޓް އަދި އެމްއެސް އެޕްލިކޭޝަނަށް ސަބްސްކްރައިބް ކުރެވޭ ކޯޑެއް. އެހެންވީމަ، މި ޕެކޭޖާ އެކު އިތުރު އެއްވެސް އަގަކާ ނުލައި މީޑިއާނެޓް އެޕްލިކޭޝަނަށް ވެސް ސަބްސްކްރައިބް ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ކުޑަ އަގެއްގައި ބޮޑު ޑޭޓާ އެލަވަންސް ލިބޭ މި ޕެކޭޖު މި ހަފްތާ ނިމޭއިރު ކަސްޓަމަރުންނަށް ހުޅުވާލާނެ އެވެ.

ވޯލްޑް ކަޕަށް ހާއްސަ ރޯމިން ޕެކެއް

ނިޔާޒު ވިދާޅުވީ މިފަހަރު ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ ގިނަ އަދަދެއްގެ ދިވެހިންވެސް ގަތަރަށް ދާތީ، ވަރަށް ހާއްސަ ރޯމިން ޕެކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެއީ މުބާރާތް ބަލަން ގަތަރަށް ދާ މީހުންގެ ތަޖުރިބާ ހިއްސާކުރުމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެ ރޯމިން ޕެކުގައި 1ޓީބީ (1،000ޖީބީ) ލިބޭނެ އެވެ. މަސް ދުވަހުގެ ވެލިޑިޓީ ހިމެނޭ މި ޕެކުގެ އަގަކީ 1،000ރ. އެވެ. 

ގަތަރުން ވޯލްޑް ކަޕަށް އެޅި ސްމާޓް ސްޓޭޑިއަމްތަކުން 5ޖީގެ ހިދުމަތް ލިބޭއިރު، ނިޔާޒު ވިދާޅުވީ 5ޖީގެ އިތުރުން 4ޖީގައި ވެސް މި ޕެކު ބޭނުންކުރެވޭނެ ކަމަށެވެ.

ނަތީޖާ ދިމާކުރާ މުބާރާތެއް

ދިވެހި އެޕްލިކޭޝަން 'ގޯލާ'އާ ގުޅިގެން އުރީދޫން ރާވާފައިވާ 'ގެސް ދަ ސްކޯ' ނުވަތަ މެޗުގެ ނަތީޖާ ދިމާކުރާ މި މުބާރާތް، ވޯލްޑް ކަޕާ އެކުގައި ފަށާނެ އެވެ. އެ މުބާރާތުގެ ލީޑާބޯޑުގެ ގަދަ ހަތަކަށް ދާ މީހުންނަށް އެކިއެކި އިނާމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އައިފޯން 14

  • މޫދުގައި ބޭނުންކުރާ އެކިއެކި އާލާތްތައް

  • ގަޑި

  • ރިސޯޓު ދަތުރު

ފީފާ ޕީއެސް މުބާރާތެއް

އުރީދޫގެ ގޭމިން ޕްލެޓްފޯމް، އުރީދޫ ނޭޝަންގެ ދަށުން އިފްތިތާހުކުރާ މި މުބާރާތަކީ ފީފާއިން އެންމެ ފަހުން ނެރުނު ފީފާ 23 ގޭމަށް ހާއްސަ މުބާރާތެކެވެ. އެ މުބާރާތް ކުރިއަށްދާނީ ރާއްޖޭގެ ހަތަރު ސިޓީގެ ފޭން ޒޯންތަކުގަ އެވެ. އެ މުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕީއެސް 5 އަކާއި ޓީވީއެކެވެ.

އެ މުބާރާތުގައި ބޭނުންކުރާނީ ފޭންޒޯންތަކުގައި ހުންނަ ޕީއެސްތަކާއި އުރީދޫގެ އިންޓަނެޓް ކަނެކްޝަން އެވެ. އެހެންކަމުން، އެ ފޭންޒޯނުން ބައިވެރިވާ ކުޅުންތެރިޔަކާ އެހެން ފޭންޒޯނަކުން ބައިވެރިވާ ކުޅުންތެރިޔަކާ ވެސް ވާދަކުރަން ޖެހިދާނެ އެވެ.

ނިޔާޒު ވިދާޅުވީ ވޯލްޑް ކަޕް ފެށުމުން އިތުރު ކަންތައްތަކެއް ވެސް ކުރަން ރާވާފައި އެބަހުރި ކަމަށެވެ. 

ގުޅުންހުރި ކަމެއް - އެ ބައްދަލުވުމުގައި އުރީދޫއިން ވޯލްޑް ކަޕަށް ތައްޔާރުކުރި 'އުރީދޫ ފުޓުބޯޅަ ފޯރި' ލަވަ ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް