ޔޫކްރެއިނަށް އޮތް ތާއީދު ދިގު މުއްދަތަކަށް ބާއްވަން އެކުވެރި ގައުމުތަކަށް ލޮއިޑް އޮސްޓިން ވަނީ ގޮވާލައްވާފައި (ފޮޓޯ/ އީޕީއޭ)

ޔޫކްރެއިނާއި، އެކުވެރި ގައުމުތަކަށް 2.6 ބިލިއަން ޑޮލަރުގެ އެހީ ދޭން އެމެރިކާއިން ފާސްކޮށްފި

އެމެރިކާއިން ވަނީ މިހާތަނަށް ޔޫކްރެއިންއަށް 13 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ވައުދުވެފައި
9 ސެޕްޓެމްބަރު 2022

ޔޫކްރެއިނާއި އެކުވެރި އެހެން ބައެއް ގައުމުތަކަށް ގާތްގަނޑަކަށް 2.6 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ފާސްކޮށްފި އެވެ. 

އެމެރިކާއިން ފާސްކުރި މި އެހީގެ ތެރޭގައި ރަޝިޔާއާ ހަނގުރާމަކުރަމުން އަންނަ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭން ކަނޑައެޅި 675 މިލިއަން ޑޮލަރުގެ އެހީ ވެސް ހިމެނެ އެވެ.

އެމެރިކާގެ މި އެހީގެ ޕެކޭޖް ދިފާއީ ސެކްރެޓަރީ ލޮއިޑް އޮސްޓިން އިއުލާންކުރެއްވީ ޖަރުމަންގައި ހުންނަ އެމެރިކާގެ ރަމްސްޓޭން އެއާ ބޭހުގައި، އެކުވެރި ގައުމުތަކުގެ ވަޒީރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

އަސްކަރީ އެހީގައި ހޮވިޓްޒާތަކުގެ އިތުރުން ވަޒަނާއި، ހަމްވީ ވެހިކަލްތަކާއި، އާމާޑް އެމްބިއުލެންސްތަކާއި، އެންޓި ޓޭންކް ނިޒާމުތައް ހިމެނެ އެވެ.

އެމެރިކާއިން ވަނީ މިހާތަނަށް 13 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދޭނެކަން އިއުލާންކޮށްފަ އެވެ. 

ރައީސް ބައިޑަންގެ ސަރުކާރުން ވަނީ ޔޫކްރެއިން އާއި އެ ގައުމު ވަށައިގެން ހުރި އަވަށްޓެރި 18 ގައުމެއްގެ ރައްކާތެރިކަމަށް 2 ބިލިއަން ޑޮލަރުގެ އެހީ ދޫކުރަން ހަމަޖައްސައިފަ އެވެ. މި 18 ގައުމުގެ ތެރޭގައި ނޭޓޯގެ މެމްބަރުންނާއި، ރަޝިޔާގެ ހަރުކަށިކަމާ ގުޅިގެން ބިރު ފޯރަފާނެ ނޭޓޯގެ މެމްބަރު ނޫން ގައުމުތައް ވެސް ހިމެނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ކީވްއަށް ވަޑައިގެންނެވުމާ ގުޅޭ (ވީޑިއޯ/ ޓުޑޭ)

އެކިވެރި ގައުމުތަކުން ޔޫކްރެއިނަށް ކުރަމުން އަންނަ ތާއީދު ދިގު މުއްދަތަށް ކުރިއަށް ގެންދަން އޮސްޓިން ގޮވާލެއްވި އިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދަތުރުކުރައްވައިފަ އެވެ. 

އޔޫކްރެއިނަށް ދޫކުރާ އެހީ ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ ރަޝިޔާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި 'މުހިންމު' ދަނޑިވަޅެއްގައި ކަމަށާއި، ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ބްލިންކެން ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް