ޕްލާސްޓިކް ކޮތަޅަކަށް ލާފައިވާ އެއްޗެހިތަކެއް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ވިޔަފާރިކުރުމުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2ރ. ދައްކަން ޖެހޭ ގޮތަށް ބިލު ފާސްކޮށްފި

ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ
28 ނޮވެމްބަރު 2022
3

ފިހާރަތަކުން ވިޔަފާރި ކުރުމުން ޕްލާސްޓިކް ކޮތަޅު ދޭ ނަމަ އެ ކޮތަޅަށް އަގު ނަގަން މަޖުބޫރުކުރަން ހިމަނައި ސަރުކާރުގެ ފަރާތުން ހުށަހެޅި 'ކުނި މެނޭޖު ކުރުމުގެ ބިލް' ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި މި ބިލު ދިރާސާކޮށް އެންވަޔަރަމެންޓް ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދު ފާސްކުރީ 52 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެނގުން މުހިންމު - ފިހާރަތަކުން މުދާ ވިއްކާއިރު ޕްލާސްޓިކް ކޮތަޅަށް ލާފައި ތަކެތި ދޭ ނަމަ ކަސްޓަމަރުންގެ އަތުން ކޮތަޅަކަށް 2ރ. ޓެކްސްގެ ގޮތުގައި ނަގަން ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކީ އެކަން ތަންފީޒުކުރަން ހުށަހެޅި ބިލެކެވެ.

ތަފްސީލް - މި ބިލު ހުށަހެޅުމުގެ މަގްސަދެއްގެ ގޮތުގައި އެ ބިލުގައި ބުނެފައިވަނީ، ކުނި މެނޭޖު ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި އެ ކަންކަން ބެލެހެއްޓުމަށް ކުނި މެނޭޖު ކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2ރ. 

މި ބިލުގައި ހިމަނާފައިވާ އެންމެ މުހިއްމު ކަމަކީ ފިހާރަތަކުން ކަސްޓަމަރަށް ދޭ ޕްލާސްޓިކް ކޮންމެ ކޮތަޅަކަށް ޓެކްސްގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2ރ. ނަގަން ޖެހުމެވެ. ޕްލާސްޓިކް ކޮތަޅުން މި ޓެކްސް ނަގަން ފަށާނީ ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާތާ ހަތަރު މަސްދުވަސް ވުމުންނެވެ.

މި ބިލުގައި އިތުރަށް ބުނެފައިވަނީ:

  • ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާއަށް ދައްކަން ޖެހޭނެ

  • މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

މި ބިލުގައި ކޮތަޅުން ޓެކްސް ނެގުން އިސްތިސްނާވާ ހާލަތްތައް ވެސް ހިމަނާފައިވެ އެވެ. އެއީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

  • ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

  • ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

  • 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި

  • ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ 'ބިން ލައިނާ'

ސަރުކާރުން އެ ބިލު ހުށަހެޅިއިރު ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން އިސްތިސްނާކުރަން ހިމަނާފައިވެއެވެ. އެކަމަކު ކޮމިޓީން ނިންމީ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ކޮތަޅުން ޓެކްސް ނުނެގޭ ގޮތަށް އޮތުމުން ޓެކްސް ނަގަން ނިންމި މަގްސަދު ހާސިލުނުވާ ކަމަށެވެ.

ކުނި މެނޭޖު ކުރުމުގެ ގައުމީ ޕްލޭނެއް 

މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާތާ އެއް އަހަރުދުވަހުގެ ތެރޭގައި ކުނި މެނޭޖު ކުރުމާ ބެހޭ ގައުމީ ޕްލޭނެއް އެންވަޔަރްމެންޓް މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައިގައިވެ އެވެ. މި ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތަކަކީ:

  • ކުނި މެނޭޖު ކުރުމުގެ ގައުމީ ސިޔާސަތު

  • ކުނި މެނޭޖު ކުރުމުގެ ގައުމީ ސިޔާސަތު ތަންފީޒުކުރާނެ ސްޓްރެޓެޖީތަކާއި ލަނޑުދަނޑިތައް

  • އާއްމު ކުންޏާއި ކޮންސްޓްރަކްޝަން ކުންޏާއި ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖު ކުރާނެ ގޮތްތައް

  • ރަށު އަދި ސިޓީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖު ކުރާނެ ގޮތްތައް

ކޮމެންޓް (3)

ސަމީރު

29 ނޮވެމްބަރު 2022
ސުވާލަކީ ކޮންމެ ކަސްޓަމަރެއްގެ އަތުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ޗާޖުކުރީމަ ކުނި މެނޭޖުވާނެހޭ.މިއަށް ކިޔަނީ ރައްޔިތުން ފެލުން.ފުރަތަމަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި މިކަން ތަންފީޒުކުރަން ފެށީ އެސްޓީއޯ އިން.ރައްޔިތުން ޕްލާސްޓިކާ ދުރުކުރާށޭ ކިޔައިފަ ކުޑަޔަސް ބޮޑަސް ކޮތަޅެއް ވެއްޖެއްޔާ އެހެޔޮ ކަރުދާހަކަސް ޕްލާސްޓިކަކަސް 2 ރުފިޔާ. ހަބަރުގަ ލިޔެފަ އެބައޮތް ސަރުކާރުން ބިލު ފޮނުވީ ކާޑުގެ ބާވަތްތައް އަޅާ ކޮތަޅުން ޓެކްސް ނުނަގާ ގޮތަށޭ ކޮމިޓީންނޭ އެއިން ޓެކްސް ނަގަން ނިންމީ.ކޮމިޓީގަ ހިމެނޭ އެމްޑީޕީގެ އެމްޕީއަކު ބުނެފަ އޮތް އެގޮތަށް ނިންމީ ކާޑުގެ ބާވަތްތައް ގަންނަން ދާއިރު ކޮންޓެއިނާ ގެންދަން ބާރު އެޅުމަށޭ.އެހެންވީމަ ފުށް ހުސްވީމަ ފުށް އަޅާ ބާލިދީ ހިފައިގެން އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގަންތާ ދެން ޖެހޭނީ ފުށް ގަންނަން.ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަމަށް އައިސް ރައްޔިތުމީހާ ފެލާލަނީ. ނޫސްވެރިން ސާފުކޮށްލަދީބަލަ ވެހިކަލް އިންޝުއަރެންސް އަށް ކޮންމެ ވެހިކަލަކުން ނަގާ 75 ރުފިޔާ އިން ފައިދާއެއްވި ދިވެހި ރައްޔިތަކު އުޅޭ ތޯ މިރާއްޖޭގަ
1 0

ޝިއުނީ

28 ނޮވެމްބަރު 2022
ކުނީގެ ވާހަކަ ނުދައްކާ. ތިއީ ދުވަހަކު ހައްލު ވާން އޮންނަ ކަމެއް ނޫން. މިހާރު މަގެއްގެ މައްޗަށް ނުކުންނަން ނުކެރޭ. އަބަދު ވެސް ކުނި ޕިކަޕްތައް ހުޅުވަލާފައި. ހެޔޮ ދެ ނަމަދު ދޭތެރެޔަސް، ހެޔޮ މެންދުރަސް ހަވީރަސް ރޭގަނޑަސް. ދުވާ ވަހުން ނޯށް ދަމާލަން ނުކެރޭ
1 0

ޔޯޔޯ

28 ނޮވެމްބަރު 2022
ނެހީ. އެއަށް ވެސް މިހާރު ރުފިޔާ ނަގަން ފެށީ. ދުވަސް ކޮޅަކުން މަގުމަތިން ހިނގާ ކަމަށްޓކައި ވެސް ރުފިޔާ ދައްކަން ޖެހޭނެ. ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ބަނޑަށް ޖެހެމުން. މި ކަލޭގެމެން މި ތިބެނީ އަހަރުމެން ފެލައިގެން ކާން ދިމާ ކޮށްފައި. ގައުމު ހިންގަނީ ޔޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް