'ޓޮޕް ގަން: މެވެރިކް'ގެ މަންޒަރެއްގައި މައިލްސް ޓެލާ

ހޮލީވުޑް

'ޓޮޕް ގަން: މެވެރިކް' އިން 'ޓައިޓޭނިކް'ގެ ރެކޯޑު މުގުރާލައިފި

މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން 13 ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށް ވަނީ ވެފައި
10 އޯގަސްޓު 2022

'ޓޮޕް ގަން: މެވެރިކް' އިން އަދިވެސް އަންނަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރަމުންނެވެ.

އެއީ ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އޭނާގެ ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމަކީ އެއީ އެވެ. 

މިހާރު 'ޓޮޕް ގަން: މެވެރިކް' އިން ވަނީ މީގެ ކުރިން ހޮލީވުޑް ބޮކްސް އޮފީހުގައި 'ޓައިޓޭނިކް' އިން ދަމަހައްޓަމުން އައި ރެކޯޑު މުގުރާލައިފަ އެވެ. އެއާއެކު އެ ފިލްމަކީ ޑޮމެސްޓިކް ބޮކްސް އޮފީހުގައި ހަތްވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށް ވަނީ ވެފަ އެވެ. އެމެރިކާ އިން އެ ފިލްމަށް ލިބުނު އާމްދަނީ ވަނީ 662.5 މިލިއަން ޑޮަލަރަށް އަރައިފަ އެވެ.

މިދިޔަ މެއި މަހުގެ 27 ގައި ރިލީޒް ކުރި ފިލްމަކީ 1986ގެ ހިޓް ފިލްމު 'ޓޮޕް ގަން'ގެ ސީކުއެލް އެވެ. ފުރަތަމަ ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ރެކޯޑުތައް ގާއިމްކޮށް، އޭގެ ކުރީގެ ރެކޯޑުތައް މުގުރާލައިފަ އެވެ.

ގްލޯބަލް ބޮކްސް އޮފީހަށް ބަލާއިރު 'ޓޮޕް ގަން: މެވެރިކް' އަށް މިހާތަނަށް 1.35 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާއެކު އެއީ މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން 13 ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް