ނިއުގެ އާޗެއާމަން ވާސިފް (ކ) އެ ކްލަބުގެ މުއައްސިސް އަހުމަދު ވަހީދުއާ އެކު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ވާސިފް އިންތިހާބުކޮށްފި

ނިއު އަށް އަލުން ފުޓްބޯޅައިގައި ވާދަކުރެވޭނީ ދަރަނި ދެއްކުމުން

ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ ފީފާ އާއި އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓުގެ އިންތިހާބު ބާއްވައި ޗެއާމަނަކަށް އަހުމަދު ވާސިފް މިރޭ އިންތިހާބުކޮށްފި އެވެ.

ވާސިފް އަކީ ނިއު އަށް ފުރުސަތު ނެތުމުން އެ ކްލަބުގެ ސަޕޯޓަރުން ދާދި ފަހުން އުފެއްދި ކްލަބް 'ރޭޑިއަންޓް' ގެ ޗެއާމަން ވެސް މެ އެވެ. އެކަމަކު އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް ބަލައި ފުރުސަތު ނުދޭން އޭއެފްސީން ވަނީ ނިންމައިފަ އެވެ.

އެއާ އެކު އެ ކްލަބުގެ ހަރަކާތްތައް ހުއްޓި، ނިއު އަލުން ކޮޅަށް ނެގޭތޯ މަސައްކަތް ފެށީ އެވެ.

ވާސިފް ވިދާޅުވީ ނިއުގެ އާ އެގްޒެކެޓިވް ކޮމިޓީގެ މަސައްކަތަކަށް ވާނީ ކްލަބުގެ ދަރަނިތައް ދައްކާނެ މަގެއް ހޯދައި، އެ ފައިސާ ހަލާސްކުރުމަށް ފަހު ވީ އެންމެ އަވަހަކަށް ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓްބޯޅައިގައި ވާދަކުރަން ފަށަން ޓީމެއް އެކުލަވާލުން ކަމަށެވެ.

އެ މަސައްކަތްތަކުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުގެ ދަރަނި ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ.

ނިއުގެ އާ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިއުގެ މުއައްސިސް އަހުމަދު ވަހީދު (ކުއީން ވަހީދު) އާއި 1990ގެ ތެރޭގައި ކްލަބް ހިންގެވުމުގައި އިސްކޮށް އުޅުއްވި ކާމިނިޕީލް ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އިންތިހާބީ ޖަލްސާގައި އެގްޒެކެޓިވް ކޮމިޓީގެ ކޮންމެ މަގާމަކަށް ވެސް ވާދަކުރެއްވީ އެންމެ ކެންޑިޑޭޓެކެވެ. އެހެންވެ ނެގި ފެންނަ/ނުފެންނަ ވޯޓުން މަގާމުތަކަށް މެމްބަރުން ހޮވުނީ އިއްތިފާގުންނެވެ.

ނިއުގެ އާ އެގްޒެކެޓިވް ކޮމިޓީ

  • ޗެއާމަން: އަހުމަދު ވާސިފް

  • ވައިސް ޗެއާމަން: އިސްމާއީލް ރަޝީދު

  • ވައިސް ޗެއާމަން: ޒަހީނުއްދީން ސައީދު

  • ސެކްރެޓަރީ: ސާއިދު އަލިދީދީ

  • ހަޒާންދާރު: އަހުމަދު ހުސެއިން

  • މެމްބަރު: މުހައްމަދު ޔޫސުފް

  • މެމްބަރު: ލުއައްޔު އާދަމް

  • މެމްބަރު: އާސިމް ރިޒާ

  • މެމްބަރު: މުހައްމަދު މާލިކް

ސިފައިންގޭގެ ކުރީގެ ކާނަލެއް ކަމަށްވާ މުހައްމަދު ޒިޔާދުގެ ޗެއާމަންކަމުގައި ވަރަށް ވަރުގަދަކޮށް އޮވެފައި ނިއު މާލީ ވަޅުގަނޑަކަށް ވެއްޓި ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދެވޭ ހިސާބަށް ދިޔައީ ކުއްލި ގޮތަކަށް 2018 ވަނަ އަހަރު އެވެ. އެ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ކްލަބުން އޭރު ތުހުމަތުކުރި ގޮތުގައި އެފްއޭއެމުން އެ ފިޔަވަޅު އެޅީ އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން ކަމަށެވެ. ފަހުން ފީފާ އިން ވެސް ވަނީ ނިއު ސަސްޕެންޑްކޮށްފަ އެވެ.

ނިއުގެ ޗެއާމަން ވާސިފް ވާހަކަދައްކަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ނިއުގެ މެމްބަރުން ވޯޓު ދެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި ފަހަރު ނިއުއާ މި ހަވާލުވީ އޭގެ ފަހުން 2020 ވަނަ އަހަރު ކްލަބް އަލުން ކޮޅަށް ނެގޭތޯ މަސައްކަތްކުރި ސަޕޯޓަރުންގެ ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނެވެ. ކްލަބުގެ މިހާރުގެ ޗެއާމަން ވާސިފް އޭރު އެ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަތެވެ.

ވާސިފް ވިދާޅުވީ ނިއުގެ ދަރަނިތައް ދައްކަން ފައިސާ ހަމަކުރުމަށް ޖާޒީ ވިއްކުމުގެ ހަރަކާތެއް 2020 ވަނަ އަހަރު ހިންގި ކަމަށާއި އެކަމަކު ކޮވިޑުގެ ސަބަބުން އެކަން ހުއްޓުނީ ކަމަށެވެ. ކޮވިޑަށް ފަހު އިގްތިސާދީ ހާލަތު އޮތްގޮތުން ދަރަނި ދެއްކޭނެ ފައިސާ ހަމަކުރެވޭނެ ގޮތެއް ނެތުމުން، މަސައްކަތްކުރީ ކްލަބުގެ ސަޕޯޓަރުންނަށްޓަކައި އާ ކްލަބެއް ހަދަން ކަމަށެވެ.

އޭނާ އެ އިޝާރާތްކުރީ ރޭޑިއަންޓް އަށެވެ. ރޭޑިއަންޓް ރަޖިސްޓްރީކޮށް އެ ކްލަބުން ކޯޗުންނާއި ކުޅުންތެރިން ހޯދައި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވި އެވެ. އެކަމަކު އެ ކްލަބަށް ހުއްދަ ނުދޭން އޭއެފްސީ ނިންމީ އެވެ. ސަބަބަކީ ކްލަބްތަކުން ދަރަނިން ސަލާމަތްވާން އާ ކްލަބް ހެދިޔަނުދޭން ފީފާ އިން ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާކަމުގައި ބެލެވުމެވެ.

"އެ ހިސާބުން އަނެއްކާ ވެސް ނިއު ނެގޭތޯ މަސައްކަތް ފެށީ. ވަރަށް އުއްމީދު އެބައޮތް މިކަން ކާމިޔާބުވާނެ ކަމުގެ،" ވާސިފް ވިދާޅުވި އެވެ.

މުސާރަ ނުދޭތީ އާއި ކްލަބް ލައިސަންސިން ފުރިހަމަނުކުރާތީ އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއުގެ ވާދަވެރި ވިކްޓްރީން ވެސް ވަނީ ދާދި ފަހުން އިންތިހާބު ބާއްވައި ދަރަނި ދައްކައިފަ އެވެ. އެ ކްލަބުން މިހާރު ވަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޓީމެއް އެކުލަވާލައިފަ އެވެ.

ކޮމެންޓް (1)

ނިއުގެ ފޭނެއް

27 މޭ 2022
"ރޭޑިއަންޓް ކެފޭ" ނަމުގައި މާލޭ ގައި ކެފޭއެއް ހިންގަން ފެނޭ . އަދި ބޮޑެތި ވިޔަފާރިތަކާއި ގުޅިގެން ވޯލްޑް ކަޕާްއި ގުޅޭ ތަފާތު ޕްރޮމޯޝަން ހިންގައި ސްޕޮންސަރ ހޯދުން ފަދަ ކަންކަން ކޮށްގެން ހަޔެއްކަ މަސްތެރޭ 5 މިލިޔަން ހަމަވެދާނެ. ނިޔު ރޭޑިޔަންޓަށް ބަޔެއް ސިޔާސީ ފަރާތްކުގެ އެހީތެރިކަން ލިބޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް