މި އަލިފާންގަނޑު ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވޭ. (ފޮޓޯ/ އޭއެންއައި)

އިންޑިއާ

ދިއްލީގެ އޮފީހެއްގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

މި ހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި

އިންޑިއާގެ ވެރިރަށް ދިއްލީގައި ހަތަރު ބުރިއަށް ހަދާފައި ހުރި އޮފީސް އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި މަދުވެގެން 27 މީހަކު މަރުވެ، 12 މީހަކަށް އަނިޔާވެފައިވާ ކަމަށް ދިއްލީގެ އިމަޖެންސީ ހިދުމަތްތަކުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު އެ އޮފީހުގައި ތިބި 70އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރުމަށް ފުލުހުން ވަނީ ކުޑަދޮރުތައް ހަލާކުކޮށްލައި ވާޖަހައިގެން މީހުން ނެރެފަ އެވެ.

ދިއްލީގެ ހުޅަނގަށް އޮންނަ މުންޑްކާ މެޓްރޯ ސްޓޭޝަން ކައިރީ ހުންނަ މި އޮފީސް އިމާރާތުގައި ރޯވި އަލިފާންގަނޑު މައިތިރިކުރުމަށް 20 އަލިފާން ނިއްވާ ލޮރީ ވަނީ ބޭނުންކޮށްފަ އެވެ.

މި އަލިފާންގަނޑު ރޯވުމަށް މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވިފައި ވާއިރު، މި ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ހާދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ކޮންމެ އާއިލާއަކަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން 2،580 ޑޮލަރު ދެއްވާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

(ވީޑިއޯ/ ހިންދުސްތާން ޓައިމްސް)

އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމާ އެކު ދިރިހުރި މީހަކު ފެނޭތޯ މަސައްކަތް ވަނީ ފަށާފަ އެވެ.

"ސަރަހައްދު ބޮޑުކަމުން ވަގުތު ނަގާނެ މިކަމަށް،" ޑެޕިއުޓީ ޗީފް ފަޔާ އޮފިސަރު ސުނިލް ޗައުދަރީ އާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ.

މިވަގުތަށް ބެލި ބެލުމުން މި ހާދިސާ ހިނގާފައި ވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށާއި، އަލިފާނުގެ ސަލާމަތީ ސެޓްފިކެޓްތައް މި އިމާރާތްތަކަށް ހައްދާފައި ނެތް ކަމަށް ސަރަހައްދީ އޮފިޝަލު ޖޯގީ ރާމް ޖައިން ވިދާޅުވި އެވެ.

"ތަހުގީގެއް ފަށައިފިން. މުނިސިޕަލިޓީގެ އެއްވެސް އޮފިޝަލެއްގެ ކުށެއް ވާނަމަ، ހަރުކަށި ފިޔަވަޅު އަޅާނަން،" ޖައިން ވިދާޅުވެފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް