13 އޮކްޓޯބަރު 2021ގައި އޮތް ރާއްޖެއާއި އިންޑިޔާ ބައްދަލް ކުރި ސާފް ޗެމްޕިޔަންޝިޕްގެ މެޗު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސާފް ޗެމްޕިއަންޝިޕް ބާއްވަން އާ ފޯމެޓެއް

އާ އުސޫލާ މެދު މެމްބަރު ގައުމުތަކުގެ ހިޔާލު ހޯދާނެ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިހާރު ބާއްވާ އުސޫލާ ހިލާފަށް، ހޯމް އެންޑް އަވޭ އުސޫލުން ބޭއްވުމަށް ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށާއި އެކަމާ ވިސްނަމުން އަންނަ ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕް މިހާރު ބާއްވަން އަންނަނީ ކޮންމެވެސް އެއް ގައުމެއްގައި ނުވަތަ ދެ ގައުމެއް ގުޅިގެން، ދެ ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ސެންޓްރަލައިޒް މުބާރާތެއްގެ ގޮތުގަ އެވެ.

މާކެޓިން ގްރޫޕަކުން ސާފް އަށް ހުށަހެޅި ސާފް ޗެމްޕިއަންޝިޕުގެ އިތުރުން އަލަށް ފަށަން ރާވާ ސާފް ކްލަބް ޗެމްޕިއަންޝިޕް، ލީގު އުސޫލުން ބާއްވައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ދޭ ގޮތަށެވެ. ލީގު އުސޫލުން މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލްހައްގު ވިދާޅުވީ އެ ހުށަހެޅުން މެމްބަރު ގައުމުތަކަށް ފޮނުވާފައިވާ ކަމަށާއި އެ ގައުމުތަކުގެ ހިޔާލު ހޯދައި އެންމެން އެކަމަށް އެއްބަސްވާ ނަމަ އެގޮތަށް ބާއްވާނެ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ އެގޮތަށް ބާއްވާ ނަމަ އިންޑިއާ އާއި ޕާކިސްތާން ފަދަ ގައުމުތަކަށް ވިސާގެ މައްސަލަ ނުކުންނާނެ ކަމަށާއި އެފަދަ ހާލަތެއްގައި މެޗުތައް ނިއުޓްރަލް ދަނޑެއްގައި ބާއްވަން ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވީ ރާއްޖޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ސާފް ޗެމްޕިއަންޝިޕް މިހާތަނަށް ބޭއްވި އަހަރުތަކާއި ގައުމުތައް:

  • 1997: ނޭޕާލް (ކަތުމަންޑޫ)

  • 1999: އިންޑިއާ (ގޯއާ)

  • 2003: ބަންގްލަދޭޝް (ޑާކާ)

  • 2005 : ޕާކިސްތާން (އިސްލާމްއާބާދު، ކަރާޗީ)

  • 2008: ދިވެހިރާއްޖެ/ ސްރީ ލަންކާ (މާލެ، ކޮލޮމްބޯ)

  • 2009: ބަންގްލަދޭޝް (ޑާކާ)

  • 2011: އިންޑިއާ (ނިއު ދިއްލީ)

  • 2013: ނޭޕާލް (ކަތުމަންޑޫ)

  • 2015: އިންޑިއާ (ޓްރިވެންޑްރަމް)

  • 2018: ބަންގްލަދޭޝް (ޑާކާ)

  • 2021: ދިވެހިރާއްޖެ (މާލެ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް