މަރިޔަމް މުހައްމަދު (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

މަރިޔަމް: އަމިއްލައަށް ހޯދި ކުރިއެރުން މިހާރު ދަސްކޮށްދެނީ

ވަޒީފާއެއް ނުލިބިގެން އަމިއްލަ ނަފްސު ހަރުދަނާކުރަން ފެށި މަސައްކަތާ އެކު މަރިޔަމް އަންނަނީ އަމިއްލަ ކޯޗިން ސްޓޫޑިއޯއެއް ހިންގަމުން
19 ޖެނުއަރީ 2023
1

މުހިންމު ނުކުތާތައް

މަރިޔަމް ކޮވިޑްގެ ހާލަތުގައި ހަދަން ފެށި ކޯސްތަކަށް ފަހު މިހާތަނަަށް ވަނީ 2،000 އެއްހާ މީހުންނަށް ކޯޗްކޮށްދީފައި

ވިސްނާ ގޮތް ބަދަލުކޮށް، ރަނގަޅު އާދަތަކުގައި ހިފައި ނުރަނގަޅު އާދަތަކާ ދުރުވާނެ ގޮތް އޭނާ ދަސްކޮށްދޭ

މަރިޔަމްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ކްލަޔަންޓުންނަށް ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުން އަރައިގަނެވޭކަން

ކާމިޔާބީ އަށް އެކި މީހުން ވާސިލްވަނީ އެކި ގޮތަށެވެ. ބައެއް މީހުން ކުރަން އުޅޭ ކަމެއް އެއް ގޮތަކުން ހާސިލްނުވިއްޔާ އެކަމެއް ކުރަން އެހެން މަގެއް ހޯދަ އެވެ. ދުލެއްނުކުރެ އެވެ. ޓްރާންސްފޮމޭޝަން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަރިޔަމް މުހައްމަދަކީ މީގެ މިސާލެކެވެ.

މެޕްސް ކޮލެޖުން 2019 ވަނަ އަހަރު ބިޒްނަސް ޑިގްރީ ނިންމާލައި މަސައްކަތުގެ މާހައުލަށް އަލުން އޭނާ ނުކުތީ ވަޒީފާއަކަށް ނުގޮސް އަށް އަހަރު ގޭގައި ހުރުމަށް ފަހު އެވެ. ވަޒީފާއެއް ހޯދުމަކީ އެހާ އުނދަގޫވާނެ ކަމެއް ކަމަކަށް އޭނާ އޭރަކު ނުދެކެ އެވެ. 

މަރިޔަމް ވަޒީފާއެއް ހޯދުމަށް ސިޓީ ލިޔެ، ސެޓްފިކެޓް ހަމަކޮށް، އެޕްލިކޭޝަން ފުރައި ފޮނުވީ ހެނދުނު 8  އިން ހަވީރު 4 އަށް މަސައްކަތް ކުރާ  ޑެސްކް ޖޮބެއް ހޯދުމަށެވެ. އެކަމަކު އޭނާގެ އަތުގައި ނަސީބެއް ނުހިފި އެވެ. ބާރަ ތަނަކަށް އެކިއެކި ވަޒީފާތަކަށް ކުރިމަތިލީ އިރު ވެސް އެއްވެސް ތަނަކުން، އޭނާއަށް ލިބިފައި ހުރި ހުނަރާއި ކުރިން ލިބިފައިވީ މަސައްކަތުގެ ތަޖުރިބާތައް ބަލައެއް ނުގަތެވެ. ވަޒީފާއެއް ނުދިނެވެ.

އެހާ ހިސާބުން މަރިޔަމް ހިތްވަރު އެލުވާލީއެއް ނޫނެވެ. ވަޒީފާއެއް ބޭނުން ނަމަ ތައުލީމީ ސެޓްފިކެޓްގެ އިތުރުުން މީހާގެ ކިބައިގައި 'ސޮފްޓް ސްކިލްސް' ހުރުމުގެ މުހިއްމުކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސާ މެދު އޮތް އިތުބާރާއި ޔަގީންކަން ވަރުގަދަ ކުރުމަށް ކޯޗެއްގެ އެހީތެރިކަން ހޯދަން އޭނާ ނިންމި އެވެ.

ދިރިއުޅުމުގައި އެއް ހަރުފަތުން އަނެއް ހަރުފަތް ގިރާކުރުމަށް (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

އަމިއްލަ ނަފްސު ތަރައްގީ ކުރުމަށް ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުން، ދުނިޔެއަށް މަޝްހޫރު ކެނެޑާގެ ކޯޗެއް ކަމުގައިވާ ބޮބް ޕްރޮކްޓާ އޮންލައިންކޮށް ހިލޭ ހިންގި ކޯހެއްގައި މަރިޔަމް ބައިވެރިވި އެވެ. އެއަށް ފަހު، މީހުން މޯޓިވޭޓް ކުރުމަށް އަދި ދިރިއުޅުމުގެ ކަންކަން ހަމައަކަށް އަޅުވައި އަމިއްލަ ތޮށިގަނޑުން ބޭރުވުމަށް ދަސްކޮށްދޭ ކޯޗެއް ކަމުގައިވާ ލީސާ ނިކޯލްސްގެ ކޯހެއް މަރިޔަމް ފުރިހަމަ ކުރި އެވެ. ވިސްނާ ގޮތް ބަދަލުކޮށްލާ މި ކޯހަކީ ވެސް އޮންލައިންކޮށް ހިލޭ ހުޅުވާލާފައި އޮތް ކޯހެެކެވެ.

އެ ތަމްރީންތަކުން އޭނާ އަށް ދަސްވީ އެއް ކަމެކެވެ: "އަމިއްލަ ކޮމްފޮޓް ޒޯނުން ބޭރުވާން،" މަރިޔަމް ބުންޏެވެ.

ކޯހުން ދަސްވި ހުނަރުތަކުން، އަމިއްލަ ނަފްސާ މެދު އޮތް ޔަގީންކަން އިތުރު ކޮށްދިނެވެ.

ދެން މަރިޔަމަށް ލިބުނީ ހީ ވެސް ނުކުރާ ކަހަލަ ފުރުސަތެކެވެ. މުޅި ދުނިޔެ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޮތް ދުވަސްވަރު، ގޭގައި ބަންދުވެގެން ތިބެންޖެހޭ ހާލަތަކަށް ދިޔުމާ އެކު، ތަފާތު ހުނަރު ދަސްކޮށްދިނުމަށް ވަރަށް ގިނަ ކޯސްތައް ޑިސްކައުންޓް އަގެއްގައި ދިޔައީ އިޝްތިހާރު ކުރަމުންނެވެ. މަރިޔަމްގެ ލޮލުގައި އަޅައިގަތީ މަޝްހޫރު 'ޗިކަން ސޫޕް ފޯ ދަ ސޯލް'ގެ ބާނީ އަދި ސަކްސެސް ކޯޗު ކޭންފީލްޑް ހިންގި 'ސަކްސެސް ޕްރިންސިޕަލް' ކޯހެވެ. މަރިޔަމް އެ ކޯސް ފުރިހަމަ ކުރީ މި ދާއިރާ އިން ތަމްރީންވުމުގެ ބޭނުމުގަ އެވެ. 

މަރިޔަމް: ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޮންލައިންކޮށް ހެދި ކޯހުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސް، އަމިއްލަ ކޯޗިން ސްޓޫޑިއޯއެއް އުފެއްދުމަށް މަގުފަހިވި

އެކަމުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އެކަމަކު އޭނާ ދޫކޮށެއް ނުލަ އެވެ. ކޯހުގެ އަގު ބޮޑުވުމާއި ބޭންކުގެ ދަތިތަކާ އެކު އެއްފަހަރާ ފައިސާ ދެއްކޭނެ މަގެއް ނެތެވެ. އެހެންކަމުން، ކޯސް ހިންގާ ފަރާތާ މަޝްވަރާކޮށް، ޕްލޭނެއްގެ ދަށުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިދޭން އެދުނެވެ. އެކަން އޭނާ އަށް ފަހިވި އެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު ގަޑީގެ ތަފާތު ބޮޑުކަމުން ކޯސް އޮންނަނީ ރޭގަނޑު ދަންވަރެވެ. ހޭލާ ހުރެ ހެނދުނު 7 ޖަހަންދެން އޭނާ އުޅުނީ ކޯހުގެ މަސައްކަތުގަ އެވެ. މަރިޔަމް ބުނިގޮތުގައި "ނިންޖާއި ވަގުތު ސެކްރިފައިސްކުރީ ސެލްފް ޑިވެލޮޕްމަންޓް"ގެ ބޭނުމުގަ އެވެ.

ނުނިދާ ހޭލާ ހުރެ ތަމްރީންވުން އޭނާ އަށް މުހިއްމުވި އެހެން އަޒުމެއް ވެސް ހިތުގައި އޮތެވެ.

ރާއްޖޭގައި އެގްޒެކެޓިވް ކޯޗިން އަދި އޮފީސްތަކުގެ މުވައްޒަފުންނާއި ވަކިވަކި މީހުންނަށް ތަމްރީން ދޭ ކުންފުނިތަކާއި މީހުން އެބަތިއްބެވެ. މި ދާއިރާ މަޑުމަޑުން ތަރައްގީވަމުން އަންނަ އިރު ޕަބްލިކް ސްޕީކާސް، މޯޓިވޭޝަނަލް ސްޕީކާސް އަދި ކޯޗުން އަންނަނީ އިތުރުވަމުންނެވެ. މަރިޔަމް މި މަސައްކަތް ކުރުމަށް ޝައުގުވެރިވި އެވެ. ނަމަވެސް އެހެން ބައެއްގެ ކިބައިން ފުރުސަތެއް ނުލިބުނެވެ.

"ހުރިހާ ތަނަކުން ރިޖެކްޓް ކުރީ. ދެން ހިތަށް އެރީ އެހެން ގޮތަކުންނޭ ކުރިއަށް ދާނީ. އަމިއްލަ ކަމަކުންނޭ އާމްދަނީ ހޯދާނީ ހިތަށް އެރީ،" މަރިޔަމް އޭރު އޭނާ ކަނޑައެޅި އަޒުމް ކިޔައިދިނެވެ.

'މަރިޔަމް މުހައްމަދު': މިހާރު ބްރޭންޑެއް

އަމިއްލަ ނަފްސަށް އައި ހެޔޮ ބަދަލާ އެކު މަރިޔަމަށް ވިސްނުނީ ބައެއްގެ ކައިރިއަށް ވަޒީފާއަށް ނުގޮސް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ކޯޗިން އަކީ ކުރެވިދާނެ މަސައްކަތެއް ކަމެވެ. އަދި މިކަމަށް އޭނާގެ ޝައުގުވެރިކަން އެބަހުރި ކަމެވެ. 

މަރިޔަމް އަންނަނީ އަމިއްލަ ބްރޭންޑް 'މަރިޔަމް މުހައްމަދު'ގެ ދަށުން ކޯޗިން ސެޝަންތައް ނަގައިދެމުން.

ޑިސެމްބަރު 2020 ގައި ކޯސް ނިންމާލައި ޓްރާންސްފޯމެޓިވް ކޯޗެއްގެ ގޮތުގައި މަރިޔަމް އޭނާގެ އަމިއްލަ ނަމުގައި އުފެއްދި 'މަރިޔަމް މުހައްމަދު' ބްރޭންޑްގެ ދަށުން ކޯޗިން މަސައްކަތް ފެށި އެވެ. އޮންލައިންކޮށް ފުރިހަމަކުރި ކޯސްތަކުން ލިބުނު އިލްމުގެ އަލީގައި މަރިޔަމް ވިސްނީ އޭނާއެކޭ އެއްގޮތަށް ދިރިއުޅުމުގައި އެއް ހަރުފަތުން އަނެއް ހަރުފަތަށް ގޮސް ކުރިއަރައިގެން ދާން ބޭނުންވެފައި، އެކަމަކު މަޑުޖެހިފައިވާ ބަޔަކު ތިބެދާނެ ކަމެވެ.

"ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާން ކޯޗެއް ބޭނުންވޭ،" މި ދާއިރާއިން ކުރިއަށް ދިއުމާއި އަމިއްލަ ބްރޭންޑް އުފެއްދުމަށް ހިތްޖެހުނު ގޮތް ކިޔައިދެމުން މަރިޔަމް ބުންޏެވެ.  

މަރިޔަމް މުހައްމަދު 'ދައުރު' އަށް ދިން އިންޓަވިއުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މަރިޔަމް ބުނިގޮތުގައި ކޯޗިންގެ ހިދުމަތް ހޯދުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ އަމިއްލަ ނަފްސަށް ލޯތްބާއި އިތުބާރު ދޭން އެނގުމެވެ. އަދި ތިމާއަކީ ކާކުކަން ދެނެގަނެވުމެވެ. ކޯޗިންގެ އުކުޅުތައް ބޭނުންކޮށްގެން މީހުންގެ ކުރިއެރުމަށް އެހީތެރިވެދެވޭނެކަން އޭނާ ފާހަގަކުރި އެވެ.

'މަރިޔަމް މުހައްމަދު' ބްރޭންޑުގެ ދަށުން ޖުލައި 2021 އޭނާ މަސައްކަތް ފެށީ މީހުންނަަށް އުފާވެރި، އޮމާން ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށެވެ. އޭގެ ފަހުން 2022 ގައި ކޯޗިން ސްޓޫޑިއޯއެއް ހަދައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްއިއްޔާތަކަށް އޭނާ އަންނަނީ ތަމްރީން ދެމުންނެވެ. ވަކިވަކި ފަރުދުންނަށް، ގުރޫޕްތަކަށް، އަދި ކުންފުނިތަކާ ގުޅިގެން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޭނާ އެކި ޕްރޮގްރާމްތައް ހިންގަ އެވެ. 'ސަކްސެސް ކޯޗެއް'ގެ ގޮތުން މީހުންނަށް އޭނާ ދަސްކޮށްދެނީ އެމީހުން ވިސްނާ ގޮތް ބަދަލުކޮށް، ކަންކަމާ ކުރިމަތިލުމަށެވެ.

މިހާތަނަށް 17 ޓްރެއިނިން ސެޝަން އަދި 13 ގުރޫޕް ކޯޗިން ސެޝަން އޭނާ ވަނީ ނަގައިދީފަ އެވެ. އެއް އަހަރު ތެރޭ ވަކިވަކި 400 ކްލަޔަންޓުންނަށް އޭނާ ކޯޗް ކޮށްދީފައިވެ އެވެ. ކާމިޔާބުކަމާ އެކު މިހާތަނަށް އޭނާ 2،000 އެއްހާ މީހުންނަށް އެކި ސެޝަންތައް ނަގައިދީފި އެވެ. 

މަރިޔަމް (ކ) ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ބައިވެރިވަނީ

އޭނާ ދަސްކޮށްދޭ އުކުޅުތަކުން އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަކީ މަރިޔަމްގެ އުއްމީދެވެ.

"ޓްރާންސްފޯމެޓިވް ކޯޗެއްގެ ގޮތުން މަސައްކަތް ކުރަނީ އިމޯޝަނަލީ މީހުންނާ ކަނެކްޓްވެގެން އެމީހުން ވިސްނާ ގޮތް ބަދަލު ކުރަން. މިސާލަކަށް ކޮންމެ މީހެއްގެ ވެސް ހުރޭ ވިސްނާ ވަކި ގޮތެއް، ހެބިޗުއަލް ތިންކިން ޕެޓާންތަކެއް. އެ ކަންކަން ބަދަލުކޮށް، މީހާ އެންމެ ޕްރޮޑަކްޓިވް ގޮތަކަށް ބަދަލުކޮށްލުން އަމާޒަކީ،" މަރިޔަމް ބުންޏެވެ.

ކުރަނީ އަމިއްލަ ނަފްސާ ގުޅޭ ބޮޑު މަސައްކަތެއް

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އީއެމްސީ އިން މިދިޔަ އަހަރު ބޭއްވި އިވެންޓެއްގައި މަރިޔަމް (ކ) ބައިވެރިވަނީ

އެންޒައިޓީ އާއި ސްޓްރެސް އިން އަރައިގަތުމާއި ކަންކަމާ މެދު މާ ބޮޑަށް ވިސްނުމުން ދުރުވެ، ވަގުތު ރަނގަޅަށް މެނޭޖް ކުރުން އަދި ކުރަން ޖެހޭ ކަންކަން އެންމެ ފަހު ވަގުތާ ޖެހެންދެން ލަސްކުރުމާ ދުރުވުން ކަހަލަ ކަންކަމަކީ ވަޒީފާގެ މާހައުލުގައި ބޭނުން ކުރެވޭނެ މުހިއްމު ހުނަރުތަކެވެ. މިކަމުގެ ސަބަބުން މުވައްޒަފަށާއި ވަޒީފާދޭ ފަރާތަށް ވެސް ފައިދާ ކުރާނެ އެވެ.

މީގެ އިތުުރުން، އަމިއްލަ ނަފްސަށް ހެޔޮކޮށް ހިތުމަށާއި މީހާގެ ގޯސް އާދަތައް ދޫކޮށްލުމަށް، ވިސްނުން ބަދަލުކުރާނެ ގޮތްތަކެއް ކޯޗެއްގެ އެހީގައި ދަސްކުރެވިދާނެ އެވެ. މިއީ އަމިއްލަ ނަފްސާ މެދު ވަރަށް ފުންކޮށް ވިސްނައި ކުރަންޖެހޭ ބޮޑު މަސައްކަތެކެވެ.

މާޒީގައި ލިބިފައިވާ އަަނިޔާގެ އަސަރުތަކުން އަރައިގަންނާނެ ގޮތްތައް ވެސް ދަސްކުރެވިދާނެ އެވެ.

މަރިޔަމް ހިންގި ކާމިޔާބު އެއް ޕްރޮގްރާމަކީ މާފުކުރުމުގެ މުހިއްމުކަން ދަސްކޮށްދޭ ސެޝަނެކެވެ.

އޭނާ ބުނިގޮތުގައި، ކުޑައިރުއްސުރެ ދިމާވެފައި ހުންނަ މައްސަލަތައް ހައްލުނުވެ ހުރެ އެ މައްސަލަތަކުން އަރައިގަންނަން ނޭނގޭ ނަމަ އުދާސް ބޮޑުވެ އެވެ. 

"އަހަރެމެންގެ ސިކުނޑި ހުންނަނީ އެއްގޮތަކަށް ކޮންޑިޝަން ކުރެވިފައި. ދިމާވާ ކަމަކުން އެ ފާރުގަނޑު އަނެއްކާވެސް ހަލާކުވޭ. އެކަމާ ޑީލް ނުކުރާހާ ހިނދަކު ދުވަހަކު ވެސް އެއްކޮށް ރަނގަޅެއް ނުކުރެވޭ،" އޭނާ ބުންޏެވެ. ދިރިއުޅުމުގައި ދެން ހިތާމައެއް ދިމާވެ އަޑިގަނޑަކަށް ވެއްޓޭއިރު ވެއްޓެނީ މާ ފުނަށެވެ.

މަރިޔަމް ބުނިގޮތުގައި  އޭނާ ހިންގި ސެޝަނަކުން ފާހަގަވީ، ވަރަށް ގިނަ މީހުންނަށް ވަޒަންނުކުރެވޭ އެއް ކަމަކީ، އަމިއްލަ ނަފްސަށް މާފުކުރަންޖެހޭ ކަމެވެ. ދިމާވާ ކަންކަމުގައި ވަރަށް ގިނަ ފަހަރު އަމިއްލަ ނަފްސު ކުށްވެރިކޮށްލެވެ އެވެ. ދުޅަހެޔޮ ނަފްސާނީ ހާލަތެއްގައި ހުރުމަށް، އަމިއްލަ ނަފްސަށް އަޅާލުން ބޭނުންވެ އެވެ. އަދި އަމިއްލަ ނަފްސަށް މާފުކޮށްގެން ނޫނީ ކުރިއަކަށް ނުދެވެ އެވެ.

މަރިޔަމް ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގެނެސްދޭ ކޮންޓެންޓްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ. އޭނާގެ ޕޯސްޓްތަކުން ހަނދާންކޮށްދެނީ ރަނގަޅު އާދަތަކެއް އަށަގަންނުވާނެ ގޮތްތަކާއި ނުރަނގަޅު އާދަތައް ދޫކޮށްލައި ދިރިއުޅުން ބާއްޖަވެރި ކުރާނެ ގޮތެވެ.

ހިތްހަމަޖެހުމަކީ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލު

މަރިޔަމް ބުނި ގޮތުގައި މި މަސައްކަތުން އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އޭނާގެ ކްލަޔަންޓުންނަށް އަންނަ ބަދަލެވެ. އެމީހުންގެ ދިރިއުޅުން އުޖާލާވެގެން ނުވަތަ ހާލަތު ބަދަލުވެގެން ދިއުމަކީ އޭނާއަށް ލިބޭ އުފަލެވެ.

އޭނާ ގާތަށް ބައެއް މީހުންދާ އިރު، ސްޓްރެސް އާއި އެންޒައިޓީ މަތިވުމުގެ ސަަބަބުން، ގެއިން ބޭރަށް ނުކުންނަން ނުކެރޭކަން ވެސް މަރިޔަމް ފާހަގަކުރި އެވެ. 

"އެމީހުންގެ ޕްރޮގްރެސް ފެނި، އުނދަގޫ ހާލަތުން އަރައިގަތުން އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން،" މަރިޔަމް ބުންޏެވެ.

ކޯޗެއްގެ އެހީތެރިކަން ހޯދަނީ ނަފްސާނީ ފަރުވާގެ ބަދަލުގައެއް ނޫނެވެ. ކޯޗުން އެހީތެރިވަނީ ނަފްސާނީ ކަންކަމަށް ލުއި ހޯދަން އަމިއްލަ ނަފްސު މެނޭޖް ކުރާނެ އުކުޅުތައް ދަސްކުރުމަށެވެ.

މަރިޔަަމް ބުނި ގޮތުގައި މިހާތަނަށް އޭނާ ނަގައިދިން ހުރިހާ ސެޝަނެއްގައި ވެސް ކްލަޔަންޓުން ތިބީ ސެޝަނާ މެދު ހިތްހަމަޖެހިގެންނެވެ. މަރިޔަމްގެ ކޯޗިން ސްޓޫޑިއޯގެ ފަރާތުން ނަގައިދިން ފުރަތަމަ ސެޝަންގައި ބައެއް ބައިވެރިންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ، އެ މީހުންގެ ޖަޒްބާތުތަކަށް އަސަރު ފޯރާ ވަރަށް އެމީހުންނާ ގާތްކަން އުފެއްދި އެވެ. އޭނާގެ މެސެޖު ސާފުކޮށް އެމީހުންނަށް ލިބުނެވެ. ހިތްވަރާއި މަސައްކަތުން، އަމިއްލަ ނަފްސު ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން ލިބުނެވެ.

މަރިޔަމް (މ) އޭނާގެ ސެޝަނަކަށް ފަހު ބައިވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން 

މަރިޔަމް ބުނިގޮތުގައި އަމިއްލަ ނަފްސުގެ ކުރިއެރުމަށް ބޭނުންވާ އާދަތައް އަށަގަތުމަށް ބޭނުންވަނީ އެންމެ 21 ދުވަހެވެ. އެއީ ގަޑިއަށް ފަރުވާ ބެހެއްޓުން، ކަސްރަތު ކުރަން ފެށުން، ދުވަހުގެ ކަންކަން ވަކި އިންތިޒާމެއްގެ ތެރެއިން ގެންދިޔުން އަދި މަސައްކަތް ފަހަށް ބެހެއްޓުން ހުއްޓާލުން ފަދަ ކަންކަމެވެ.

"މީހަކު ބަދަލުވާން ބޭނުންވަނީ އެންމެ 21 ދުވަސް. އެއީ ޕްރޫވަން ކަމެއް. އެކާވީސް ދުވަހު ހިފަހައްޓާލައިފިއްޔާ މީހާގެ ސިކުނޑި އަށް ބަދަލެއް އަންނާނެ. ކުރަން ފަށާ ކަމެއް ކުރުން، ނުވަތަ ކުރުން ހުއްޓާލަން ބޭނުންވާ ކަމެއް ނުކޮށް ދޫކޮށްލުމުގެ އާދަ އަށަގަނުވޭނެ،" މަރިޔަމް އޭނާގެ ކޯޗިން ތަޖުރިބާގެ އަލީގައި ބުންޏެވެ.

ކުރާ އުއްމީދުތައް ބޮޑު

މަރިޔަމް މި ދާއިރާއިން ދެކޭ ހުވަފެން އަދި ކުރާ އުއްމީދު ބޮޑު

މީހުން ބިނާކޮށް ބާރުވެރި ކުރުމަށް ކޯޗިން އާއި މޯޓިވޭޝަނަލް ސްޕީކަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުން ދުނިޔޭގައި ގިނަ އެވެ. ރާއްޖޭގައި އަދި މިއީ ކުރިއަރަމުން އަންނަ ދާއިރާ އެކެވެ. އަމުދުން އަންހެނުން މަދު މި ދާއިރާގައި ވެސް، އަންހެނަކަށްވީތީ ކުރިމަތިވާ ނޭދެވޭ ބައެއް ކަންކަން ހުރިކަން މަރިޔަމް ފާހަގަކުރި އެވެ.

"ސެޝަންތަކެއް ކުރިއަށް ގެންދިޔަ އިރު، އެހެން ސްޕީކަރުން ވެސް ވާހަކަ ދެއްކީ އިނގިރޭސި ބަހުން، އެކަމަކު އަޅުގަނޑުގެ ސެޝަން ނިންމާލީމަ، ކީއްވެތޯ ދިވެހިން ވާހަކަ ނުދެއްކީ ކިޔައި ސުވާލު ކުރި. އޭގެ އިތުރުން ވެސް، ފިރިހެން ސްޕީކަރުންނަށް އަމާޒުނުވާ ޒާތުގެ ތަފާތު ސުވާލުތައް އައި. ސެޝަންގައި ބައިވެރިވި ބައެއް އަންހެނުން ބުނި 'އަސްލު، އެ ވަރު ކުރީ އަންހެނެއް އައިމަ'އޭ. އެހެންވީމަ ކޮންމެވެސް ވަރަކަށް އޮވޭ ކަންނޭނގެ އަންހެނުންނަށް މި ދާއިރާއިން ވެސް ތަފާތު ގޮންޖެހުމެއް،" މަރިޔަމް ބުންޏެވެ.

މަރިޔަމް މުހައްމަދު 'ދައުރު' އަށް ދިން އިންޓަވިއުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އޮންލައިންކޮށް ހެދި ކޯސްތަކާ އެކު މަރިޔަމްގެ އަމިއްލަ ބްރޭންޑްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދިވެސް އޭނާ ހުރީ މި ދާއިރާއިން އިތުރު ކޯސްތައް ފުރިހަމަ ކުރުމަށް ފެންބޮވައިގެންފަ އެވެ. އޮންލައިންކޮށް ހަވާޑް ޔުނިވާސިޓީ އަދި ކޯސިއާއިން ސައިކޮލޮޖީ ކޯސްތައް ހަދަމުން، އޭނާގެ ސީވީއަށް ސެޓްފިކެޓް އިތުރު ކުރުމުގެ މަސައްކަތް މަރިޔަމް އަންނަނީ ކުރަމުންނެވެ. 

އެއާ އެކު، ހަރުދަނާ، އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް އޭނާ އެތައް ބަޔަކަށް އެބަ ދަސްކޮށްދެ އެވެ. 

މަރިޔަމްގެ މަސައްކަތުގައި ދެން އެންމެ އަވަހަށް އޮތީ 'ހީލިން ފްރޮމް ހާޓްބްރޭކް' ކިޔާ ޒޫމް ސެޝަނެކެވެ. މަރިޔަމް ބުނީ ހިތްހަލާކުވުމަށް ފަހު އެކަމުން އަރައިނުގަނެވިގެން އުޅެން ޖެހެނީ، ވިސްނުން ބައްޓަންވެފައިވާ ގޮތުން ކަމަށެވެ.

މުސްތަގުބަލުގައި މަރިޔަމްގެ އަމާޒަކީ ވެލްނެސް ރީޓްރީޓެއް މެދުވެރިކޮށް ހިދުމަތް ދިނުމެވެ.

"ކޮންސެޕްޓަކީ ދުވަހުގެ ބިޒީކަމާ ވަކިން، އެހެން މާހައުލެއްގައި، ވެލްނެސް ރީޓްރީޓެއްގައި ސެޝަންތަކެއް ނެގުން. އަމިއްލަ ނަފްސު ތަރައްގީ ކުރުމަށް ވަގުތު ނަގައިގެން 21 ދުވަސް ހޭދަކޮށްލެވޭނެ ގޮތަށް، ކްލަޔަންޓުންނަށް ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަހަލަ ރީޓްރީޓެއް ބޭއްވުން،" އޭނާ ބުންޏެވެ.

ކޮމެންޓް (1)

ޓޮމީގެ ފްރެންޑް

20 ޖެނުއަރީ 2023
މަރީ ގަދަ އިނގޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް