ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން. (ފޮޓޯ/ ރޮއިޓާސް)

ޗައިނާގެ ޖައްވީ ސްޓޭޝަން ހަދަން ދާ އެސްޓްރޮނޯޓުން އިއުލާނުކޮށްފި

މި އަހަރު ނިމުމުގެ ކުރިން ޖައްވީ ސްޓޭޝަން ހަދައި ނިންމުމަށް ޗައިނާ އިން އަންނަނީ މަސައްކަތް ކުރަމުން

ޗައިނާ އިން ޖައްވުގައި އަމިއްލައަށް ބިނާކުރަމުން އަންނަ ޖައްވީ ސްޓޭޝަންގެ މަސައްކަތް ފުރިހަމަ ކުރުމަށް ފުރުވާލުމަށް ހަމަޖެހިފައިވާ ތިން އެސްޓްރޮނޯޓުންގެ ނަންތައް ޗައިނާ އިން އިއްޔެ ހާމަކޮށްފި އެވެ.

'ޝެންޒޫ-14'ގެ ނަން ދެވިފައިވާ އުޅަނދެއްގައި މިއަދު ޖައްވަށް ފުރުމަށް ހަމަޖެހިފައިވާ ތިން އެސްޓްރޮނޯޓުންނަކީ ޗެން ޑޮންގް، ލިޔު ޔޭންގް އަދި ކައި ޝޫޒޭ އެވެ. އަދި މި ތިން އެސްޓްރޮނޯޓުން ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއަންގޮންގް ހެދުމުގެ މައްސަކަތުގައި ހަ މަސްދުވަސް ހޭދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުރިހާ މަސައްކަތްތަކެއް މި އަހަރު ނިންމާލުމަށް ރާވާފައިވާ ޓިއަންގޮންގް ސްޓޭޝަންގައި މަސައްކަތް ކުރުމަށް އެންމެ ފަހުން ދިޔަ ތިން ފަޅުވެރިން ހަ މަސްދުވަސް ހޭދުކުރުމަށް ފަހު އެނބުރި ދުނިޔެއަށް އައިސްފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ. މި ތިން ފަޅުވެރިން ޖައްވީ ސްޓޭޝަނަށް ބޭނުންވާ މުހިންމު ޓެކްނޮލޮޖީތައް ޓެސްޓުކޮށްފައިވާ ކަމަށް ޗައިނާ މޭންޑް ސްޕޭސް އެޖެންސީން (ސީއެމްއެސްއޭ) ވަނީ ބުނެފަ އެވެ.

ޓިއަންގޮންގްގެ މަސައްކަތް ނިމުމުން މިހާރު އޮތް ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނާއި (އައިއެސްއެސް) ވާދަކުރާ ހަމައެކަނި ޖައްވަނީ ސްޓޭޝަނަށް ޓިއަންގޮންގް ވާނެ އެވެ. އަދި ޖައްވީ ސްޓޭޝަނެއް ވަކިން އޮޕަރޭޓުކުރާ ހަމައެކަނި ގައުމަކަށް ވެސް ޗައިނާ ވެގެންދާނެ އެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުތަކުގައި އައިއެސްއެސް މުސްކުޅިކުރަން މަޖުބޫރުވުމުން، ޖައްވުގައި އޮތް ހަމައެކަނި ސްޓޭޝަނަށް ޓިއަންގޮންގް ވާނެ ކަމަށް ބައެއް މާހިރުން ވަނީ އަންދާޒާކުރައްވާފަ އެވެ.

ޗައިނާއިން ބިނާކުރަމުންދާ ޖައްވީ އިދާރާއާ ގުޅޭ. (ވީޑިއޯ/ ވޯލް ސްޓްރީޓް ޖާނަލް)

ތިން ފަޅުވެރިންނާ އެކު މިއަދު ފުރުމަށް ހަމަޖެހިފައިވާ ޝެންޒޫ-14ގެ ދަތުރަކީ ފަޅުވެރިން ފޮނުވައިގެން ޖައްވީ ސްޓޭޝަން ހެދުމަށް ޗައިނާއިން ރާވާފައިވާ ޖުމުލަ ހަތަރު ދަތުރުގެ ތެރެއިން ތިން ވަނަ ދަތުރެވެ. އަދި މި ސްޓޭޝަން ހެދުމަށް ރާވާފައިވާ ޖުމުލަ 11 މިޝަންގެ ތެރެއިން ހަތް ވަނަ މިޝަން އެވެ.

ތިން މޮޑިއުލަކަށް ބަހާލާފައިވާ ޖައްވީ ސްޓޭޝަނެއް ޗައިނާ އިން ބިނާކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް