ދިވެހި ފައިސާގެ ނޫޓުތަކެއް

ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރަމުންދަނީ އެމްއެމްއޭ އާ ގުޅިގެން ރާއްޖޭގެ ފައިނޭންޝަލް ޓެކްނޮލޮޖީ އިތުރަށް ކުރިއެރުވުމުގެ ގޮތުން ކަމަށް
28 ނޮވެމްބަރު 2022

ދިވެހި ރާއްޖޭގައި ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅިގެން ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީ އެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި އެ މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ބެހޭގޮތުން ދިން ޕްރެޒެންޓޭޝަނެއްގަ އެވެ. ނަމަވެސް، ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ތަފްސީލް - މިނިސްޓްރީގެ ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށެވެ.

އެގޮތުން ކުރެވިފައިވާ ބައެއް މަސައްކަތްތަކަކީ:

  • 10 އިދާރާއަކުން ހަދާފައިވާ 12 އެޕްލިކޭޝަން ހޯސްޓް ކުރުމަށް 20 ސާވާ ފޯރުކޮށްދިނުން؛ އެކި އިދާރާތަކުން ޖުމްލަކޮށް 46 ހިދުމަތެއް ފޯރުކޮށްދޭ 248 މިހާރު ގައުމީ ޑޭޓާ ސެންޓަރުގައި ހިންގާ

  • 2021 ނިމުނު އިރު 521 އިދާރާ އަކާ ޑޭޓާ ސެންޓަރު ގުޅާލެވިފައިވޭ؛ ދައުލަތުގެ ކޮމްޕިއުޓަރު ވިއުގަ މެދުވެރިކޮށް ރައްކާތެރިކަމާ އެކު އެއް އިދާރާއިން އަނެއް އިދާރާއާއި ޑޭޓާ ހިއްސާ ކުރެވޭ

  • 20 އިދާރާއަކަށް ކަނެކްޝަން ރީލޮކޭޝަންގެ ހިދުމަތް ދިނުން

  • ޑިޖިޓަލް އެކްޝަން ޕްލޭންގެ ދަށުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ވަކި ހިދުމަތެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ގާނޫނުގެ ދެލިކޮޕީ އެކުލަވާލައި، ތަރުޖަމާ ކުރެވިފައިވޭ؛ ސްޓޭކްހޯލްޑަރުންގެ ފީޑްބެކާއެކު އިސްލާހު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

  • ސަރުކާރުގެ ތެރޭގައި ކުރެވޭ ސްޓްރަކްޗާޑް މަސައްކަތްތައް އޮޓޮމޭޓް ކުރުމަށްޓަކައި މައިކްރޮސޮފްޓް 365 ތައާރަފްކޮށް 34 ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ކައުންސިލެއްގެ މަސައްކަތްތައް ކްލައުޑަށް ބަދަލުކުރުން

  • އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ގާނޫނު އުފެއްދުން

  • ކަރުދާހުގައި ލިޔެގެން ސިޓީ ހުށަހެޅުމުގެ ބަދަލުގައި ގޮވް.އެމްވީ މެސެޖުގެ ހިދުމަތް ބޭނުންކޮށްގެން ޑިޖިޓަލް ކޮށް ސަރުކާރަށް ރަސްމީކޮށް ޝަކުވާއާއި ސިޓީ ހުށަހެޅޭނެ ގޮތް ހެދުން

  • އެންސީއައިޓީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް އެކުލަވާލާ 34 މުވައްޒަފުން އިތުރު ކުރުން

ކުރެވެމުންދާ ބައެއް މަސައްކަތްތަކަކީ:

  • ނޭޝަނަލް ސައިބާ ސެކިއުރިޓީ ގާނޫނެއް އެކުލަވާލާ، ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީއެއް ގާއިމްކޮށް، އެ މަސައްކަތަށް ބޭނުންވާ މީހުން ހޯދުން

  • ސަރުކާރުގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި 'ޖެމްސް'ގެ އާ ވާޝަން އެއް ތައާރަފު ކުރުން؛ އެ ނިޒާމު ތައާރަފު ކުރުމުން މުއާމަލާތްތަކުގައި އެއްވެސް ވަރަކަށް ކަރުުދާސް ބޭނުން ކުރާކަށް ނުޖެހޭނެ

  • ސަރުކާރުގެ ތެރޭގައި ކުރެވޭ ސްޓްރަކްޗާޑް މަސައްކަތްތައް އޮޓޮމޭޓް ކުރުމަށްޓަކައި މައިކްރޮސޮފްޓް 365 ތައާރަފްކޮށް 34 ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ކައުންސިލެއްގެ މަސައްކަތްތައް ކްލައުޑަށް ބަދަލުކުރެވުނު

  • ހަޔާ އެޑިއުކޭޝަން ނެޓްވޯކެއް ގާއިމް ކުރުމަށްޓަކައި ގައުމީ ދެ ޔުނިވާސިޓީ ގުޅާލާ، އެ ޔުނިވާސިޓީތައް އިންޑިއާގެ އެޑިއުކޭޝަން ނެޓްވޯކާ ގުޅާލެވިފައިވޭ؛ މި ނެޓްވޯކް އެހެން ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކާ ގުޅާލުމަށް ވަނީ ރޭވިފައި

  • އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުން؛ މި ގަވައިދުތައް އަދި ހެދިފައި ނެތަސް އެ ގާނޫނު ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނި

  • ގައުމީ ފެންވަރެއްގައި ފިންޓެކްގެ ރެގިއުލޭޓަރީ ސޭންޑްބޮކްސް އެއް ގާއިމުކުރުން؛ އެކަމުގެ ސަބަބުން ގަވައިދުތަކުން ތަންނުދޭ ބައެއް ކަހަލަ އާ ޓެކްނޮލޮޖީ ގެނެސް އެމްއެމްއޭގެ ބެލުމުގެ ދަށުން ޓެސްޓު ކުރެވޭނެ

  • އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސްކޫލުތައް، ހެލްތު ސެންޓަރުތައް އަދި ކައުންސިލްތައް ހިމެނޭ ގޮތަށް ސަރުކާރުގެ ހާހެއްހާ އިދާރާ އޮންލައިންކޮށް މަސައްކަތް ކުރެވޭ ވިއުގަ އަކުން ގުޅާލުން

  • ގަވަމެންޓް ޑިޖިޓަލް ހިދުމަތުގެ ނަމުގައި ގާނޫނެއް ފަރުމާކުރުން

  • ކައުންސިލްތަކަށް އަމާޒު ކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުން

  • ޑިޖިޓަލް ތަރައްގީގެ ރައްކާތެރިކަމަށް ބޭނުންވާ އިދާރީ އޮނިގަނޑުގައި އަމަލީ ސިފަ ޖެއްސުން

އެނގުން މުހިއްމު - ގައުމެއްގެ މައި ބޭންކުން ދޫކުރާ ޑިޖިޓަލް ކަރަންސީއަށް ދެވިފައިވާ ނަމަކީ ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ (ސީބީޑީސީ) އެވެ. ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއަކަށް ހަދައިފި ނަމަ ފައިނޭންޝަލް އިންކްލޫޝަން އަށް މަގުފަހިވެ، މާލީ ސިޔާސަތު ތަންފީޒު ކުރުމަށް ފަސޭހަތަކެއް ގެނުވައިދޭނެ ކަމަށް ބެލެވެ އެވެ. ސީބީޑީސީ ތައާރަފު ކުރުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ހިމެނެނީ:

  • ވިޔަފާރިތަކާއި ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަން ޔަގީންކޮށްދިނުން

  • ބޮޑު ފައިނޭންޝަލް ނިޒާމެއް ހިންގުމަށްޓަކައި ބޭނުންވާ ހަރަދުތައް ކުޑަކުރުން 

  • އެހެން ވައްތަރެއްގެ ކަރަންސީއަށް ފައިސާ ބަދަލު ކުރާއިރު ހޭދަވާ ހަރަދު ކުޑަކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް