އޮގަސްޓް 13، 2022: ސައުތު ކެރޮލައިނާގެ ޖޯންސް އައިލެންޑްގައި ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ދަރިކަލުން ހަންޓާ ބައިޑަންއާ އެކު ދަތުރުކުރައްވަނީ. [ފޮޓޯ/ އޭއެފްޕީ]
ފަހު ވަގުތު ބައިޑަން އޭނާގެ ދަރިކަލުންނަށް މައާފު ދެއްވައިފި
ހަތިޔާރާ ގުޅޭ މައްސަލައެއްގައި ދޮގު ވާހަކަ ދެއްކުމާއި ގާނޫނާ ހިލާފަށް ފިސްތޯލައެއް ގެންގުޅުމުގެ ކުށް ސާބިތުވެ، ފެޑެރަލް ޓެކްސްގެ ދައުވާ ސާބިތުވެފައިވާ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑަންއަށް ރައީސް ބައިޑަން މައާފު ދެއްވައިފި އެވެ.
"މިއަދު އަޅުގަނޑު ސޮއިކޮށްފިން ދަރިފުޅު ހަންޓާއަށް މައާފުދޭން. އަޅުގަނޑު މަގާމާ ހަވާލުވި ދުވަހުން ފެށިގެން ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުންތަކަށް ނުފޫޒު ނުފޯރުވާނަމޭ ބުނިން. އަޅުގަނޑުގެ ދަރިފުޅަށް ސިލެކްޓިވްކޮށް، ބޭއިންސާފުން ދައުވާ ކުރާ ތަން ފެނުނު އިރު ވެސް އަޅުގަނޑު ބަހެއް ނުބުނެ ހުރީ،" ބައިޑެން ވިދާޅުވި އެވެ.
ވައިޓް ހައުސްއިން ތަކުރާރުކޮށް ބުނަމުން ދިޔައީ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭ ގޮތަށް ރިޕަބްލިކަން ޕާޓީގެ އަމާޒަކަށް ވެފައިވާ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ، ހަންޓާ ބައިޑަންއަށް ރައީސް މައާފު ނުދެއްވާނެ ކަމަށާއި އަދަބު ލުއިނުކުރައްވާނެ ކަމަށެވެ.
ހަންޓާ ބައިޑަންގެ މައްޗަށް މިދިޔަ ބުދަ ދުވަހު ހުކުމް އިއްވީ ދޮގު ވާހަކަތަކާއި ހަތިޔާރުގެ ކުށް ސާބިތުވުމުންނެވެ. ޓެކްސްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ނުދެއްކުމުގެ ފެޑެރަލް ދައުވާ މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ.
މީގެ ނުވަ އަހަރު ކުރިން، 2015 ވަނަ އަހަރު ސިކުނޑީގެ ކެންސަރުގައި ދަރިކަލުން ބިއު އަވަހާރަވި ރައީސް ވިދާޅުވީ އޭނާގެ ވާދަވެރިން މަސައްކަތް ކުރީ ސިލެކްޓިވް ޕްރޮސެކިއުޝަނަކުން ހަންޓާގެ ދުވަސް ދުއްވާލުމަށް ކަމަށެވެ.
"އަދުލު އިންސާފުގެ ނިޒާމު އަޅުގަނޑު ގަބޫލުކުރަން، އެކަމަކު އަޅުގަނޑު މިކަމުގެ ތެރެއަށް ވަންނަން ޖެހުނީ މި މައްސަލައިގެ ތެރެއަށް ސިޔާސީ ކަންކަން ވަދެ އަދުލު އިންސާފު ގެއްލިފައިވާތީ." ބައިޑެން ވިދާޅުވި އެވެ.
ކޮމެންޓް