ޖާމަނީ ގައުމީ ޓީމުގެ ވޯލްޑް ކަޕްގެ ފަރިތަކުރުންތައް.

ޖާމަނީގެ ދިވެހި ސަޕޯޓަރުންވެސް މާޔޫސްވުމުގެ ފުރުސަތު އެބައޮތް

އިއްޔެ ސައުދީ އަރަބިއްޔާއިން ވަނީ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ ބަލިކޮށް، މުޅި ދުނިޔެ ސިއްސުވާލާފައި. މިއަދު ޖާމަނީއާ ދެކޮޅަށް ނުކުމެ ޖަޕާނަށް ވެސް އެފަދަ ނަތީޖާއެއް ނެރެވިދާނެ
23 ނޮވެމްބަރު 2022
1

ގަތަރު ވޯލްޑް ކަޕްގައި އިއްޔެ ސައުދީ އަތުން ބަލިވުމާ އެކު އާޖެންޓީނާގެ ދިވެހި ސަޕޯޓަރުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. މިއަދު ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގައި ޖާމަނީގެ ދިވެހި ސަޕޯޓަރުންނަށް ވެސް އެފަދަ މާޔޫސްކަމަކާ ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕް ގުރޫޕު އީގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ޖަޕާނާއި ޖާމަނީ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހައެއް ޖަހާއިރު އެވެ.

ތަފްސީލު - މި ދެ ޓީމު އަޅާކިޔާއިރު، ހުރިހާ ގޮތަކުންވެސް ކުރި ލިބެނީ ޖާމަނީ އަށެވެ. ފީފާ ރޭންކިންގައި ޖާމަނީ 24 ވަނައިގައި އޮތް ޖަޕާނަށް ވުރެ 13 މަގާމު މަތިން، އެ ލިސްޓުގެ 11 ވަނައިގަ އެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރި އަދަދަށް ބަލާއިރު، ބްރެޒިލްގެ ފަހަތުން އިޓަލީއާ އެކު ޖާމަނީ އޮތީ އެންމެ ގިނައިން އެ މުބާރާތް ކާމިޔާބުކުރި ލިސްޓުގެ ދެ ވަނައިގައި އެވެ.

ދެ ޓީމުގެ ސްކޮޑަށް ބަލާއިރު، ޖާމަނީގެ 26 ކުޅުންތެރިންގެ ސްކޮޑުން 20 ކުޅުންތެރިންނަކީ އެ ގައުމުގެ އެއް ވަނަ ޑިވިޝަން، ބުންޑަސްލީގާގެ އެކި ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ. ޖަޕާނުން މިފަހަރު ވޯލްޑް ކަޕަށް ނެރުނު ސްކޮޑަކީ ބުންޑަސްލީގާއާ މުޅިން ބީރައްޓެހި ސްކޮޑެއް ނޫނެވެ. އެގޮތުން، ޖަޕާނު ސްކޮޑުގައި ހިމެނޭ އަށް ކުޅުންތެރިން ކުޅެނީ ބުންޑަސްލީގާގެ ކްލަބްތަކަށެވެ.

ބުންޑަސްލީގާ އާއި ޖާމަނީ ކުޅުންތެރިންގެ ސްޓައިލް އެނގުމަކީ ޖަޕާނުން މި މެޗަށް ނުކުންނައިރު ބޭނުންކުރާނެ އުކުޅެކެވެ.

އެނގުން މުހިންމު - މިއީ ވޯލްޑް ކަޕް މުބާރާތެއްގައި ޖާމަނީ އާއި ޖަޕާނު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ބައްދަލުކުރި ރަހުމަތްތެރިކަމުގެ ދެ މެޗުގެ ތެރެއިން އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއް މެޗުން ކުރި ހޯދީ ޖާމަނީ އެވެ.

ގުޅުންހުރި ކަމެއް - ޖާމަނީ އަކީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި އެންމެ ގިނަ ދިވެހިން ސަޕޯޓުކުރާ ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. އާޖެންޓީނާ އަކީ ވެސް އެފަދަ ޓީމެކެވެ. ނަމަވެސް އިއްޔެ ސައުދީއިން މުޅި ދުނިޔެ ސިއްސުވައިލީ ފަހަތުން އަރައި ދެ ގޯލު ޖަހައި، އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޖަޕާނުގެ ކޯޗްއާ ހަވާލާދީ ބޭރުގެ ކުޅިވަރު ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ މެޗަށް އެ ޓީމުންވެސް ނުކުންނާނީ (ސައުދީއާ އެއްފަދައިން) ތާރީހު ބަދަލުކޮށްލުމަށެވެ. އިއްޔެ އާޖެންޓީނާ ބަލިވި ގޮތް ފެނި، ޖާމަނީގެ ކޯޗު އަދި އެ ޓީމު މި މެޗަށް ނުކުންނަނީ އެފަދަ ކަމެއް ވެދާނެ ކަމަށް ތައްޔާރުވެގެންނެވެ.

އެންމެ ފަހުން ޖާމަނީއިން ވޯލްޑް ކަޕް ކާމިޔާބުކުރީ 2014ގަ އެވެ. ނަމަވެސް 2018 ގެ ވޯލްޑް ކަޕުން ޖާމަނީ ވަކިވީ ހިތްދަތި ގޮތަކަށް، ގްރޫޕް ސްޓޭޖުގައި އެ ޓީމު އޮތް ގްރޫޕުގެ ފުލުންނެވެ. ޖަޕާނަށް އެ ފަހަރު ވޯލްޑް ކަޕުން އަލްވަދާއު ކިޔަން ޖެހުނީ ރައުންޑް އޮފް 16 ގައި ބެލްޖިއަމް އަތުން ބަލިވެގެންނެވެ.

ޔޫރޯ 2020އިން ޖާމަނީ ވަކިވީ ރައުންޑް އޮފް 16 ގައި އިންގްލެންޑް އަތުން ބަލިވެގެން.
ޗެމްޕިއަނުންގެ ގޮތުގައި ވޯލްޑް ކަޕް 2018އަށް ނުކުތް ޖާމަނީ ޓީމު، ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައި.

އޭގެ ފަހުން ބޭއްވި ޔޫރޯ 2020 މުބާރާތުގައި ވެސް ޖާމަނީއަށް މާ އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ. ޖާމަނީއިން އެ މުބާރަތް ނިންމާލީ ރައުންޑް އޮފް 16ގައި އިންގްލެންޑް އަތުން ބަލިވެގެންނެވެ.

ކޮމެންޓް (1)

އާދަމް

23 ނޮވެމްބަރު 2022
އެއްޖިންސުން ގުޅުންހިންގުމާއި މަސްތުވުމާއި މާއްދިއްޔަތަކީ އިންސާނީ ޙައްޤުތައް ކަމަށް ޤަބޫލުކުރާ ޖަރުމަނު، ޖަޕާނު އަތުން ބަލިވުމީ ލިބުނު ވަރަށް ބޮޑު އުފަލެއް. އެހެން ޤައުމުތަކުގެ ޤާނޫނާއި ޤަވާއިދުތަކާއި ފުޓުބޯޅައިގެ ޤަވާއިދުތަކަށް ކޮޅުފައިން އަރާ މީހުން މިއަށް ވުރެވެސް ހިތިގޮތަކަށް ދެންހުރި މެޗުތަކުގައި ބަލިވުމީ ނިކަމެތި އަޅާގެ އެދުމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް