އިޒްރޭލުން ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ލުބްނާނަށް ދެމުން ދިޔަ ހަމަލާތައް ވަރުގަދަކޮށްފައި.
އިޒްރޭލާއި ހިޒްބުاللهއާ ދެމެދު ކުރާ ހަނގުރާމަ ހުއްޓާލައިފި
އިޒްރޭލާއި ހިޒްބުاللهއާ ދެމެދު ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ރޭ ވިދާޅުވެއްޖެ އެވެ.
ބައިޑަން ވިދާޅުވީ ލުބްނާނާއި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް މިއަދުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 13 މަހު ކުރުމުން ދިޔަ ހަނގުރާމަ، އޭނާ އުންމީދު ކުރައްވަނީ ދާއިމަށް ނިންމާލެވޭނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހިޒްބުالله އިން އެއްބަސްވުމުގެ އެއްވެސް ބަޔަކާ ހިލާފުވެއްޖެ ނަމަ އަލުން ހަމަލާދޭން އިޒްރޭލުން ފަސްނުޖެހޭނެ ކަމަށެވެ.
އިރާނުގެ ވާގިވެރިވުމާ އެކު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިޒްރޭލުން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، ބިމުން ހަމަލާއެއް ދޭން ފެށުމުން ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ.
މިއީ ފާއިތުވި އަހަރުތަކުގައި ލުބުނާނުގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންކަމަށާއި އެ ހަމަނުޖެހުންތަކުގައި 3823 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެ އެވެ.
ރޭވިފައިވާ ގޮތަށް މިއަދުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ވެސް ދެ ފަރާތުގެ ހަމަލާތައް ދެމުންދިޔަ އެވެ.
އިޒްރޭލުން ބެއިރޫތުގެ ބައެއް ސަރަހައްދުތައް ހުސްކުރުމުގެ އަމުރު ނެރެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ. ހަނގުރާމަ ހުއްޓާލުމުގެ ގަޑިއިރުތަކެއް ކުރިން ހިޒްބުالله އިން ވަނީ އިޒްރޭލަށް ޑްރޯން ވެސް ފޮނުވާލައިފަ އެވެ.
އެމެރިކާގެ މެދުވެރިކަމުގެ ދަށުން އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުން އިޒްރޭލުން މަޑުމަޑުން ސިފައިން ބޭލުމަށް ހަމަޖެހިފައިވަނީ ލުބުނާނުގެ ސަރުކާރުގެ ސިފައިން ހިޒްބުاللهގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްގެ ކޮންޓްރޯލް އަލުން ހޯދުމުންނެވެ.
ބެލެވޭ ގޮތުގައި ލިޓާނީ ކޯރުގެ ދެކުނުން އޮންނަ ސަރަހައްދުން ހިޒްބުالله ހަނގުރާމަވެރިންނާއި ހަތިޔާރު ނައްތާލާނެ އެވެ. އެއީ އިޒްރޭލާއި ހިޒްބުاللهގެ އެންމެ ފަހު ހަނގުރާމަ 2006 ވަނަ އަހަރު ނިމުނު އިރު ގާއިމުކުރި ބޯޑަރެވެ.
"މި އިއުލާނުގެ ސަބަބުން ދެމެހެއްޓެނިވި ހަމަޖެހުން ގާއިމުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމާ އެކު އެ މީހުންގެ ގެއަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ،" އެމެރިކާ އާއި ފްރާންސުން ނެރުނު ބަޔާނުގައި ބުންޏެވެ.
ހިޒްބުالله އިން ހަނގުރާމަ ހުއްޓާލުމާ ހިލާފުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އަޅައިގެން ރައްދު ދިނުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް އިޒްރޭލުން ބުނެ އެވެ. ބައިޑަން ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޒްރޭލުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ އުތުރުގެ އަވަށްޓެރި ލުބްނާނުގައި ހިޒްބުاللهއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުން އިޒްރޭލުގެ ދިފާއީ ބާރަށް "އީރާނުގެ ނުރައްކަލަށް" ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް