ނޯވޭ އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން ފޯވަޑް އާލިން ބްރައުޓް ހާލަންޑް.

ހާލަންޑް ލަނޑަކުން ޑޯޓްމަންޑަށް އަލްވަދާއު ކިއައިފި

މި ސީޒަނަށް ފަހު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލަން ނިންމާފައިވާ ނޯވޭ ފޯވާޑް އާލިން ހާލަންޑް އެ ޓީމަށް ކުޅެދިން ފަހު މެޗުގައި ހާތާ ބާލިން އަތުން 2-1 އިން ޑޯޓްމަންޑް މޮޅުވިއިރު އޭނާ ގޯލަކުން އެ ޓީމަށް އަލްވަދާއު ކިއައިފި އެވެ.

ހާލަންޑް ވަނީ އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗުގެ ކުރިން އެ ޓީމުން ވަނީ ހާލަންޑަށް އަލްވަދާއު ކިއަން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ހާލަންޑުގެ ނަމުން މުޅި ސްޓޭޑިއަމް އޮތީ ގުގުމާލައިފަ އެވެ.

ރެޑްބުލް ސަލްސްބާގް އިން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑޯޓްމަންޑާ ގުޅުނު ހާލަންޑް ވަނީ އެ ޓީމަށް 89 މެޗުން 86 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ ޑޯޓްމަންޑުގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ މަދުން ކުޅެ އެކަމަކު އެންމެ ގިނަ ގޯލް ޖެހި އެއް ކުޅުންތެރިއާ އެވެ.

"މި ކްލަބުގެ ޖާޒީ ލުމަކީ އަހަންނަށް ލިބުނު ޝަރަފެއް،" ހާލަންޑް ބުންޏެވެ.

"ޑޯޓްމަންޑުގައި އަހަންނަށް އައި ހަނދާން ނުފިލާނެ ފަދަ ހިނދުކޮޅުތަކެއް. ހާއްސަ މީހުންނާ ދިމާވި. ސަޕޯޓަރުންގެ މަތިން ވެސް ހަނދާން އެބަހުރި."

ރޭގެ މެޗުގައި ލީޑު ނެގީ ހާތާ ބާލިން އިންނެވެ. ޑޯޓްމަންޑުން އެއްވަރުކުރި ގޯލް ހާލަންޑް ޖެހީ ޕެނަލްޓީއަކުންނެވެ. އެ ޓީމު މޮޅުކޮށްދިނީ ޔޫސުފާ މޫކޮކޯ އެވެ.

ޑޯޓްމަންޑް ލީގު ނިންމާލީ 69 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. ލީގުގެ ޗެމްޕިއަންކަން ހޯދީ 77 ޕޮއިންޓާ އެކު ބަޔާން މިއުނިކެވެ.

ހާލަންޑް ސިޓީ އަށް ބަދަލުވަނީ 78 މިލިއަން ޑޮލަރަށެވެ. މިއީ ހާލަންޑް ފެންވަރުގެ ކުޅުންތެރިއަކާ ބަލާއިރު ވަރަށް ކުޑަ އަގެކެވެ. މިއީ ހާލަންޑް މީގެ ތިން އަހަރު ކުރިން ޑޯޓްމަންޑަށް ބަދަލުވިއިރު، އެ ކްލަބް ލައްވާ އެއްބަސްކުރުވި އަގެކެވެ. ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ ވެސް އަވަސް މުސްތަގުބަލެއްގައި ބޮޑު ކްލަބަކަށް ބަދަލުވުމުގެ ވިސްނުމުގަ އެވެ.

މި ޓްރާންސްފާގައި ޑޯޓްމަންޑަށް ނިސްބަތުން ކުޑަ އަދަދެއް ލިބުނު ނަމަވެސް ސިޓީން ކުރަން ޖެހޭ ހޭދަ ކުޑައެއް ނުވާނެ އެވެ. އެގޮތުން ހާލަންޑަށް ސޮއިކުރުމުން ބޯނަހެއް ދޭން ޖެހެ އެވެ. އަދި ހާލަންޑުގެ ބައްޕަ އަލްފް-އިންގް ހާލަންޑާއި އޭޖެންޓަށް ބޮޑު ކޮމިޝަނެއް ދޭން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް