ރައީސް ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

ރައީސް ޔާމީންއަކީ ވިޝަންއެއް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދު ތައުރީފު ކުރައްވައިފި

ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ޔާމީން އަދި ޕީޕީއެމްއާ ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުމަކީ އިދިކޮޅުން ގެންގުޅޭ އިންޑިއާ އައުޓް ވިސްނުން ކަމަށް. އަދި އެ ވިސްނުން ދޫކޮށްލުމަށް އެދިވަޑައިގެންނެވި
16 ޖެނުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅާބަލާ އިރު ތައުލީމީ އަދި ވިސްނުންތޫނު ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޔާމީނަށް ތައުރީފު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު، ރައީސް ސޯލިހާއި ޔާމީން އަޅާކިޔުއްވީ މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޔާމީންއަކީ މާ ތަފާތު ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، ޔާމީން އާއި ޕީޕީއެމްއާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ 'އިންޑިއާ އައުޓު' ވިސްނުން ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ ޒަމާންވީ ރަހުމަތްތެރިކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ ގައުމާ ދެކޮޅަށް ހިންގާ މި ބާވަތުގެ ކަންތައްތަކަކީ ހުތުރު ކަންތައްތަކެއް ކަމަށެވެ.

"ކިހިނެއްތޯ ގައުމެއް އައުޓްއޭ ކިޔާފައި އެކަހަލަ ޒެނޮފޯބިކް ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަށް ވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ވިސްނުން ފިޔަވައި ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ ބައެއް ސިފަތައް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ އެފަދަ ސިފަތަކެއް ހުންނެވި ބޭފުޅެކޭ ވިދާޅުނުވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނަކީ އިންޓެލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް. ތަންދޮރު އެނގިވަޑައިގަންނަވާ، ވިޝަންއެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެހާ ތަފާތު ބޭފުޅެއް ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ނުދެންނެވޭނެ މިހާރުގެ ރައީސް [ރައީސް ސޯލިހު] އެގޮތަކަށޭ،"

ތަފްސީލު - ޔާމީން އަކީ އެހާ ތަފާތު ބޭފުޅެއް ނޫންކަމަށް ނަޝީދު ފާހަގަކުރެއްވި އިރު، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ޔާމީން އަދި ޕީޕީއެމްއާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ 'އިންޑިއާ އައުޓް' ވިސްނުމެވެ.

"އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމް ބޭފުޅުން ކައިރީގައި އެބަ ދަންނަވަން، އަޅުގަނޑާ ތިޔަ ބޭފުޅުންނާ ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވާ ތަނަކީ މިއީއޭ. އިންޑިއާ އައުޓު، އެ ދޫކޮށްލައްވާށޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުތަކުގައި ވެސް ޕީޕީއެމް ސަޕޯޓަރުން، ހިނިތުންވުމާ އެކުގައި އެމަނިކުފާނާ ބައްދަލުކުރާ ކަމަށެވެ. އަދި ޕީޕީއެމް ސަޕޯޓަރުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

"އަޅުގަނޑު ރައީސް ޔާމީން އަރިހުގައި ވެސް ތަކުރާރުކޮށް އެބަ ދަންނަވަން އެ ވިސްނުން ދޫކޮށްލައްވާށޭ. މި ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެން ދެބައިމީހުން އެކައްޗެއް ކިޔަން ތަކުރާރުކޮށް އެދެން."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އިންޑިއާ އައުޓް ވިސްނުން ދޫކޮށްލެއްވުމަށް ނަޝީދު ޔާމީނަށް އިލްތިމާސްކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް