އައްޑޫ ހިތަދޫ: އައްޑޫގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވަމުންދާއިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫއުން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް (ފޮޓޯ/ޕީއެސްއެމް)

ތިމާވެށި

ތިމާވެއްޓަށް ލިބޭނެ ގެއްލުމާ ހެދި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން 6 ޖަމިއްޔާއަކުން ގޮވާލައިފި

މި މަޝްރޫއު ހިންގަން ވެލި ނެގުމުގެ ސަބަބުން އައްޑޫގެ ހިމާޔަތްކޮށްފައިވާ ތަންތަނަށް ގެއްލުންވާނެ. އަދި މުޅި އެތެރެވަރިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ
15 ފެބްރުއަރީ 2022
2

އައްޑޫގެ ބިމުގެ ދަތިކަން ހައްލުކޮށް، އިގްތިސާދު ކުރިއަރުވަން ފަޅުތަކުން ޖުމްލަ 236.5 ހެކްޓަރު ހިއްކަން ސަރުކާރުން ރާވަމުންދާ މަޝްރޫއު ނުހިންގައި ހުއްޓާލަން ހަ ޖަމިއްޔާއަކުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

ފަސްމަންޒަރު - އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން ހިންގަން ތައްޔާރުވަމުންދާ މި މަޝްރޫއުގައި އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. އަލަށް ރަށްތައް އުފައްދަނީ ރިޒޯޓު ހިންގާށެވެ. މި މަޝްރޫއު އިން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއުގެ ސަބަބުން މުޅި އައްޑު އަތޮޅުގެ އެތެރެވަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން މަޝްރޫއުއަށް ހެދި އީއައިއޭ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ތަފްސީލް - އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖަމްއިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ އެފަދަ ބޮޑު ގެއްލުމެއް އައްޑުއަށް ލިބޭނެ ފަދަ މަޝްރޫއުއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ގާނޫނުއަސާސީގައިވާ ދެމެހެއްޓެނި ތަރައްގީގެ މިންގަނޑުން ބޭރު، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކާ ހިލާފު ކަމެއްކަން ހަނދާންކޮށްދޭ ކަމަށެވެ. 

"ކަން މިހެން އޮތް އިރު މިފަދަ ބޮޑު ގެއްލުމެއް ލިބޭ މަޝްރޫއުއެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

މަޝްރޫއުގެ ތަފްސީލުތައް:

  • މުޅި އައްޑޫ ސިޓީން 236.5 ހެކްޓަރު ހިއްކާނެ

  • ހިތަދޫން 90 ހެކްޓަރު

  • މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރު

  • ހުޅުމީދޫން 32.3 ހެކްޓަރު

  • ރިޒޯޓު ހަދަން ފަޅު ތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް

  • ބިން ހިއްކަން ވެލި ނަގާނީ އައްޑޫގެ އެތެރެވަރީގެ 42 ޕަސެންޓުން

  • 6.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގަން ހަމަޖެހިފައިވޭ

މަޝްރޫއުން ލިބޭނެ ގެއްލުންތައް އީއައިއޭ ރިޕޯޓުން:

  • ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ

  • 21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ

  • އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެންދާނެ

  • އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ

  • އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ

  • ކަނޑު ކިލަނބުވެ ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ

އައްޑޫން ހިއްކަން ނިންމާފައިވާ ސަރަހައްދުތަކާއި ވެލި ނަގަން ހަމެޖެހިފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް (ދައުރު އިންފޮގްރެފިކްސް/ތުހުފާ އާތިފް)

އައްޑޫގައި އަލަށް ރިޒޯޓު ހިންގަން ފަސް ރަށެއް އުފައްދަން ނިންމާފައިވާއިރު، މިހާރު ވެސް އައްޑޫގައި ހިންގާ ރިޒޯޓުތައް އެކަށީގެންވާ ގޮތުގައި އޮޕަރޭޓު ނުކުރެވޭކަން ޖަމްއިއްޔާތަކުގެ ބަޔާނުގައި ފާހަގަކުރި އެވެ. އަދި އެފަދަ ތަންތަން ހަދަން ތިމާވެށި ނެތިދިޔުމުން ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެންކަމުން، މިފަދަ ތަންތަން ނައްްތާލައި ކުރިއެރުވޭނީ ކޮން ކަހަލަ ޓޫރިޒަމެއްތޯ އާއި ރައްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަން ނައްތާލާފައި ރައްޔިތުންނަށް ލިބޭ ނަފާއަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ،" ބަޔާނުގައިވެ އެވެ.

ނޫސް ބަޔާން ނެރުނު ޖަމިއްޔާތައް:

  • ޓްރާންސްޕޭރެންސީ މޯލްޑިވްސް

  • ސޭވް މޯލްޑިވްސް

  • ޒީރޯ ވޭސްޓް މޯލްޑިވްސް

  • މޯލްޑިވްސް ރެޒިލިއަންޓް ރީފްސް

  • ލޭންޑް ސީ މޯލްޑިވްސް

  • އީކޯކެއާ މޯލްޑިވްސް

އެ މަޝްރޫއުން ލިބޭ ގެއްލުން ރައްޔިތުންނަށް ގެއްލުންތައް އާއްމުންނަށް ބުނެ ނުދީ ލިބޭ ފައިދާތައް ރައްޔިތުންނަށް ކިޔައިދޭ އިރު އެއީ ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޖަމްއިއްޔާތަކުން ބުނެ އެވެ. އަދި މިފަދަ މަޝްރޫއުތަކުގައި ރައްޔިތުން ނޭނގުމެއްގެ ތެރޭގައި ބޭތިއްބުމުގެ ސަބަބުން ފަހުން ދަތި އުނދަގޫ ރައްޔިތުން ތަހައްމަލް ކުރަން ޖެހޭ ކަމަށާއި އަދި މިފަދަ މަޝްރޫއުތައް ހިންގަނީ ހަގީގަތުގައި ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނާފައިތޯ ސުވާލު އުފެދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޖަމްއިއްޔާތަކުން ބުނީ ދިރާސާތަކާއި ލިބޭ ލަފަޔާ ދެކޮޅަށް ވަކި ބައެއްގެ ވަގުތީ ފައިދާއަށް ހިންގާ އެފަދަ ގެއްލުންދެނިވި މަޝްރޫއުތައް ހުއްޓުވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

އައްޑޫ ހިތަދޫ: އައްޑު އަތޮޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވަމުންދާއިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫއުން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެކި މުއާހަދާތައް ސަރުކާރުން ބަލައިގެންފައިވާއިރު، ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް، ދެމެހެއްޓެނިވި ގޮތުގައި ތިމާވެއްޓާ އެއްކީލި ގޮތަކަށް މަސައްކަތްތައް ކުރުމަށް އެ ޖަމިއްޔާތަކުން ގޮވާލި އެވެ.

ޖަމްއިއްޔާތަކުން ވަނީ ސަރުކާރުގެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ފުރިހަމައަށް ރައްކާތެރިކޮށް، އެ ވަސީލަތްތަކުން ރައްޔިތުންނަށް ނަފާ ހޯދޭނެކަން ކަށަވަރުކުރެވޭނެ ގޮތަށް ކުރިއަށްގެންދާ މަޝްރޫއުތަކަކަށް ހެދުމަށް ގޮވާލައިފަ އެވެ. އަދި ކޮންމެ މަޝްރޫއަކީ ވެސް މޫސުމީ ކާރިސާތަކުން ރައްކާތެރިކަން ލިބޭނެ ގޮތަށް ހިންގާ މަޝްރޫއަކަށް ވާން ޖެހޭނެކަން ހަނދާންކޮށްދޭ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް (2)

އައްލާ

16 ފެބްރުއަރީ 2022
އައްޑޫ ތަރައްޤީ ވިޔަ ނިދޭޝިޔަ
1 0

މުޙައްމަދު

15 ފެބްރުއަރީ 2022
އައްޑޫ ތަރައްގީގެ ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ތި މާލޭ ޖަމްޢިއްޔާ ތަކުން ކުރާނެ. ތިޔަ ޖަމްޢިއްޔާ ތަކުން އައްޑު އަށް ކޮށްދީފައި ވާ ކަމެއް ނިކަން ބުނެ ދީބަލަ. ގަމާރުންނަކަށް ނޭގޭ ދޯ މިހާރު ހުރި ރިޒޯޓްތައް ވެސް ރަގަޅަށް ހިނގައިގަންނާނީ ރިޒޯޓްތައް ގިނަވެ، އިކޮނޮމިކް އެކަޓިވިޓީސް ތައް އިތުރުވެ އައްޑޫގެ ހުނަރުވެރި ރައްޔިތުން ތައް އިތުރަށް މާލެ ހިޖުރަކުރަން ނުޖެހޭ ގޮތްތައް ހަދައިގެންކަން. ހަސަދަވެރި ވިޔަސް ބޮޑު ވަރު. ބޭރު ފަރާތްތަކުން ލާރި ހޯދަން ހަދައިގެން އުޅޭ އަމިއްލަ އެދުމުން ފުރިފައިވާ ބޭކާރު ޖަމްޢިއްޔާ ތަކެއް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް