އެއް ޖިންސިން ގުޅުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން (ކ-ވ): ނާޒިމް ސައްތާރު، އެމްޑީ އަލަމްގިރް އަދި މުހައްމަދު ނަޝީދު: އެ މީހުންގެ މައްޗަށް ދައުވާ ކުރީ ކުޑަ އަދަބު ލިބޭ ގާނޫނުގެ ދަށުން.

އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައި ދައުވާ ކުރީ ކުޑަ އަދަބު ލިބޭ ގާނޫނުން

އެ މައްސަލައިގައި ދައުވާ ކުރި ގާނޫނުގެ މައުލޫއަކީ ޕީޖީ އޮފީހުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ބޮޑު ބަހުސަކަށް ދިޔަ ކަމެއް
29 އޯގަސްޓު 2022

އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި ބަޔަކަށް ދައުވާ ކުރަން ނިންމައިފި ނަމަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަމަލު ކުރާ އާންމު އުސޫލަކީ، މީޑިއާއާ އެ މައްސަލައެއްގެ މައުލޫމާތު ހިއްސާ ކުރާ އިރު، ދައުވާ ލިބޭ މީހުންގެ ވަނަވަރާއި ކުރި ދައުވާތަކާއި އެ ދައުވާތައް ކުރި ގާނޫނާއި މާއްދާގެ އިތުރުން އަދަބު ވެސް ހިމެނޭހެން އެ މައުލޫމާތު ދިނުމެވެ. އެކަމަކު، އެ އުސޫލު ތަފާތުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ މީހަކާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ފަދަ ހައި ޕްރޮފައިލް ބޭފުޅުން ހިމެނޭ އެ މައްސަލައިގައި ދައުވާ ކުރިކަން ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހާމަ ކުރީ ވެސް ދައުވާ ކުރި މީހުންގެ ވަނަވަރު ނޭނގޭ ގޮތަށެވެ. އެ މީހުންގެ ނަންތައް ދިނީ ނޫސްވެރިން އެ ސުވާލު ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕުގައި ކުރުމުންނެވެ.

އެ މައްސަލައިގައި ދައުވާ ކުރި ކަމުގެ މައުލޫމާތު ޕީޖީ އޮފީހުން ދިން އިރު، ދައުވާ ކުރީ ކޮން ގާނޫނެއްގެ ދަށުން ކަމެއް އަދި އެ ގާނޫނެއްގެ ދަށުން އެ މީހުންނަށް ލިބޭނެ އަދަބެއް ވެސް ބަޔާނެއް ނުކުރެ އެވެ. މީޑީއާ ގްރޫޕުގައި ސުވާލު ކުރުމުން ވެސް އަދި ޕީޖީ އޮފީހުގެ ތަރުޖަމާނަށް ގުޅުމުން ވެސް އެ މައުލޫމާތެއް ނުލިބުނެވެ.

'ދައުރު'އަށް އެކި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި، އެ މައްސަލައިގައި ދައުވާ ކުރި ގާނޫނުގެ މައުލޫއަކީ ޕީޖީ އޮފީހުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ބޮޑު ބަހުސަކަށް ދިޔަ ކަމެކެވެ. ނަމަވެސް، އެ މައުލޫމާތު ސިއްރު ކުރާ ސަބަބެއް އެނގިފައެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯ ކުރި މައްސަލައިގައި ހައްޔަރު ކުރި އަލަމްގީރް.

އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ޖިންސީ ކުށުގެ ގާނޫނުގައި އޮންނަ ގޮތުން:

  • ދެ މީހަކު ރުހުމުގައި އެއް ޖިންސުން ގުޅުން ހިންގައިފި ނަމަ، އެކަމުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

  • މީހަކު އެހެން މީހެއްގެ ނުރުހުމުގައި އެއް ޖިންސުން ގުޅުން ހިންގައިފި ނަމަ، އެކަމުގެ އަދަބެއްގެ ގޮތުގައި އޮންނަނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

ގާނޫނުލްއުގޫބާތުގައި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެނީ ހުއްދަ ނޫން ޖިންސީ ގުޅުން ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގަ އެވެ. އެ ގާނޫނުގައި އެ ކުށް ދަރަޖަކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ނުވަތަ ނޫން ކަމުގެ މައްޗަށެވެ. އެގޮތުން:

  • އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން

  • މީހަކާ ނީނދެ ހުރެ، ކައިވެންޏެއްގެ މަތީގައި ހުރި މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން

  • މީހަކާ ނީނދެ ހުރެ، ކައިވެންޏެއް މަތީގައި ނުވާ މީހަކާ އެކު ކުރި ކުށަކަށް ވާނަމަ، ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން

'ދައުރު'އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު، ނަން ނުޖަހާ ގޮތަށް ކިޔައިދެއްވި ގޮތުގައި، ދައުވާ ކުރުމުގައި އަމަލު ކުރަންވީ ގޮތާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) ޕީޖީގެ އޮފީހަށް ދީފައި އޮންނަ ލަފާގައި އޮންނަނީ ކުޑަ އަދަބެއް ލިބޭ ގާނޫނެއްގެ ދަށުން ދައުވާ ކުރުމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން އެކި ފަހަރު އަމަލު ކުރަނީ އެކި ގޮތަށެވެ. އެއް ބައި ފަހަރު ހާއްސަ ގާނޫނުގެ ދަށުން އަދި އަނެއް ބައި ފަހަރު ގާނޫނުލްއުގޫބާތުގެ ދަށުން ވެސް ދައުވާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮރަޕްޝަންގެ ކުށްތަކުގައި ވެސް ބައެއް ހާލަތްތަކުގައި ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އަދި އަނެއް ބައި ފަހަރު ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރެ އެވެ.

އެހެން ވަކީލަކު ވިދާޅުވި ގޮތުގައި، ދައުވާ ކުރަން ޖެހޭނީ ފުލުހުން މައްސަލަ ތަހުގީގު ކުރި އިރު އެ މީހަކަށް ތުހުމަތު ކުރި ގާނޫނެއްގެ ދަށުންނެވެ. ހާއްސަ ގާނޫނުގެ ދަށުން ތުހުމަތު ކުރުމަށް ފަހު، ޕީނަލް ކޯޑުގެ ދަށުން ދައުވާކޮށްފި ނަމަ، އެއީ ގާނޫނީ ސުވާލުތައް އުފައްދައި ކޯޓުން މައްސަލަ ބޭރުކޮށްލުމުގެ ޖާގަ އުފެއްދޭނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި މައްސަލައިގައި އެ މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރީ ކޮން ގާނޫނެއް ނުވަތަ ގާނޫނުތަކެއްގެ ދަށުން ކަމެއް ކަށަވަރެއް ނުވެ އެވެ.

އަލަމްގީރު ފިރިހެނުންނާ އެކު އެއް ޖިންސުން ހިންގި ކޮޓަރި: އޭނާއާ އެކު ގާތްގަނޑަކަށް 40 މީހުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނޭ.

ގާނޫނީ ވަކީލު އަހުމަދު ތާލިބު ދެކެވަޑައިގަންނަވާ ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަކީ ކުޑަ އަދަބު ލިބޭ ގާނޫނުގެ ދަށުން ދައުވާ ކުރަން ޖެހޭ ކުށެއް ނޫނެވެ. އެ ކުށަށް ގާނޫނުން ލިބޭ ލުއި އަދަބު ދިނުމުން، އެ ކުށަކީ ކުޑަ ކުށެއް ކަމަށް މުޖުތަމައުގައި ބެލެވި، އެކަން އާންމުވެދާނެ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

އެކަމަށް ބާރު ދިނުމުގެ ގޮތުން އޭނާ ވިދާޅުވި ގޮތުގައި، މިހާރު ބަނގުރަލާ ބެހޭ ކުށްތަކުގައި ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭ ގޮތް އޮތުމުންނާއި އަދަބުގެ ގޮތުގައި ޖޫރިމަނާ ފަދަ ލުއި އަދަބުތައް ދޭން ފެށުމުން، މިހާރު އެފަދަ ކުށްތަކަކީ ވެސް ކުޑަ ކުށްތަކެއްގެ ގޮތުގައި ބެލެވި، އެއީ މުޖުތަމައުގައި އާންމުވެފައިވާ ކުށްތަކެއް ކަމަށް ވަނީ ވެފަ އެވެ.

"އެހެން ކަންތައް ކުރުމުން ވާ ގޮތަކީ އެ ކުށާ މެދު ދެކޭ ގޮތް ދަށްވެ، މީހުންގެ ތެރޭގައި ކުށް އާންމުވެގެެންދާނީ،" ތާލިބު ވިދާޅުވި އެވެ.

އެނގުން މުހިންމު - އަލަމްގީރް ފުލުހުންނަށް ދީފައިވާ ބަޔާން މިހާރު ލީކުވެފައި ވާއިރު، އެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ގާތްގަނޑަކަށް 40 ފިރިހެނުންނާ އެކި ދުވަސް މަތިން ޖިންސީ ގުޅުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި، ދައުލަތުގެ އިސް މަގާމުތައް އަދާ ކުރާ މީހުންނާއި ޒިންމާދާރު ވަޒީފާތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ސަސްޕެންޑުކޮށްފައި ވާއިރު، އެއް ބައި މީހުން ވަނީ ވަޒީފާ އިން ވަކި ވެސް ކޮށްފަ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް