ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)

ސަރުކާރުގެ ސަބްމެރިން ކޭބަލަށް ސާވޭ ފަށައިފި؛ އަންނަ މަހު ނިމޭނެ

މި ކޭބަލްގެ އިންސްޓޮލޭޝަން މަސައްކަތް ސެޕްޓެމްބަރު 2023 ގައި ނިންމައި، އެ އަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރޭ

އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން ދިވެހި ސަރުކާރުން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ފުރަތަމަ މަރުހަލާ އަންނަ އޭޕްރީލަ މަހު ނިންމާލެވޭނެ ކަމަށް އެ މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)އިން ބުނެފި އެވެ.

އެނގުން މުހިންމު - މިހާރު ވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލެއް އެޅުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ، 21 ފެބްރުއަރީ 2022 ގަ އެވެ.

ރާއްޖެއާ ގުޅުވާލަނީ، ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލްގެ ކޮޅެކެވެ. އެ ކޭބަލް ރާއްޖެއާ ގުޅުވާލަނީ ހުޅުމާލެއިންނެވެ.

ވީ ކިހިނެއް؟ - ސަބްމެރިން ކޭބަލް މަޝްރޫއުގެ ފުރަތަމަ މަރުހަލާ އަކީ ކަނޑުއަޑީގެ ސާވޭއެއް ހެދުމެވެ. އެ ސާވޭ ހެދުމަށް ޓަކައި "އޯޝަން ސާވޭޔާ" ނަމަކަށް ކިޔާ ބޯޓެއް ވަނީ ރާއްޖެ އައިސް، އެ މަސައްކަތް ފަށާފަ އެވެ.

މިއީ، ކަނޑުއަޑިން ކޭބަލް އަޅާނެ މަގު ޗެކުކޮށް، އެ މަގުން ކޭބަލް އަޅާނެ ގޮތް ބެލުމަށް ހަދާ ސާވޭ އެކެވެ.

  • ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)
  • ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)
  • ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)

ބުނީ ކީކޭ؟ - އެ ދިރާސާއާ ގުޅޭ ގޮތުން އޯސީއެމްގެ ސީއީއޯ އަބްދުލް ނާފިއު ތައުފީގު ވިދާޅުވީ، މި މަޝްރޫއުއިން ލިބޭ އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކުގެ ބޮޑު ކަމާ އެކު ވީހާ ވެސް އަވަހަށް މަޝްރޫއު ނިންމާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެގްރީމަންޓަކުން ފެށިގެން މިކަހަލަ ސާވޭއަކާ ހިސާބަށް ދާން އާންމުކޮށް ނަގާނެ ހަތަރު މަސް، ހަ މަސް ވަރު... މި ސާވޭގެ މަސައްކަތް ނިންމާލެވޭނެ ގާތްގަނޑަކަށް އޭޕްރީލް 11-14 ދޭތެރޭގައި. އެއީ ވަރަށް ބާރު ސްޕީޑެއް،" އޭނާ ވިދާޅުވި އެވެ.

އޯސީއެމްގެ ސީއީއޯ ނާފިއު، އޯޝަން ސާވޭޔާގެ ފަޅުވެރިޔަކާ އެކު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)

ތަފްސީލު - ނާފިއު ވިދާޅުވީ ޓައިމްލައިނަށް ވުރެ އަވަހަށް މަޝްރޫއު ނިންމާލަން ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ކޭބަލް ހުޅުމާލޭ ފޭސް 2ގައި ޖައްސާނެ ކަމަށް ލަފާކުރަނީ އަންނަ އަހަރު ނިމުމުގެ ކުރިންނެވެ.

"ރާއްޖެ ކޮޅުގެ މަސައްކަތްތައް، ކޭބަލް މިކޮޅަށް ވަދެ، އިންސްޓޮލޭޝަންތައް ހަދާ، މި ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް މި ބަލަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް،" އޭނާ ވިދާޅުވި އެވެ.

"އެއާ އެކީ، ކޭބަލުން ރައްޔިތުންނަށް ހިދުމަތް ދެވޭނެ ކަމަށް، މީގެ މައިގަނޑު މަންފާތައް ލިބޭނެ ކަމަށް މި ބަލަނީ އަހަރު ނިމުމުގެ ކުރީގައި. ސަރުކާރުން ވަރަށް މަސައްކަތް އެބަ ކުރޭ ވީހާވެސް އަވަސް ކުރެވޭތޯ."

މި މަޝްރޫއުއިން ނުކުންނާނެ އެންމެ ބޮޑު އެއް ފައިދާ އަކީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތުގެ އަގު ދަށްވުމެވެ. ހިދުމަތުގެ އަގު ބޮޑުވާ އެއް ސަބަބަކީ، ނާފިއު ވިދާޅުވި ގޮތުގައި، މިހާރު ހުރި ކޭބަލްތައް އިތުރު އޮޕަރޭޓަރެއް މެދުވެރިކޮށް އަޅާފައި ހުރުމުންނެވެ.

"ކޮސްޓް އޮފް ސޭލްސް ވަރަށް ތަފާތު ކުރެވޭނެ މިހާރު މި އަޅާ ކޭބަލުން. އެއާ އެކީގައި އަޅުގަނޑުމެން އެކްސްޕެކްޓު ކުރަނީ އެންމެ ދަށްވެގެން، %40 ތިރިކުރެވޭނެ ކަމަށް، އަޅުގަނޑުމެން އޮފާ ކުރާ ރޭޓްސްގައި މިހާރު ހުރި އައިއެސްޕީތަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް - އައިއޭއެކްސް:

  • ރާއްޖެއަށް ކޭބަލް ގުޅާލެވޭނެ ކަމަށް ލަފާ ކުރެވެނީ ޖޫން 2023ގައި

  • ސްޕީޑު: ސިކުންތަކުގެ 100 ޖީބީ

  • ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ

  • ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ

  • އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުވިވެ، އަގުތައް ކުޑަ ކުރެވޭނެ

  • ވިޔަފާރީގެ އާ ފުރުސަތުތަކެއް (މިސާލަކަށް ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރި)

އިތުރު އާޓިކަލް

އިތުރު އާޓިކަލް