ބާ ކައުންސިލުގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި އެ ކައުންސިލުގެ ރައީސް މައުމޫން ހަމީދު (ފޮޓޯ/ ބާ ކައުންސިލް)

ބާ ކައުންސިލް

ބާ ކައުންސިލަށް ގޯސް ހެދުނުކަން ގަބޫލުކޮށް އިމްތިހާން ފަސްކޮށްފި

ކައުންސިލްގެ ނިންމުން ބަދަލުކުރުމުން ދެން ބާ އިމްތިހާން އޮންނާނީ ނޮވެމްބަރު 19 ގައި

ބާ އިމްތިހާން އޮންނަ ތާރީހު އިއުލާނުކުރީ ގޯސްކޮށްކަން އެންމެ ފަހުން ގަބޫލުކޮށް، އަންނަ ނޮވެމްބަރު މަހަށް އިމްތިހާން ފަސްކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބާ އިމްތިހާން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކުރުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، އިމްތިހާން ފަސްކޮށްދިނުމަށް އެ އިމްތިހާން ހަދަންޖެހޭ މީހުން އައީ އެދެމުންނެވެ. ނަމަވެސް އާދީއްތަ ދުވަހު ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އިމްތިހާން ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ތަފްސީލް - އެ ނިންމުން ބަދަލުކޮށް، ބާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ބާ އިމްތިހާން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - ބާ ކައުންސިލްގެ ބަޔާނުގައި ވަނީ އިމްތިހާން ތާވަލުކުރުމުގައި ގޯސް ހެދިފައިވާ ކަމަށް އެންމެ ފަހުން އެއްބަސްވެފަ އެވެ.

ގަވައިދު ބުނާގޮތުން، ބާ އިމްތިހާނު ބާއްވާ ތާރީހުގެ 90 ދުވަސް ކުރިން ތާރީހު އިއުލާނުކުރަން ޖެހޭނެ އެވެ. އަދި އެ މުއްދަތު ގުނަންވާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް ގަވައިދު ބުނެ އެވެ.

ބާ ކައުންސިލުން އިމްތިހާނު ބާއްވާ ތާރީހު އިއުލާނުކުރީ 24 މާޗު 2022 ގަ އެވެ. ނަމަވެސް އެއީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

އެކަން ފާހަގަކޮށް ބާ ކައުންސިލުން ވަނީ ސިވިލް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

"އެހެންކަމުން ގަވައިދުގައި ބަޔާންކޮށްގައިވާ ގޮތަށް، އިމްތިހާނުގެ ތާރީހަށް 90 ދުވަސް ހަމަވެފައިނުވާކަން ބާ ކައުންސިލުގެ ސަމާލަމަށް ވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އައިސްފަ އެވެ،" އެ ސިޓީގައި ބުންޏެވެ.

އެހެންކަމުން، ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ބާ އިމްތިހާނާ ގުޅޭ މައްސަލައިގެ ޝަރީއަތުގައި ބާ ކައުންސިލުން ދެއްކި ވާހަކަތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެކަމަށް ބާ ކައުންސިލުން ވަނީ މައާފަށް އެދިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި އިމްތިހާނަށް ރަޖިސްޓްރީވި ދަރިވަރުން ނޮވެމްބަރުގެ އިމްތިހާނަށް އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެ ކަމަށް ބާ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ. އޭގެ ތެރޭގައި، އިމްތިހާނުގައި ބައިވެރިނުވުމަށް ނިންމައި، ރަޖިސްޓްރޭޝަން އަނބުރާ ގެންދިޔަ ދަރިވަރުން ވެސް ހިމެނޭނެ އެވެ.

ހަމައެއާއެކު، މި މަހު އިމްތިހާނު ހަދަން ރަޖިސްޓްރީ ނުވާ ދަރިވަރުންނަށް ނޮވެމްބަރުގެ އިމްތިހާނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިތުރަށް ކިޔާލަން -

އިމްތިހާނާ ގުޅިގެން ބާ ކައުންސިލުން އިއްޔެ އާއި މިއަދު ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ރޭވި އެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ދެ ފަހަރު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް