ރައީސް ހަފުލާއެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
ވިކްޓްރީއަށް ފަހު ރައީސްގެ އެހީ ނިއުއަށް: ވިދާޅުވީ ބޮޑު ކްލަބްތައް އޮންނަން ޖެހޭ ކަމަށް
އެމަނިކުފާނާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އެކަމަކު މިވަގުތު ސަސްޕެންޝަނުގައި އޮތް ވިކްޓްރީ އަލުން ހަރަކާތްތެރިކުރަން އެހީތެރިވެވަޑައިގަތުމަށް ފަހު، މިވަގުތު ސަސްޕެންޝަނުގައި އޮތް އެހެން ކްލަބެއް ކަމަށްވާ ނިއު ރޭޑިއަންޓް ވެސް އަލުން ހަރަކާތްތެރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވައިފި އެވެ.
ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެފްއޭއެމުން އަދި ފަހުން ފީފާ އިން ސަސްޕެންޑްކޮށްފައިވާ ނިއުގެ ދަރަނިތައް ދައްކައި އަލުން ފުޓްބޯޅައިގައި ވާދަކުރެވޭނެ މަގުކޮށުމުގެ ގޮތުން ރޭ އެ ކްލަބުގެ މުއައްސިސުން ވަނީ އިންތިހާބު ބާއްވައި އާ އެގްޒެކެޓިވް ކޮމިޓީއަކާ ކްލަބް ހަވާލުކޮށްފަ އެވެ.
ނިއުގެ ޗެއާމަނަކަށް އިންތިހާބުވި އަހުމަދު ވާސިފް ވިދާޅުވީ އެ ކްލަބް އަލުން އަނބުރާ ގެނައުމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ ރައީސް ސޯލިހު ކަމަށާއި މި މަސައްކަތް ވިލަރެސްކުރުމަށް އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އައްޔަންކޮށްފައިވާ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު ސަމީރުގެ އިރުޝާދާ އެކު އެ މަސައްކަތް ދަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން،" ވާސިފް 'ދައުރު' އަށް ވިދާޅުވި އެވެ.
ނިއުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވި މެމްބަރުން ވަނީ ދާދި ފަހުން އެ ކްލަބުގެ ސަޕޯޓަރުންގެ ހައިސިއްޔަތުން ރައީސްގެ އެހީ އަށް އެދިފަ އެވެ. އެއާ އެކު އެ މެމްބަރުންނާ މުލިއާގޭގައި ރައީސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު 'ދައުރު' އަށް ބުނި ގޮތުގައި ރައީސްގެ ވިސްނުންފުޅަކީ ދިވެހި ފުޓްބޯޅަ ކުރިއަރަން އޮތީ ޒަމާންވީ ކްލަބްތައް ދެމި އޮވެގެން ކަމެވެ.
"ރައީސް ވިދާޅުވި ނިއު ފުޓްބޯޅަ ކުޅެން ޖެހޭނެޔޭ. ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދާނީ ނިއު އާއި ވިކްޓްރީ އާއި ވެލެންސިއާ ވެސް އޮވެގެންނޭ،" އޭނާ ބުންޏެވެ.
ނިއު އަށް ދިމާލަކަށް ގުޑިލެވެން އޮތީ ފަސް މިލިއަން ރުފިޔާ އަށް އަރާފައިވާ ދަރަނިތައް ދައްކައިގެންނެވެ. ރައީސް އެހީތެރިވެދެއްވަނީ އެ ފައިސާ ރެއިޒްކޮށްދެއްވުމަށްތޯ ނުވަތަ ކްލަބުން ފައިސާ ހޯދަން ކުރާ މަސައްކަތަށް ރަމްޒީގޮތުންތޯ އެހުމުން ވާސިފް ވިދާޅުވީ އިތުރު ތަފްސީލް ފަހުން ދޭނެ ކަމަށެވެ.
"ރައީސް ވިދާޅުވީ ތިމަންނާ މިހިރީ ނިއުގެ ސަޕޯޓަރުންގެ ފަހަތުގައޭ. އެ މެސެޖް ސަޕޯޓަރުންނަށް ރައްދުކޮށްދޭން އެދިވަޑައިގެންނެވި،" ވާސިފް ވިދާޅުވި އެވެ.
ނިއުއާ ހިލާފަށް، ރައީސް އެހީތެރިކަން ފޯރުކޮށްދެއްވި އަނެއް ކްލަބް، ވިކްޓްރީ އަކީ އެމަނިކުފާނު ތާއީދުކުރައްވާ ކްލަބެވެ. ރައީސް ވަނީ އެ ކްލަބުގެ ކްރިކެޓް ޓީމަށް ކުޅުއްވައިފަ އެވެ. އަދި އެ ކްލަބުގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ކުރިން އުޅުއްވި އެވެ.
ވިކްޓްރީގެ ރައީސަކަށް އިންތިހާބުވީ، ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގެ ޗީފް އޮފް ސްޓާމް ހުސެއިން އާދަމް އެވެ. އޭނާ އަކީ ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. ވިކްޓްރީގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވި މެމްބަރުންގެ ތެރޭގައި ރައީސްގެ ކޮއްކޯފުޅެއް ކަމަށްވާ، ހުޅުމާލެ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަލީ ނިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.
އާ ކޮމިޓީން މިހާރު ވަނީ ވިކްޓްރީގެ ދަރަނި ދައްކާނެ ފައިސާ ހަމަކޮށް އެފްއޭއެމްއާ ހަވާލުކޮށްފަ އެވެ. އަދި ކްލަބް އޮތީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްފައި ކަމުން، އެ މުބާރާތުގައި ވާދަކުރަން ސްކޮޑެއް އެކުލަވާލައި ކޯޗުން ވަނީ ހަމަޖައްސައިފަ އެވެ.
ނިއުއާ ބަލާއިރު ވިކްޓްރީގެ ދަރަނިތައް ކުޑަ އެވެ. އެ ކްލަބުގެ ދަރަނިތައް އަރަނީ 8 ލައްކަ ރުފިޔާ އަށެވެ.
ވިކްޓްރީ އާއި ނިއު އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބެވެ.
ވިކްޓްރީއަކީ އެ ކްލަބް 1972 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެއީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކުކުރި ހަމައެކަނި ޓީމެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ.
1979 ވަނަ އަހަރު އުފެދުނު ނިއު ވަނީ އެފްއޭ ކަޕް ދެ ފަހަރު އަދި ގައުމީ މުބާރާތް އެއް ފަހަރު މިލްކުކޮށްފަ އެވެ. އަދި އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި އެއް ފަހަރު އަދި ކުއާޓާ ފައިނަލުގައި އެއް ފަހަރު ވާދަކުރި އެވެ. މީގެ އިތުރުން 1987 ވަނަ އަހަރުގެ ސާފް ގޭމްސްގައި ގައުމީ ޓީމު ތަމްސީލްކުރި އެވެ.
އެ ދެ ޓީމާ އެކު 1980ގެ އަހަރުތަކުން ފެށިގެން ދިވެހި ފުޓްބޯޅަ ޑޮމިނޭޓްކުރި ވެލެންސިއާ ހަރަކާތްތެރިކޮށް އޮތް ނަމަވެސް މާލީ މައްސަލަތައް ވަނީ ދިމާވެފަ އެވެ. އެގޮތުން ފައިސާ ނެތިގެން އެ ޓީމުން ވަނީ މި އަހަރުގެ އޭއެފްސީ ކަޕް ވެސް ނުކުޅެ ދޫކޮށްލައިފަ އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (1)
އަހަރެން