ވިލިމާލޭ މަގެއްގެ މަތީގައި ބަގީއެއް ދުއްވާފައި ދަނީ: ބަގީގެ ހިދުމަތް ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބައެއް މީހުން ބުނޭ (ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް)

ވިލިމާލެ

ވިލިމާލޭ ބަގީ އެއްބަސްވުމުގެ މައްސަލައިގައި ނެރުނު އަމުރު ހައި ކޯޓުން ބާތިލުކޮށްފި

ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ނިންމީ ސިޓީ ކައުންސިލުގެ ބަހެއް ނުހޯދައި 'ނައިންޓީ 9'އަށް ގެއްލުން ބޮޑު ކަމަށް ނިންމީ ގޯސްކޮށް
26 ޖެނުއަރީ 2023

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭތީ، 'ނައިންޓީ 9 ހޯލްޑިންސް' ކުންފުންޏަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހުސްކުރަން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުންކުރަނީ ބަގީ އެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ފޯރުކޮށްދިނުމަށް:

  • ސިޓީ ކައުންސިލުން 17 ޑިސެމްބަރު 2013ގައި އަމިއްލަ ފަރާތަކާ ހަވާލުކުރި

  • އެ ފަރާތުން އެ މަސައްކަތް 16 ޖެނުއަރީ 2014ގައި ހަވާލުކުރީ'ނައިންޓީ ނައިން ހޯލްޑިންސް'

  • ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލުކުރީ، ބަގީ ހިދުމަތް ނުލިބޭތީ ރައްޔިތުން ކުރި ޝަކުވާތަކާ ގުޅިގެން ބަގީ ހިދުމަތް ފަށަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު

ވީ ކިހިނެއް؟ - އެއްބަސްވުން ބާތިލުކުރުމުން 'ނައިންޓީ 9' އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ދަށު ކޯޓުން ނެރުނު އަމުރުގައި ބުނީ، ކޯޓުން މައްސަލަ ބަލައި ނިމެންދެން އެ ކުންފުންޏަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންވެ، ބިންތައް ހުސްކުރަން ސިޓީ ކައުންސިލުން ފޮނުވި ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެެއް ނޭޅުމަށް އަމުރުކުރި އެވެ.

ތަފްސީލް -  މާލެ ސިޓީ ކައުންސިލުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކުރި އެއް ކަމަކީ، ވަގުތީ އަމުރު ނެރެނުދީފި ނަމަ، ކައުންސިލަށް ވުރެ ބޮޑު ގެއްލުމެއް ނައިންޓީ 9 އަށް ބޮޑުކަމަށް ގާޒީއަށް ބުރަވެވޭތީ އެވެ. ހައި ކޯޓުގައި، އަމަރު ބާތިލުކުރަން ޖެހޭ ސަބަބެއް ކަމުގައި، ކައުންސިލުން ފާހަގަކުރީ މި ދެ ނުކުތާ އެވެ. ކައުންސިލުން ބުނި ގޮތުގައި:

  • ވަގުތީ އަމުރުގެ އުސޫލު މި މައްސަލައިގައި ބޭނުންކުރީ ގޯސްކޮށް

  • ކައުންސިލުގެ ބަހެއް ނުހޯދައި 'ނައިންޓީ 9'އަށް ގެއްލުން ބޮޑު ކަމަށް ކަނޑައެޅީ ގާނޫނީ ހަމައާ ހިލާފަށް

ފަނޑިޔާރުންގެ ބަސް - މި މައްސަލަ ހައި ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ކައުންސިލުން ފާހަގަކުރި ނުކުތާތަކަށް ތާއީދުކުރައްވާފަ އެވެ. އެގޮތުން، ބެންޗުން އިއްތިފާގުވީ ފަނޑިޔާރު މުހައްމަދު ސަލީމްގެ ރައުޔުގައި ބަޔާންކުރެއްވި ގޮތުގައި: 

  • 'ނައިންޓީ 9' އިން އެދިފައިވާ ވަގުތީ އަމުރުގެ ސަބަބުން އަސްލު މައްސަލައިގެ ހުކުމަށް އަސަރުކުރާނެ ކަމެއް ނެތް

  • މައްސަލައިގައި ދެ ފަރާތަށް ލިބޭ ގެއްލުން އަޅައި ކިޔައިގެން މެނުވީ ގެއްލުމުގެ ކުޑަ ބޮޑުމިން ވަޒަންނުކުރެވޭނެ ކަމަށް

"ހަމައެކަނި އަމުރަށް އެދުނު ފަރާތުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ބަދަލުގައި، އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތާއި ހައްގުތަކަށްވެސް ޝަރީއަތުން ނަޒަރުކޮށް، ދެފަރާތުގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތެއްގެ މަތިން، ވަގުތީ އަމުރު ނެރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަރީއަތުން ދެކެ އެވެ،" ފަނޑިޔާރު މުހައްމަދު ސަލީމް ލިޔުއްވާފައިވެ އެވެ.

އެނގުން މުހިންމު - 'ނައިންޓީ 9'އާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ފަހު، ސިޓީ ކައުންސިލުން އަންނަނީ އަމިއްލަ ބަގީގައި އެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. ކުރިން ޖެނުއަރީގައި ހިދުމަތް ފެށޭނެ ކަމަށް ބުނި ނަމަވެސް، ބައެއް ލަސްތައް ދިމާވެ މިހާރު ހިދުމަތް ފެށޭ ވަރު ވާނެ ކަމަށް ކައުންސިލުން ބުނަނީ ފެބްރުއަރީގެ ތެރޭގަ އެވެ.

ކައުންސިލުން ބަގީ ހިދުމަތް ދޭން ފަށަން ތައްޔާރުވެފައި ވަނިކޮށް، ސަރުކާރުން އެދިގެން އެމްޓީސީސީން ވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތް ވިލިމާލެއަށް ފުޅާކޮށްފަ އެވެ. އެ ކުންފުނިން ބުނަނީ މިހާތަނަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް