ސިންގަޕޫރުގައި ކުރިއަށް ދިޔަ ޝަންގްރިއްލާ ޑައިލޮގްގައި ޗައިނާގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫން ބައިވެރިވެވަޑައިގަންނަވަނީ. (ފައިލް ފޮޓޯ/ރޮއިޓާސް)
އެމެރިކާގެ ޑިފެންސް ސެކްރެޓަރީއާ ބައްދަލުކުރަން ޗައިނާގެ ޑިފެންސް މިނިސްޓަރު ދެކޮޅު ހަދައިފި
ލާއޯސްގައި ބޭއްވި ދިފާއީ ލީޑަރުންގެ ބައްދަލުވުންތަކުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއާ އެކު ބައްދަލުކުރެއްވުމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ދެކޮޅު ހައްދަވައިފި އެވެ.
ޕެންޓަގަންގެ އިސް ބޭފުޅަކު އިއްޔެ ވިދާޅުވީ މިއީ ހިތާމަވެރި ފިޔަވަޅެއް ކަމަށެވެ.
އޭޝިއާގެ ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުންގެ ބައްދަލުވުންތަކުގައި މީގެ ކުރިން ވެސް އެމެރިކާ އާއި ޗައިނާގެ ދިފާއީ ލީޑަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ. ނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމާއަތް، އާސިއާންގެ އިތުރަށް، އިތުރު ގައުމުތަކުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި އޮސްޓިން ބައިވެރިވެވަޑައިގަތުމަށް ޗައިނާއިން ދެކޮޅު ހެދި އެވެ.
"އެއީ ހިތާމަހުރި ކަމެއް. އެކަމުގެ އަސަރު މި ސަރަހައްދަށް ކުރާނެ. ހަގީގަތުގައި ވެސް މި ސަރަހައްދުން އަޅުގަނޑުމެން ދެ ފަރާތް ދެކެން ބޭނުންވޭ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ސަރަހައްދުގެ މުހިންމު ދެ ބައިވެރިއަކު، މުހިންމު ދެ ބާރެއް، އެކަކު އަނެކަކާ ވާހަކަ ދައްކަން ބޭނުންވާނެ،" އޮސްޓިން ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން މުސްތަގުބަލަށް އެއްވެސް ކަހަލަ އަސަރެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން. އަޅުގަނޑަށް ހީވަނީ އެއީ މިދަނޑިވަޅުގައި އެ ބޭފުޅުން އިހްތިޔާރުކުރި ގޮތްހެން. ރަނގަޅު ފުރުސަތެއްގެ ބޭނުން ނުހިފުމަށް އެ ބޭފުޅުން އިހުތިޔާރު ކުރީ ކީއްވެގެންކަން އެނގޭނީ އެ ބޭފުޅުންނަށް."
އޮސްޓިން ވަނީ މި އަހަރުގެ ކުރީކޮޅު ސިންގަޕޫރުގައި އޮތް ކޮންފަރެންސެއްގެ ހަވާސާގައި ޗައިނާގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫންއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެ ދެ ގައުމުގެ ވިސްނުން، ޓައިވާނާއި އެހެނިހެން ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހުއްޓަސް، ދެ އަސްކަރިއްޔާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ޝީ އެ ޔަގީންކަން ދެއްވި އިރު، ސައިބާ ކްރައިމްއިން ފެށިގެން ވިޔަފާރީގެ ދާއިރާ އާއި ޓައިވާނުގެ މައްސަލަ އާއި ދެކުނު ޗައިނާ ކަނޑުގެ އިތުރުން ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން، މަގާމުން ދުރަށްދާ ރައީސް ޖޯ ބައިޑަންއާ އެކު ދައްކަވާނެ އެންމެ ފަހުގެ ވާހަކަތައް ޝީ ވަނީ ދައްކަވައި ނިންމަވައިފަ އެވެ.
ކޮމެންޓް