އެމްއެންޔޫގެ މުވައްޒަފުން ތަމްރީނެއް ފުރިހަމަކުރަން ކްރޮއޭޝިއާގައި. (ފޮޓޯ/އެމްއެންޔޫ)
އެމްއެންޔޫގެ މުވައްޒަފުން ކްރޮއޭޝިއާގައި ތަމްރީނުތަކެއް ފުރިހަމަކޮށްފި
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުން ކްރޮއޭޝިއާގައި މަސައްކަތު ތަމްރީނުތަކެއް ފުރިހަމަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއާ އެކު އެމްއެންޔޫއިން ކުރިއަށްގެންދާ 'އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ-ލާނިން ޑިވެލޮޕްމެންޓް (އެމެޑް)' ޕްރޮޖެކްޓްގެ ދަށުން މި މަހު ކްރޮއޭޝިއާގައި ކުރިއަށްގެންދިޔަ "ޖޮބް ޝެޑޯއިން" ޕްރޮގްރާމެއްގައި އެމްއެންޔޫގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން، އެމްއެންޔޫގެ މުވައްޒަފުން ވަނީ އީ-ލާނިން ތަރައްގީކުރުމަށް ބޭނުންވާ އިންފްރާސްރަކްޗާގެ އިތުރަށް، ކޯސްތައް ފަރުމާކުރުމަށް ބޭނުންކުރާނެ ތަފާތު ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ފްރޭމްވާކްތަކާ ގުޅޭ ތަމްރީނު ހޯދާފަ އެވެ.
އެމްއެންޔޫގެ މުވައްޒަފުން ވަނީ މިފަދަ ތަމްރީނު ޕްރޮގްރާމެއް 2019ގައި ސްޕެއިންގެ ބާސެލޯނާގައި ވެސް ފުރިހަމަކޮށްފަ އެވެ.
އެމެޑް ޕްރޮޖެކްޓް:
-
2019ގައި ފެށި ޕްރޮޖެކްޓެއް
-
ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް
-
މިއީ ސްޕެއިންގެ 'ދަ އޯޕަން ޔުނިވާސިޓީ އޮފް ކެޓަލޯނިއާ އާއި ކްރޮއޭޝިއާގެ 'ދަ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އެންޑް އިންފޯމެޓިކްސް އެންޑް ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާޗް ނެޓްވޯކް'އާ ގުޅިގެން ހިންގާ މަޝްރޫއެއް
-
ޖުމްލަ 720،592 ޔޫރޯ (12.3 މިލިއަން ރުފިޔާ) ހަރަދުކުރޭ
ބުނީ ކީކޭ؟ - މި ޕްރޮޖެކްޓްގެ ދަށުން އެމްއެންއެންޔޫއަށް މައިގަނޑު ތިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. އެއީ:
-
ހިޔާލު ބަދަލުކުރުމާއި މަޝްވަރާކުރުމުގެ ތެރެއިން މުވައްޒަފުން ބާރުވެރިކުރުމާއި ތަމްރީނުކުރުން
-
އީ-ލާރނިން ރޯޑްމެޕް ތައްޔާރުކުރުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން
-
މުވައްޒަފުން ހޭލުންތެރިކޮށް، އެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުން